މާލެ ސިޓީގައި އައްޔަންކުރާ ބުލޮކް ވެރިންނަށް ވުމަށް އެދުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މާލޭ ސިޓީކައުންސިލުން ބުނީ ބްލޮކްތަކުގެ ވެރިންނަށް ވުމަށް އެދުމުގެ މުއްދަތު އިތުރުކުރީ ގިނަ ފާރާތްތަކުން އެކަމަށް އެދެމުން ދާތީ ކަމަށެވެ.
ބްލޮކްތަކުގެ ވެރިންނަށް ވުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ. މި މުއްދަތު ކުރިން އޮތީ މި މަހު 16 ގެ ނިޔަލަށެވެ.
ސިޓީ ކައުންސިލުން ބުނީ ކޮންމެ ބްލްކޮއަކަށް ވެރިއަކު އައްޔަން ކުރުމަށް ނިންމަވާފައިވަނީ ސިޓީ ކައުންސިލުގެ މަސައްކަތްތައް ރައްޔިތުންނާ ވީހާ ވެސް ގާތުން ކުރިއަށް ގެންދިއުމުގެ ބޭނުމުގައިކަމަށެވެ.
ބްލޮކްތަކުގެ ވެރިން ހޮވަނީ އިންތިހާބެއ ބާއްވައިގެންނެވެ. މި އިންތިހާބަށް ވާދަކުރެވޭނީ އެ ބްލޮކެއްގައި އުޅޭ އުމުރުން 18 އަހަރުން މަތީގެ ވަށްކަމާއި ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިނުވާ މީހުންނަށެވެ.
ބްލޮކް ވެރިޔަކަށް ވުމަށް އެދޭ ފަރާތަކުން ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް، ޖިންސީ ޖިސްމާނީ ހާނިއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުމާއި، އެފަދަ މައްސަލައެއްގެ ތަހްގީގުގައި ބަންދުވެފައިވާ މީހެއްކަމުގައި ނުވުމާއި، ތަހުގީގުގެ މަރުހަލާގައި ހިމެނޭ މީހެއްކަމުގައި ނުވުން ހިމެނެއެވެ.
ނަމަވެސް ޖިނާއީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ޙުކުމް ތަންފީޒު ކުރެވުނުތާ 3 އަހަރު ވެފައިވާ މީހުންނަށް ކުރިމަތިލެވޭނެއެވެ.
މި އިންތިހާބަށް އެއްވެސް އެހެން މަގާމެއްގައި ހުރި މީހަކަށް ބައިވެރިނުވެވޭނެކަމަށާއި މުސްތަގިއްލު މުއައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރާ ފަރާތަކަށްވެސް ކުރިމަތި ނުލެވޭނެކަމަށެވެ.
މާލޭ ސިޓީގެ ބްލޮކުވެރިޔާ އިންތިޚާބަށް ކުރިމަތިލެވޭނީ 10 މީހުންގެ ސޮޔާއެކު ފޯމް ހުށައަޅައިގެންނެވެ.
ބްލޮކް ވެރިޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބުލޮކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުމުގެ ހާލަތު އެނގުން އަދި ކައުންސިލުން އެދިއްޖެ ކޮންމެ ފަހަރަކު އެ މައުލޫމާތު ހިއްސާކުރުމާއި ބުލޮކުގައި ދިރިއުޅޭ މީހުން ދިރިއުޅެމުންދާ ތަންތަނުގެ ފުރިހަމަ މައުލޫމާތު އެނގުމާއި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހޯދައި އެކަން ހައްލު ކުރުމަށް އެކަމުގެ މައުލޫމާތާއި އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ކައުންސިލަށް ހުށަހެޅު ހިމެނެ އެވެ.
އަދި ބްލޮކްގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލާއި ހިއްސާކުރުމާއި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކުގެ ތަރައްގީ އާއި ކުރިއެރުމަށް ކައުންސިލުން ހަވާލުކުރާ މަސައްކަތްކުރުމާއި ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ހިޔާލު ހޯދުމުގެ ސާވޭތައް ކުރުމުގައި އިސްވެ އެފަދަ ކަންކަމުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.