ޣައްޒާ ފުނޑާލަން އިޒުރޭލަށް ހިތްވަރު ދިނުމަށް ފަހު އެމެރިކާއިން ފަލަސްތީނަށް 350 މިލިއަން ޑޮލަރުގެ އެހީއެއް ވުމަށް ނިންމައިފިއެވެ.
ފަލަސްތީނަށް އެމެރިކާއިން ދޭން ނިންމި އެހީއަކީ އިޒުރޭލުން ދާދި ފަހުން ފަލަސްތީނަށް ދިން ހަމަލާތަކުގައި ގެއްލުން ލިބުނު ރައްޔިތުންނަށް އެހީ ތެރިވުމަށާއި ފަލަސްތީނުގެ އިމާރާތްތަކަށާއި އެކިއެކި އިދާރާތަކަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް ރަނގަޅު ކޮށް ދިނުމުގެ ގޮތުން ދޭ އެހީއެކެވެ. މި އެހީގެ ކަންތައް ހިންގައި ބަލަހައްޓާނީ އެމެރިކާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ޔޫއެސް އެއިޑުންނެވެ.
އެމެރިކާއިން ފަލަސްތީނަށް އެހީވަނީ އެމެރިކާއިން ދޭ އެހީގެ އެންމެ ލޯލާރިއެއްވެސް ފަލަސްތީނުގެ ޙަމާސް ޖަމާއަތަށް ނުލިބޭނެ ގޮތް ހެދުމަށް ޝަރުޠުކޮށްފައެވެ. އެއީ ޙަމާސްއަށް ފައިސާ ލިބިއްޖެނަމަ އިޒުރޭލަށް ހަމަލާދޭން ހަތިޔާރު އުފައްދަން ފައިސާ ބޭނުން ކޮށްފާނެތީއެވެ.
އެމެރިކާގެ އިތުރަށް ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކުންނާއި އަރަބި ގައުމުތަކުން ވެސް ފަލަސްތީނަށް އެކަށީގެން ވާވަރުގެ އެހީއެއް ވަރަށް އަވަހަށް ފޯރުކޮށްދޭނޭކަމުގެ ޔަގީންކަން އެ ގައުމުތަކުން ވަނީ ދީފައެވެ.
އިޒުރޭލުން މި މޭމަހުގެ 10 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދިން ވަރުގަދަ އަދި އަނިޔާވެރި ހަމާލާތަކުގައި ފަލަސްތީނުގެ 250އަށްވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި 66 ކުޑަކުދީންނާއި މުސްކުޅިންވެސް ހިމެނެއެވެ. އޭގެ އިތުރަށް އިޒުރޭލުގެ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމްވެ އެތައް ހާސް ބައެއްގެ ބޯހިޔާވަހިކަން ފުނޑުފުނޑު ވެގެން ދިޔައެވެ.
އިޒުރޭލުން ފަލަސްތީނަށާއި އަރަބީންނަށް ދެމުންދާ ހަމަލާތަކަށް އަބަދުވެސް ހިމޭނުން އޮވެ އެމެރިކާއިން ތާއިދުކުރަމުން ގެންދެއެވެ.