ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ނިންމާފައިވަނީ މިދިޔަ އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތަށެވެ.
އެ ޕްލޭންގައި ވާގޮތުން މާކެޓް ބޭސްޑް އިންސްޓްރޫމަންޓެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅު ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުން ވަނީ ޓެކްސް ނަގަން ނިންމާފައެވެ.
އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން މި ޓެކްސް ނަގަން ރާވާފައިވާއިރު، މި ޓެކްސް ނެގުމަށް ކަނޑައަޅާފައިވަނީ، ކޮންމެ ސައިޒެއްގެ ކޮތަޅަކުންވެސް ދެ ރުފިޔާއެވެ.
މިއާއެކު ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކުހުން ދައުލަތަށް 47.7 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ދައުލަތުގެބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.
މީގެ އިތުރުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާފައިވާ އައު ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފައެވެ.
އެ ބަޖެޓުގައި ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާ އާ ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ.
ބަޖެޓު ބަޔާން ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2022 ވަނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ.