ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި އަނެއްކާވެސް ދިވެހި ފިރިހެނަކު މަރުވެއްޖެ އެވެ.
ސީރިއާ އަށް ހަނގުރާމައަށްދާ ދިވެހިންގެ މައުލޫމާތު ފަތުރާ ޝޯޝަލް މީޑިއާ ޕޭޖަކުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ހަނގުރާމައިގައި އަނެއްކާވެސް ދިވެއްސަކު މަރުވި ކަމަށް ބުނެ އެމީގެ ފޮޓޯވެސް އާންމުކޮށްފަ އެވެ.
ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެމީހާ މަރާގުޅޭގޮތުން މައުލޫމާތު ހާމަކޮށްފައި ނުވެއެވެ. މަރުވިމީހާ އަކީ ކޮން ރަށެއްގެ ކާކުކަން އަދި ސާފެއް ނުވެއެވެ.
އެމީހާގެ މައުލޫމާތު އާންމުކުރި ޕޯސްޓްގައި ބުނެފައިވާ ގޮތުގައި އޭނާ މަރުވީ އިދުލީބްގެ ޖަބަލުއް ޒަވިއްޔާ ނަމަކަށް ކިޔާ ސަރަހައްދުގައި ”ފްރޮންޓްލައިނެއް ދިފާއުކުރުމުގައި“ އުޅެނިކޮށެވެ.
އޭނާ މަރުވިކަމަށް ބުނާ މީހުން އޭނާ އަށް ދީފައިވާ ނަމަކީ ”އަބޫ އަބްދުއްރަހްމާން“ އެވެ. އަދި ”އަބޫ ހަޖަރު“ ނަމުން ވެސް އެ ޕޯސްޓްގައި އޭނާއަށް މުހާތަބުކޮށްފައިވެ އެވެ.
ހަނގުރާމަ ކުރުމަށް ރާއްޖޭން ސީރިއާއަށް ގޮސް އުޅޭ މީހުން ގުޅިގެން އުޅެނީ، އެނގިފައިވާ ގޮތުގައި މައިގަނޑު ދެ ޖަމާއަތަކާ އެވެ. އެއީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ޖަބުހަތުއް ނުސްރާ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މަރުވި މީހާގެ މައުލޫމާތު އާއްމުކޮށްފައި ވަނީ ”ބިލާދުއް ޝާމް“ގެ ނަމުގައި މައުލޫމާތު ފަތުރާ މީހުން ކަމަށް ވާތީ މަރުވި މީހާ ހަނގުރާމަ ކުރަމުން ދިޔައީ ބެލެވޭ ގޮތުގައި ޖަބުހަތުއް ނުސްރާއާ ގުޅިގެންނެވެ.
ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ރާއްޖޭން ގިނަ އަދަދެއްގެ މީހުން ގޮސް ހަނގުރާމައިގައި މަރުވަމުންދާއިރު އެމީހުން ގެންދާ އަންހެނުންނާ ކުޑަކުދިން ހާލުގައި ޖެހުމަކީ ވަރަށް އާންމުކަމެކެވެ. މިގޮތަށް ހާލުގައި ޖެހޭ ބައެއް މީހުން ރާއްޖެއަންނަން ބޭނުންވެގެން ރާއްޖެ ސަރުކާރުގައި ވެސް ދަނީ އެދެމުންނެވެ.