ޕާކިސްތާނުގެ ފުލުހުންގެ ޖަމިއްޔާއިން މައުލޫމާތު ދޭގޮތުގައި އެގައުމުގައި ހިންގަމުންދާ ޕޯލިއޯ ވެކްސިން ކެމްޕޭންގައި ހަރަކާތްތެރި ވަމުންދިޔަ ޑޮކްޓަރުންގެ ސަލާމަތީކަންތައްތައް ބަލަހައްޓަން އުޅުނު ފުލުހެއްގެ ގަޔަށް ބަޑިޖަހައި އެމީހާ މިދިޔަ އާދިއްތަދުވަހު މަރާލައިފިއެވެ. މިހަމަލާ ދީފައިވަނީ ކޮންބައެއްކަން ސާފުކޮށް އެނގޭކަށް ނެތެވެ. ނަމަވެސް ބަޑިޖަހާފައި ވަނީ ސައިކަލަކުގައި ދަތުރު ކުރި ދެމީހުންނެވެ. މިދެމީހުން ނިސްބަތް ވަނީ ޕާކިސްތާން ޠާލިބާނުންގެ ޖަމާއަތެއް ކަމުގައިވާ ޓީޓީޕީއަށެވެ.
އެޖަމާއަތުން ވަނީ މީގެ ދެ ދުވަސް ކުރިންވެސް ފުލުހަކަށް އަމާޒުކޮށް ހަމަ މިފަދަ ހަމަލާއެއް ދީފައެވެ. މިހަމަލާ ދީފައި ވަނީ އެޖަމާއަތުން ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް އައިކަން އިއުލާނު ކުރިތާ ތިންދުވަސް ފަހުންނެވެ. މީގެ ކުރިން ޕާކިސްތާނުގެ ސަރުކާރާއި މިޖަމާއަތާ ދެމެދު ވަނީ ހަތިޔާރުގެ ބާރު ބޭނުން ނުކުރުމަށް އެއްބަސްވެފައެވެ. މި ޖަމާއަތުގެ ވެރިޔާ، ނޫރްވާލީ މަސްއޫދު ވަނީ މިދިޔަ ހުކުރު ދުވަހު އޯޑިޔޯ މެސެޖެއް އާންމުކޮށްފައެވެ. ސަރުކާރާއިއެކު އެޖަމާއަތުން ވެފައިވާ އެއްބަސްވުމަށް ސަރުކާރުން އަމަލުކޮށްފައި ނުވާކަމަށާއި މިހާރު މި އެއްބަސްވުމުގެ މުއްދަތު ނިމުމަކަށް އައިސްފައިވާކަމަށް މިއޯޑިޔޯ މެސެޖުގައި ބުނެފައިވެއެވެ.
ޕާކިސްތާނުގައި ޕޯލިއޯ ބަލީގެ ނުރައްކާތެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެހެންކަމުން ސަރުކާރުން ހިންގަމުންދާ ޕޯލިއޯ ވެކްސިނޭޝަން ކެމްޕޭނުގެ މަގުސަދަކީ ވީހާވެސް ގިނަ ރައްޔިތުން ބަލިން ރައްކާތެރިކުރުމެވެ. ނަމަވެސް ޓީޓީޕީ ފަދަ ޖަމާއަތްތަކުން ދެކޭގޮތުގައި ވެކްސިން ޖެހުމަކީ ހުޅަނގުގެ ފިކުރެކެވެ. ޕޯލިއޯ ވެކްސިން ޖެހުމުގެ ހިދުމަތް ދެމުންދާ ތަންތަނަށާއި މީހުންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް އެޖަމާއަތުން ދެމުން ގެންދަނީ އެކަމާ ނުރުހޭތީއެވެ.