ޕާކިސްތާނުގެ ސެކިއުރިޓީ އޮފިޝަލުން ހާމަކުރާ ގޮތުގައި އިރުމަތީ އަފްޣާނިސްތާނުގައި ޠާލިބާނުގެ ޕާކިސްތާނު ގޮފީގެ އިސް ވެރިއަކު މަރާލައިފިއެވެ. މިހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ސަރުކާރާއި ޠާލިބާނުންގެ މެދުގައި ދެކެވެމުންދިޔަ ސުލްހައިގެ ވާހަކަތައް މެދުކެނޑިފައިވާ ދަނޑިވަޅެއްގައެވެ.
އަލްޖަޒީރާ ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވާގޮތުގައި ޚާލިދް ބަލްތީ މަރާލާފައި ވަނީ ޕާކިސްތާނުގެ ބޯޑަރު ކައިރި ނަގްރާހް ޕްރޮވިންސްގައެވެ. ޠާލިބާނުގެ ތަރުޖަމާނެއްގެ ގޮތުގައި ޚާލިދް ބަލްތީ އުޅުނު އިރު އޭނާ މަޝްހޫރުވެފައި ވަނީ މުޙައްމަދު ކުރްސާނީގެ ނަމުންނެވެ. ބަލްތީ މަޝްހޫރުވެފައިވާ ނަން ކަމަށްވާ މުޙައްމަދު ކުރްސާނީ އަކީ ޕާކިސްތާނީ ޠާލިބާނުންގެ ތަރުޖަމާނުންނަށް ދެވެމުން އަންނަ ނަމެކެވެ.
ޕާކިސްތާނުގެ ނޫސްތަކުން ވަނީ ބަލްތީ މަރާލާފައިވަނީ ބަޑި ހިފައިގެން ތިބި ބަޔެއް ކަމަށް ރިޕޯޓް ކޮށްފައެވެ. އަދި އެމީހުންނަކީ ކޮން ބަޔެއްކަން ނޭނގޭކަމަށް ވެސް ނޫސްތަކުން ބުނެފައިވެއެވެ. ނަމަވެސް މި ޚަބަރުތަކުގެ ސައްހަކަން ޔަޤީނެއްނުވެއެވެ.
ޕާކިސްތާނީ ޠާލިބާނުން ނެރުނު ބަޔާނެއްގައި ކުރްސާނީ މަރުވި ގޮތާމެދު ތަހުގީގެއް ކުރަމުން ދާކަމަށް އެމީހުން ވަނީ ބުނެފައެވެ.