އައްޑޫސިޓީގައި އިންޑިއާ ކޮންސިއުލޭޓެއް އަޅަން އުޅުމުން އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ދަނިކޮށް، އެ ސިޓީގައި އިންޑިއާ ކޮންސިއުލޭޓެއް އެޅުމުގެ ކުރިން ޗައިނާ ނުވަތަ ސްރީ ލަންކާގެ ކޮންސިއުލޭޓެއް ގާއިމްކުރެވޭތޯ ބަލަމުން އަންނަ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ”ފަލަސުރުހީ“ ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫގައި ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ގާއިމް ކުރެވިއްޖެ ނަމަ، އެ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމުގެ މައްސަލަ އަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
ނިޔާޒު ވިދާޅުވީ ބައެއް ފަރާތްތަކަށް ކަމުނުދަނީ އިންޑިއާ އިން ކޮންސިއުލޭޓެއް އަޅަން އުޅޭތީ ކަމަށާ، އޭގެ ކުރިން އެހެން ގައުމެއްގެ ކޮންސިއުލޭޓެއް އެޅުމުން އެކަން ހައްލުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
”އަޅުގަނޑު މި ބަލަނީ އިންޑިއާ ކޮންސިއުލޭޓް އައުމުގެ ކުރިން އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ހުޅުވަން. އޭރުން އެ ވާހަކައެއް (އިންޑިއާގެ ކޮންސިއުލޭޓް އެޅުމާ ދެކޮޅު ވާހަކަ) ނުދައްކާނެހެން ހީވަނީ، އޭރުން ހައްލުވީ،“ ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާގެ ކޮންސިއުލޭޓް ގާއިމްކުރުން ބޮޑު މައްސަލައަކަށް ހެދީ އެ ގައުމާ ދެކޮޅަށް ހިންގާ ކެމްޕެއިންގެ ތެރެއިން ކަމަށާއި ނަމަވެސް މި ކޮންސިއުލޭޓް އެޅުމުގައި އިންޑިއާގެ ނިޔަތް ރަނގަޅު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން އިންޑިއާގެ ކެބިނެޓުން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ދިވެހި ސަރުކާރަށް އަމާޒުވެފައި ވީ ނަމަވެސް ތަކުރާރުކޮށް މި ކަމަށް ތާއީދު ކުރައްވާކަން ހާމަކުރަމުންއަންނަ މޭޔަރު ނިޒާރު ވިދާޅުވީ ޗައިނާގެ ކޮންސިއުލޭޓެއް ހުޅުވަން އެ ގައުމުގެ އެމްބަސީގެ ބޭފުޅުންނާ މަޝްވަރާ ވެސް ކުރައްވައިފައިވާ ކަމަށެވެ.
ނަމަވެސް އައްޑޫގައި ޗައިނާގެ މާ ބޮޑު މަޝްރޫއެއް ކުރިއަށް ނުދާތީ، ކޮންސިއުލޭޓެއް ގާއިމްކުރުމުގެ ވިސްނުން އަދި އެ ގައުމުން ނުގެންގުޅޭ ކަމަށް ވެސް އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނިޔާޒު ވިދާޅުވި އެވެ.
2 Responses
India out
ނިޒާރު ވިދާޅުވީ … މި ކޮންސިއުލޭޓް އެޅުމުގައި އިންޑިއާގެ ނިޔަތް ރަނގަޅު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ?