ވެސްޓް ބޭންކް ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ އިޒުރޭލުގެ ފުލުހަކު ދިން ހަމަލާ އެއްގައި އެ ގައުމުގެ އެހެން ދެފުލުހަކު މަރުވެއްޖެއެވެ.
އިޒުރޭލުގެ ޢަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އޮޒް ބްރިގޭޑްގެ ކޮމާންޑޯ ޔުނިޓްކަމަށްވާ އީގޯޒް ޔުނިޓް ތެރޭގައެވެ.
މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެ ދެ ސިފައިން ފެނުމުން ފަލަސްތީނުގެ ބަޔަކު ދޭ ހަމަލާއެއްކަމަށް ޝައްކު ކުރެވި، އެ ޔުނިޓްގެ އެހެން ސިފައިން ދިން ހަމަލާގައި އެ ދެ ސިފައިން ވަނީ މަރުވެފައެވެ. މަރުވެފައިވާ ސިފައިންގެ އާއިލާތަކަށް މިހާރު ވަނީ އެ ޚަބަރު ފޯރުކޮށްދީފަކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
ދަ ޖެރުސަލެމް ޕޯސްޓް ނޫހުގައި ބުނެފައިވާ ގޮތުގައި މަރުވި ދެ ސިފައިން މަރުވެފައި ވަނީ ނަބީ މޫސާ ބޭހުގައި އޮތް ޑްރިލްއެއް ނިންމާފައި ޕެޓްރޯލް ކުރަމުން ދަނިކޮށެވެ.
ސެންޓްރަލް ކޮމާންޑްގެ 98ވަނަ ޑިވިޝަންގެ ހެޑްކަމަށްވާ ބްރިގޭޑިއަރ ޖެނެރަލް އޮފާ ވިންޓާސް ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ޑްރިލްގެ ތެރޭގައެއްނޫނެވެ.
އިޒުރޭލުގެ މިލިޓަރީން މަރުވި ފުލުހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔަމުން ބުނެފައިވާ ގޮތުގައި މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އިސްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ވެސް ވަނީ މަރުވި ސިފައިންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.