އިންސާނުންނަށް ދެއްވާ ނިއުމަތްތައް އެމީހުންގެ އަތުން ބީވެގެން ދަނީ އެނިއުމަތް ދެއްވިފަރާތްތައް ޝުކުރުވެރި ނުވުމުން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
ކޮވިޑް-19 ގެ ބަލިމަޑިކަމާއި ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަސްވަންދެން ޖަމާއަތުގައި ހުކުރުކުރުން މެދުކެޑުމަށްފަހު މިއަދު ޖަމާއަތުގައި ކުރަންފެށި ހުކުރުގައި އިއްވި ޚުތުބާގައި ބުނީ ނިއުމަތްތައް ދެމި އޮންނާނީ އެ ނިއުމަތަކާއި މެދު ޝުކުރުވެރިވާނަމައެވެ.
“ ތިޔަބައިމީހުން މާތްﷲގެ ނިއުމަތްތަކަށް ޝުކުރުވެރިވެލައްވާ. އުރެދުންތަކާއި ދުރުހެލިވެލައްވާ. ނިއުމަތްތައް ބީވެގެންދަނީ ނިއުމަތްތައް ދެއްވިފަރާތް އޮޅި އެ ފަރާތަށް ޝުކުރުވެރިނުވުމުގެ ސަބަބުން“ ޚުތުބާގައި ބުންޏެވެ.
މާތް ﷲ އަޅުގަނޑުމެންނަށް ދެއްވިއެންމެބޮޑު ނިއުމަތަިކީއިސްލާމް ދީން ކަމުގެ ނިއުމަތް ކަންފާހަކޮށް ޚުތުބާގައި ބުނީ ރާއްޖެ އަކީ މުސްލިމް ގައުމެއްގެ ގޮތުގައިބޭވުމަކީ އެންމެންގެ ޒިންމާއެއްކަމަށެވެ.
”މާތް ﷲ ދެއްވިނިއުމަތަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ކާބަފައިން ވަނީ މި ދީން ރައްކާތެރިކަމާއެކު އަޅުގަނޑުމެންނާ ހަމައަށް ވާސިލް ކޮށްދެއްވުމަށްޓަކައި އެބައިމީހުންގެ ނަފްސުތަކުން ގުރުބާންވެލައްވާފަ. އެހެންކަމުން ސައްތައިން ސައްތަ އިސްލާމީ ގައުމެއްގޮތުގައި ދެމެހެއްޓުމަށްޓަކާ މަސައްކަތްކުރުމަކީ ކޮންމެ ދިވެހި ފަރުދެއްގެ މަށްޗަށް އޮތް ވާޖިބުކަމެއް“ ޚުތުބާގައި ބުންޏެވެ.
މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިއުމަތް ތަކުގެ ތެރޭގައި ހަށިގަނޑުގެ ދުޅަހެޔޮކަމާއި ސިއްޚަތާއި އާފިޔަތުގެ ނިޔުމަތް ހިމެނޭކަމަށްވެސް ޚުތުބާގައި ބުންޏެވެ.
“ އިންސާނުން ކުރަމުން އައިނޭދެވޭ އެތައްކަމަކުން ދުރުވެ ދިރިއުޅުމުގެ އާދަ އާއި ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ސާފްތާހިރުކަމުގެ މިންގަނޑު ތަކަށް އިހުތިރާމްކުރަން މަޖުބޫރުކުރުވީ ކޮންކަމެއްތޯ؟ ކޮވިޑް -19. ލޮލަށް ނުފެންނަ ކުޑަކުޑަ މަޚްލޫގެއްގެ ސަބަބުން ބިރުވެރިކަމާއި ނާމާންކަން ވެރިވެ އާންމު ޚިދުމަތްތައް ހުއްޓި އިގްތިސާދީ ބޮޑު ގެއްލުންތަކާއި ކުރިމަތިލާން ޖެހި އިންސާނުންނަށް ލިބިގެން ދިޔައީކޮންފަދާ ބޮޑު އިބުރަތެރި ފިލާވަޅެއްތޯ؟“ ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ވިސްނާ ފިކުރުކުރާ ބަޔަކަށް ކޮވިޑް 19އަކީ އިބުރަތެއް ކަމަށެވެ. މި ބަލިމަޑުކަމުގެ ސަބުން އެގިގެން ދިޔައީ އިންސާނާގެ ނިކަމެތިކަމާއި އެއްވެސް އާރެއްބާރެއް ނެތްކަން ކަމުގައި ވެސް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
“ މިކަމުން އެގިގެން ދަނީ ﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުން ވަންތަކަމާއިބާރުގަދަކަން
ﷲގެ މަގަށް ރުޖޫއަވެ އިސްލާމް ދީނުގެ މަތިވެރި އަސާސްތަކުގައި ހިފެހެއްޓުމުގެ މުހިންމުކަން“ ޚުތުބާގައި ބުންޏެވެ.
ކޮވިޑްގެ ބަލި މަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ހުކުރު ކުރުން މީގެ 16 ހަފްތާކުރިން މެދުކަޑާލުމުން އެތަށް ބަޔަކަށް ވަނީ ފުން އަސަރުތަކެއްކޮށްފައެވެ.
މާތް ﷲ ތަނަވަސް ރަހުމަތުން މިއަދު މިސްކިތްތައް ހުޅުވި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައި ފަރުޟުފަސް ނަމާދާއި ހުކުރުނަމާދު ޖަމާއަތުގައި ކުރުމުގެ ފުރުސަތު ގާއިމުވެގެންދިއުމުން ގިނަ ބަޔަކު ދަނީ އެކަމުގެ އުފާ ފާޅުކޮށް އެކަމުގެ ޝުއޫރުތަށް ސޯޝަލް މީޑިއާގައި ފާޅުކުރަމުންނެވެ.