އިނގިރޭސިވިލާތާއި ކެނެޑާއިން ޔޫކްރޭނަށް އެހީ ފޯރުކޮށްދެނީ

Loading

Facebook
Twitter
WhatsApp

އިނގިރޭސިވިލާތުން ޔޫކްރޭނަށް އެންޓި ޓޭންކް ހަތިޔާރު ފޯރުކޮށްދިނުމުގެ އިތުރުން ކެނެޑާއިން ޔޫކްރޭނަށް މަދު އަދަދެއްގެ ސްޕެޝަލް ފޯސަސްގެ ސިފައިން ފޮނުވައިފިއެވެ.

ކެނެޑާ އަދި އިނގިރޭސިވިލާތުން މި ފިޔަވަޅުތައް އަޅާފައި ވަނީ ރަޝިއާއިން ޔޫކްރޭނަށް އަރާނެ ކަމުގެ ބިރުބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ރަޝިއާއިން ޔޫކްރޭނަށް އަރާނެ ބަހަނާއެއް ހޯދަމުން ދާކަމަށް ބުނެ އެމެރިކާއިން ދެއްކި ވާހަކަތަކާމެދު ފާއިތުވި ހަފްތާގައި ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖޭ ލަވްރޮވް ވަނީ ނުރުހުން ފާޅުކުރައްވައި އެ ވާހަކަތައް ދޮގުކުރައްވާފައެވެ.

ރަޝިއާއިން ވަނީ ޔޫކްރޭނުގެ ބޯޑަރު ކައިރިޔަށް 100،000 އެއްހާ ސިފައިން ޖަމާކޮށްފައެވެ. މިކަމާ މެދު ނޭޓޯއާއި އެމެރިކާއާ އެކު ރަޝިއާއިން ވަނީ ޖެނީވާގެ އިތުރުން ބްރަސެލްސްގައި ވެސް ބައްދަލުވުންތަކެއް ބާއްވާފައެވެ.

މި ބައްދަލުވުންތަކުގައި ރަޝިއާއިން ވަނީ ޝަރުތުތަކެއް ހުށައަޅާފައެވެ. އަދި މި ޝަރުތުތުތައް ފުރިހަމަ ނުވެއްޖެނަމަ އަސްކަރީ ބާރު ބޭނުންކުރާނެ ކަމަށް ވެސް ބުނެފައެވެ. ރަޝިއާއިން ހުށައެޅި ޝަރުތުތުތަކުގެ ތެރޭގައި ޔޫކްރޭން ނޭޓޯގައި ބައިވެރި ނުކުރުމަށް އެއްބަސްވުން ހިމެނެއެވެ. ރަޝިއާއިން ދެކޭގޮތުގައި ނޭޓޯއިން ޔޫރަޕްގެ އިރުމައްޗަށް ނުފޫޒު ގަދަ ކުރުމަކީ އެމީހުންނަށް އޮތް ނުރައްކަލެކެވެ. ނަމަވެސް އެމެރިކާ އަދި ނޭޓޯއިން ވަނީ ރަޝިއާގެ މި ޝަރުތުތަކަށް އިންކާރު ކޮށްފައެވެ. އަދި އެއަށްފަހު ޔޫކުރޭނުން ވަނީ ހުޅަނގުގެ ގައުމުތަކުގެ ކިބައިން އެހީ ހޯދުމަށް އެދިފައެވެ.

ޕާލަމެންޓްގައި ވާހަކަދައްކަވަމުން އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ހާމަކުރައްވާފައިވާ ގޮތުގައި ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަށް އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. އަދި މި ހަތިޔާރުތަކުގެ ސަބަބުން ރަޝިއާއަށް އެއްވެސް ނުރައްކަލެއް ނޯންނާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ބައިނަލްއަގުވާމީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ކެނެޑާގެ ސްޕެޝަލް ފޯސަސް ޓީމެއްވެސް ވަނީ ޔޫކްރޭނަށް ފޮނުވާފައެވެ. މި ޓީމުގެ މަގުސަދަކީ ރަޝިއާއިން ޔޫކްރޭނަށް އަރައިފިނަމަ ކެނެޑާގެ ޑިޕްލޮމެޓުން ޔޫކްރޭނުން ފަސޭހަކަމާއެކު ފޭބޭނެ މަގު ހޯދުން ކަމަށް ވެސް ހަބަރުތަކުގައި ބުނެފައިވެއެވެ.

ޔޫކްރޭނަށް ސްޕެޝަލް ފޯސަސްގެ ޓީމެއް ފޮނުވި ކަމަށް ބައެއް ޚަބަރުތަކުން ހާމަކޮށްފައިވި ނަމަވެސް ކެނެޑާގެ ސްޕެޝަލް ފޯސަސްގެ ތަރުޖަމާނު ވަނީ މި ވާހަކަތައް ޔަގީންކޮށް ނުދެވޭނެކަމަށް ބުނެފައެވެ. ނަމަވެސް އޭނާ ބުނެފައިވާ ގޮތުގައި ކެނެޑާގެ ސްޕެޝަލް ފޯސަސްއިން ވަނީ 2020ވަނަ އަހަރުން ފެށިގެން އިންސްޓްރަކްޓާރ އަދި ލީޑާޝިޕް ތަމްރީން ޔޫކްރޭނުގެ ސިފައިންނަށް ދޭން ފަށާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް