ފަލަސްތީނުގެ ސިޔާސީ އެކްޓިވިސްޓެއް އަދި އިންތިހާބުގައި ބައިވެރިވވެވަޑައިގަތުމަށް ނިންމަވާފައިވާ ކެންޑިޑޭޓެއް ކަމަށްވާ ނިޒާރް ބަނާޓް ދިރިއުޅޭ ގެކޮޅަށް ވަނީ ދާދިފަހުން ހަމަލާއެއް ދީފައެވެ.
މި ހަމަލާގައި ހެބްރޯންގެ ޑުރާ ނަމަކަށްކިޔާ ސަރަހައްދުގައި ހުރި އޭނާގެ ގެޔަށް ވަނީ ބަޑިޖަހާފައެވެ. ބަޑިޖަހަން ތިބި މީހުންގެ ތެރޭގައި ފަލަސްތީނިއަން އޮތޯރިޓީގެ ސިފައިންވެސް ތިބިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާ ގުޅިގެން ހަމާސް ޖަމާއަތުން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އެ އަމަލު ކުށްވެރިކޮށް ސަރުކާރުން މިފަދަ އަމަލެއް އެއްވެސް ހާލެއްގައި ހިންގައިގެން ނުވާނެކަމަށް ބުނެފައިވެއެވެ.
ހަމާސް ޖަމާއަތުގެ މެމްބަރެއް ކަމުގައިވާ މޫސާ ދޮދީން ވެސް ވަނީ މި ހަމަލާ ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އިންތިހާބު ފަސްކުރުމާއި އިންތިހާބުގެ ކަންކަމާމެދު ވާހަކަ ދެއްކުމުގެ މިނިވަންކަން ގައުމުގެ ރައްޔިތުންނަށާއި އިންތިހާބުގެ ބައިވެރިންނަށް އޮންނަން ޖެހޭނެކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އެކަން މަނާކޮށް ހުރަސް އެޅުމަކީ އެއްވެސް ކަމެއްގެ ހައްލެން ނޫންކަމަށާއި އެކަން ހުއްޓުވުމަށް ބާރުގެ ބޭނުން ނަހަމަގޮތުގައި މިފަދައިން ބޭނުންކުރުމުން ނިކުންނާނެ ނަތީޖާ ނުހަނު ހިތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.