ތުޅާދޫ ޓްރޮފީ ވަރަށް ވެސް ފުރިހަމަ

Loading

Facebook
Twitter
WhatsApp
news

ބ އަތޮޅު ތުޅާދޫ އަކީ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ލާމަސީލު ބައެއް ދިރިއުޅެމުންދާ ހިތްގައިމު ކުޑަ ރަށެކެވެ. ރާއްޖޭގައި ފަންނުވެރިކަމުގެ ހުނަރު ދައްކުވައިދޭ ކޮންމެ ހަފްލާއެއްގައި ތުޅާދޫ މީހުންގެ ހުނަރު ދައްކުވައިދެނީ ވަރަށްވެސް ޒީނަތްތެރިކޮށެެވެ. އެ ހަފްލާތަކަށް އެ ރަށުމީހުން ޖަރީކޮށްފައި ހުންނަ ލިޔެލާޖެހި ތަކެތީގެ ސަބަބުން އެތަށް ބައެއްގެ ލޯ އެއަށް ހުއްޓުވައިލައެވެ. މި ފަންނު ވެރިކަމުގެ ސަބަބުން ތުޅާދޫ މީހުންނަށް ވަނީ އެތަށް އެވޯޑެއް ވެސް ލިބިފައެވެ.

މިފަހަރުވެސް އެންމެންގެ ލޯތަށް ތުޅާދޫ އަށް ހުއްޓިއްޖެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކުލަރީތި ވަރަށްވެސް ފުރިހަމަ ފޮޓޯތަކަކަށެވެ. މިފަހަރު ދެ ވަނައެއް ނުވާފަދަ ރީތި ޓްރޮފީއެކެވެ.

މި ޓްރޮފީ އަކީ އެރަށު އަމިއްލަ ޖަމިއްޔާ އެއް ކަމުގައިވާ ތުޅާދޫ ސްޕޯޓްސް ކުލަބު ( ޓީއެސްސީ) އިން އިންތިޒާމް ކޮށްގެން ބޭއްވި އަންހެނުންގެ ފުޓްސެލް މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިން ޓްރޮފީއެވެ.

ލަކުޑީގައި ލިޔެލާ ޖަހައިގެން ހަދާފައިވާ މި ޓްރޮފީވަރަށްވެސް ތަފާތެވެ. ރަތާއި ކަޅު އަދި ރީދޫކުލަ އިން ހަދައިފައި ހުރި މި ރީތި ޓްރޮފީގައި އާންމުކޮށް ލިޔެލާ ޖަހާފައި ހުންނަ އިރު ހުންނަ ރީތި ކުރެހުން ފެންނަންހުއްޓެވެ. ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލު ކުރީ ވަގުތުން އޭގައި އެ ޓީމުގެ ނަން ވެސް ކަނޑައިނެގުމަށް ފަހުއެވެ.

މި މުބާރާތުގައި އެރަށުގެ ހުނަރުވެރިކަން ފާހަގަވީ ހަމަ އެކަނި ޓްރޮފީއަކުން ނޫނެވެ. މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދިން މެޑަލް ތައްވެސް މީހުންގެ ޝައުގު ވެރިކަން އެއާމެދު ހުއްޓޭހާ ފުރިހަމައެވެ. މި މެޑަލްތައް ހަދާފައިވަނީ ލަކުޑީގައި ލާފެން ކޮށްގެންނެވެ. އޭގެ ފަށުގެ ހަދާފައިވަނީ ރޯނުންނެވެ.

ތުޅާދޫ މީހުންގެ މި މަސައްކަތަށް އެތަށް ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ. އާންމު ރައްޔިތުންގެ އިތުރުން ސަރުކާރުގެ އިސް ބައެއް ފަރާތްތަކުންވެސް ތުޅާދޫ މީހުންގެ މި މަސައްކަތަށް ތައުރީފް އޮއްސަނީއެވެ. އޭގެ ތެރެއިން އެކަކީ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އެވެ.

އެކަމަނާ ޓްރޮފީގެ ފޮޓޯތަކާއެކު ކުރައްވާފައިވާ ޓްވީޓްގައި ތުޅާދޫ މީހުންނަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައި ވެއެވެ.

“ ތުޅާދޫން މި ފެނިގެންދިޔައީ ދިވެހީންގެ ސަގާފަތާއި އާދަ ކާދަ ދައްކުވައިދޭ ވަރަށް ފުރިހަމަ މަސައްކަތެއް. ޒުވާނުންނާ ގުޅުންހުރި ދާއިރާ އަކުން މި ފަދަ އުފެއްދުންތެރިކަމަށް ހިއްވަރު ލިބޭ މަަސައްކަތެއް ފެނިގެން ދިއުމަކީ ބޮޑު އުފަލެއް“  ޔުމްނާ ވިދާޅުވެފައިވެއެވެ.

މި ޓްރޮފީ އާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ތައުރީފް ކުރަމުންދާ ގިނަ ފާރާތްތކުން ބުނަމުންދަނީ ރާއްޖެއިން ބޭރުން އެތެރެކުރާ ޓްރޮފީ ތަކަށް ވުރެ ރާއްޖޭގައި އުފައްދާ ދިވެހި ވަންތަ ޓްރޮފީ މާބޮޑަށް ވެސް ރީތިކަމަށެވެ.

އެހެންކަމުން މި ފަދަ ލިޔެލާޖެހި ޓްރޮފީ ތަކަކީ ކުރިއަށް އޮތްތާގައި އެކިއެކި ހަފްލާތަށް އެންމެ ޚާއްސަ ޓްރޮފީކަމުގައި ވެގެންދިއުމަކީ ނުވެނުދާނެކަމެކެވެ. އެހާވެސް ޗާލެވެ. އެހާވެސް ފުރިހަމައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް