ޗައިނާގެ އިރުމަތީ އެއާލައިންސްގެ މަތިންދާބޯއްޓެއް 132 މީހުން ގޮވައިގެން ދަތުރުކުރަމުން ދަނިކޮށް
ވެއްޓިއްޖެއެވެ. ހޯމަ ދުވަހު ހިނގި މި ހާދިސާގައި ބޯޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި މަތިންދާ ބޯއްޓުގެ 9 ކްރޫ މެމްބަރުން ވެސް ހިމެނެއެވެ.
އެ ހިތާމަވެރި ހާދިސާ ހިނގުމާ އެކު ޗައިނާ ސަރުކާރުން ވަނީ އާދަޔާ ޚިލާފަށް އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. ޗައިނާގެ ރައީސް، ޒީ ޖިންގ ޕިންގް ވިދާޅުވި ގޮތުގައި ހާދިސާގެ ސަބަބުން މުޅި ގައުމަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. މީގެ އިތުރުން ޒީ ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވީހާވެސް އަވަހަށް ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފައެވެ.
ޗައިނާގެ އީސްޓް އެއާލައިންސްއިން ބޭއްވި ކޮންފަރެންސްއެއްގައި ވާހަކަދައްކަވަމުން އެ ކުންފުނިން ވަނީ މި ހާދިސާގައި މަރުވެފައިވާ ހުރިހާ ފަރާތްތަކަށް ތައުޒިޔާ ކިޔާފައެވެ.
ކުންމިންގްއިން ގުއަންގްޒޫއަށް ދަތުރުކުރަމުން ދިޔަ ޗައިނާގެ MU5735 މަތިންދާބޯއްޓު ވެއްޓިފައި ވަނީ ވުޒައު ސަރަހައްދު މަތިން ދަތުރުކުރަމުން ދަނިކޮށެވެ. ބޯއްޓު ވެއްޓިފައި ވަނީ ޓަވަރާ އޮތް ގުޅުން ކެނޑުނުތާ 3 މިނެޓު ފަހުންނެވެ. ވެއްޓިފައިވާ މަތިންދާ ބޯޓަކީ ބޮއިންގް-737-800 މޮޑެލްގެގެ މަތިންދާ ބޯއްޓެއްކަން ޗައިނާގެ އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ބޮއިންގްގެ ފަރާތުން ވާހަކަ ދައްކަވަމުން ބޮއިންގްގެ ޗީފް އެޑްމިނިސްޓްރޭޓަރު ވަނީ މި ހާދިސާ ދިރާސާ ކުރުމުގައި ވެވެން ހުރި ހުރިހާގޮތަކުން އެހީ ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ.
މި މަތިންދާ ބޯއްޓު ވެއްޓުނު މަންޒަރުގެ ޑޭޝްކެމް ވީޑިއޯއެއް ވަނީ ޓްއިޓާގައި އާއްމުވެފައެވެ. އަދި މި ވީޑިއޯ ވަނީ ޗައިނާގެ ވިއެބޫ ސައިޓުގައި މަޤްބޫލު ވެފައެވެ. މިހާތަނަށް 1.24ބިލިއަން މީހުން މި ވީޑިއޯ ބެލުމުގެ އިތުރުން 690،000 މީހުން ވަނީ މި ހާދިސާ އާ ބެހޭގޮތުން ވިއެބޫގައި ވާހަކަދައްކާފައެވެ.
ޗައިނާ އަކީ އޭވިއޭޝަން ރައްކާތެރިކަމުގެ ގޮތުން ފާހަގަކޮށްލެވޭ ގައުމެކެވެ. މި ހާދިސާ އަކީ 2010ވަނަ އަހަރު ހިނގި ހާދިސާއަށް ފަހު ޗައިނާގައި ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ.