ދެކުނު ސުދާންގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ޖޮންގްލޭއަށް ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާ ތަކުގައި މަރުވި 32 މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭކަމަށް އދ އިން ހާމަކޮށްފިއެވެ.
މި ހަމަލާތައް ދީފައި ވަނީ ހަތިޔާރުއެޅި މާރްލެ އެތުނިކް ގްރޫޕަށް ނިސްބަތްވާ ޒުވާނުންތަކެކެވެ. އެމީހުން ވަނީ ޖޮންގްލޭގެ އަވަށްތަކަށް އަރައި ގެތައް އަންދައި މީހުންގެ ގަޔަށް ބަޑިޖަހާފައެވެ. މި ހަމަލާގެ ސަބަބުން ދިންކަ ބޫރްއަށް ނިސްބަތްވާ ގިނަ ފަރާތްތަކުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
މަރުވި ފަރާތްތަކުގެ ތެރޭގައި ކޯރެއްތެރެއިންލާފައި ފިލަން މަސައްކަތް ކުރަނިކޮށް ގެނބިގެން މަރުވި 3 ކުޑަކުދިން ހިމެނޭކަމަށް އދ ގެ ދެކުނު ސުދާން މިޝަންއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.
ޖޮންގްލޭގެ ބައިދިތު ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން 26 މީހަކަށްވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. އަދި ފިލި ބައެއް ފަރާތްތައް ހަމަލާ ދިންތާ 2 ދުވަސް ވީއިރުވެސް ފެނިފައެއް ނުވެއެވެ.
އދ އިން ވަނީ މި ހަމަލާތައް ކުށްވެރިކޮށްފައެވެ. އަދި ހަމަލާދިން ފަރާތްތަކަށް އެކަށީގެންވާ އަދަބު ދިނުމަށް ސުދާންގެ ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ގިނަ އަދަދެއްގެ ތެޔޮ ހުންނަ ދެކުނު ސުދާން ވަނީ 2011ވަނަ އަހަރު ސުދާންއިން މިނިވަންވެފައެވެ. ނަމަވެސް 2013ވަނަ އަހަރު ސޫދާން ރައީސް، ސަލްވާ ކިރްއަށް އެއްބާރުލުން ދޭ ފަރާތްތަކާއި ސުދާންގެ ނައިބު ރައީސް، ރެއިކް މަޝަރް އެއްބާރުލުން ދޭ ފަރާތްތަކާއި މެދު ހަނގުރާމަ ކުރަން ފެށުމާ ގުޅިގެން ދެކުނު ސުދާން ވަނީ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފައެވެ.
މި ދާޚިލީ ހަނގުރާމައިގައި 400،000 މީހުން މަރުވެ އެތައް މިލިއަން ބަޔަކު ވަނީ ގެދޮރުން ބޭރުވާން މަޖުބޫރުވެފައެވެ. 2016ވަނަ އަހަރު މަޝަރް އާއި ސަލްވާ އެއްކޮށް ސަރުކާރު ހިންގުމަށް ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ހަމަނުޖެހުންތަކުގެ ސަބަބުން އެ މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. ދެވަނަ ފަހަރަކަށް 2018ވަނަ އަހަރު ސަލްވާ އަދި މަޝަރް އެއްކޮށް މަސައްކަތް ކުރަން ފެށުމަށްފަހު ހަމަނުޖެހުންތައް ވަނީ މަދުވެފައެވެ. ނަމަވެސް ސަރުކާރުން ކުރަން ވައުދުވެފައިވާ ގިނަ ކަންތައްތަކެއް އަދާކުރެވިފައެއް ނުވެއެވެ.
ސަރުކާރުން ހަތިޔާރު އެޅި ޖަމާޢަތްތަކާ މެދު އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވުމުގެ ސަބަބުން ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އަމަލުތަކަށް އަދިވެސް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.
ޖެނުއަރީ އަދި އޯގަސްޓް 2020ގެ މެދުތެރޭގައި ޖޮންގްލޭ ސަރަހައްދުން 7000 އެއްހާ ރައްޔިތުން ވަނީ މަރާލާފައެވެ. މި އަމަލުތައް ހިންގާފައި ވަނީ ހަތިޔާރު އެޅި ކުދި ޖަމާއައްތަކުންނެވެ.