ވެރިކަމުގެ މިދައުރުގައި އެޑިއުކޭޝަން ދާއިރާއިން ޖިންސީ ގޯނާގެ 40 ވަރަކަށް މައްސަލަ ބަލައި މި މައްސަލަތަކާ ގުޅިގެން 30 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ގަލޮޅު ސްކޫލުގައި އުމުރުން ހަރަތު އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތައް ސާފު ކުރުމަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ކުރެއްވި ސުވާލުގައި މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކަކީ މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައ ބަލަމުންދާ މައްސަލަތަކެއްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ މައްސަލަތަކުގައި އެޑިއުކޭޝަން ދާއިރާގެ އެއްވެސް މުވައްޒަފަކަށް ތުހުމަތު ކުރެވޭނަމަ ފިޔަވަޅު އަޅަމުން އަންނަ ކަމަށާ އެގޮތުން އެކަން ސާބިތުވާ ހިސާބުން އެމީހަކު ވަޒީފާއިން ވަކިކުރާނެކަމަށެވެ. އެގޮތުން މިހާތަނަށް މިނިސްޓްރީއަށް ހުށަހެޅި މިބާވަތުގެ 40 މައްސަލައެއްގައި 30 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ހުރިހާ މުވައްޒަފުން ސަސްޕެންޑް ކުރާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”މިހާރު ވެސްް ތިޔަ ކަހަލަ ކަންތައްތައް ގާތްގަނޑަކަށްް ހަތް ވަރަކަށް ކޭސް ހިނގަމުން އެބަދޭ. އެކަމަކު އެ ބޭބޭފުޅުން ތިއްބެވީ ވަޒީފާއިން އެކަހެރި ކުރެވިފައި،“ އައިޝަތު އަލީ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ގަލޮޅު ސްކޫލުގައި ހިނގި ހާދިސާއަކީވެސް މިނިސްޓްރީއަށް ރިޕޯޓް ކުރި ވަގުތުން ފެށިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދިޔަ މައްސަލައެއްކަމަށާއި، އެވަގުތުން ފެށިގެން ތުހުމަތުކުރެވޭ އެންމެން ސަސްޕެންޑްކޮށް، މިހާރު މިކަމުގައި ޝާމިލުވާ މީހާވެސް މިހާރު ހައްޔަރު ކުރެވިފައިވާކަމަށެވެ.
އަދި އެ ސްކޫލުގައި ސީީސީ ޓީވީ ކެމެރާ ބެހެއްޓުމާއި މުދައްރިސުން އިތުރަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑު އަސްލު ހަމަ ބެލެނިވެރިންނަށް ވެސް މިއަދު ހަމަ ޔަގީންކަން އަރުވަން ބޭނުން ސްކޫލްތަކުން މިފަަދަ ހާދިސާތައް ނުހިނގާނެ ގޮތައް އަޅުގަނޑުމެން ތަރުތީބުކުރަމުންނޭ ގެންދަނީ. އަދި އެކަން ކަށަވަަރުކުރުމަށް ޓަކައި އިތުރަށް އެޅެން ހުރި ފިޔަވަޅުތައް ވެސް އަޅާނަމޭ،“ އޭނާ ވިދާޅުވި އެވެ.