ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގާނޫނަށް ހޭލުންތެރިކުރުވުމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ (ޕީއައިއެލްސީ) އިން ކެމްޕެއިނެއް އިޕްތިތާހް ކޮށްފިއެވެ.
ޕީއައިއެލްސީން ބުނީ ”މައިގްރަންޓްސް މެޓަރ“ގެ ނަމުގައި ފެށި މި ކެމްޕެއިނަކީ އެއްއަހަރުދުވަހުގެ ކެމްޕެއިނެއް ކަމަށާ މި ކެމްޕޭނަކީ އޭޝިޔާ ފައުންޑޭޝަންގެ ސްމޯލް ގްރާންޓްސް ޕްރޮޖެކްޓްގެ ދަށުން ޕަބްލިކް އިންޓަރެސް ލޯ ސެންޓަރުން ކުރިއަށްގެންދާ ”ލޭބަރ މައިގްރޭޝަން އިން މޯލްޑިވްސް ޕްރޮޖެކްޓް“ ގެ ދަށުން ހިންގާ ކެމްޕޭނެކެވެ.
މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ދެކުނު އޭޝިޔާގެ މަސައްކަތްތެރިންގެ ތެރެއިން ހާއްސަކޮށް ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި އެކަމާއި ގުޅޭ ހައްލުތައް ފާހަގަކޮށް އެކްޝަން ޕްލޭނެއް ތައްޔާރުކުރުމަށް ރޭވިފާކަމަށް އެ ލޯފާމުން ބުނެއެވެ.
ޕީއައިއެލްސީން ބުނީ މި ކެމްޕެއިންގެ ދަށުން ގާނޫނަށް ހޭލުން ތެރި ކުރުރުވައި ގާނޫނީ އެހީތެރިކަން ބިދޭސީންނަށް ލިބިގެންދާނެކަމަށެވެ
އެގޮތުން ސޯޝަން މީޑިއާ މެދުވެރިކޮށް ބިދޭސީންނަށް މައުލޫމާތު ފޯރުކޯށްދޭއިރު އެމީހުންނަށް ފަހުމްވާނެހެން އެމީހުންގެ ބަހުން މައުލޫމާތުތައް ފޮރުކޮށްދެވޭނެކަމަށް ވެސް އެ ސެންޓަރުން ހާމަކުރެއެވެ.
ޕީއައިއެލްސީން ބުނީ މިކެމްޕޭނުގައި ބިދޭސީންނަށް މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކާއި އެ މީހުންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކަށް ހޭލުތެރިކުރުމާއި، ހިއުމަން ޓްރެފިކިންއާ ގުޅޭ ގިނަ މައުލޫމާތުތަކެއކޮށް ހޭލުންތެރިކުރުވުމަށް ޚާއްސަ އިސްކަމެއްދޭނެ ކަމަށެވެ.
އަދި މިކެމްޕޭނުގެ ދަށުން ހިލޭސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ފަސް ރަށެއްގައި ކެމްޕެއިން ތައް ހިންގުމަށް ތައްޔާރުވަމުންދާކަމަށްވެސް ޕީއައިއެލްސީން ބުނެއެވެ.
ޕީއައިއެލްސީން ބުނީ މި ކެމްޕެއިނުން ފާހަގަކުރެވޭ މައިގަނޑު ކަންތައްތައް ސަރުކާރާ ހިއްސާކުރާނެ ކަމަށެވެ.