ހިޔާ މަޝްރޫއު: ގުރުއަތު ނެގުން މާދަމާ

294

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ފްލެޓް ލިބުނު މީހުންގެ މެދުގައި ގުރުއަތު ނެގުން މާދަމާ ފަށާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީ އިމާރާތް ކޮށްފައިވާ 6720 ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތެއްލައި އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ވަނީ އެ ކޯޕަރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓުގެ ގުރުއަތު ނެގުން މާދަމާ ފަށާއިރު އެންމެ ފުރަތަމަ ގުރުއަތު ނަގާނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓެގަރީކަމަށްވާ H10 ކެޓެގަރީންކަމަށެވެ.

މާދަމާ ހެނދުނު ނުވައަކުން ފެށިގެން H10 ކެޓަގަރީ ލިސްޓުގައިވާ އެންމެންގެ ގުރުއަތު ނަގައިނިމެންދެން ގުރުއަތުލުން ކުރިއަށްގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.

އެކުންފުނިން ބުނީ ގުރުއަތުލުން ކުރިއަށްގެންދަނީ ފުލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ މީހުންގެ އައިޑީ ކާޑުގެ ނަމްބަރު ތަރުތީބުންކަމަށެވެ.

މި ގުރުއަތުނެގުން ކުރިއަށްދާގޮތް ދައުލަތުގެ މީޑިއާ  ޕީއެސްއެމް އާއި އެހެނިހެން މީޑިއާތަކުން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖައްސާފައެވެ.

ދައުވަތު ދީގެން އަންނަ އޮބްޒާވަރުންގެ ހާޒިރުގައި މި ގުރުއަތުނަގާއިރު ގުރުއަތުން ލިބުނު ފްލެޓާއި، އެ ފްލެޓް ހުންނަ ފްލޯއާއި އަދި ޓަވަރު އެނގޭގޮތަށް ޓީވީ ސްކްރީނުން ފެންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މީގެ އިތުރުން ފްލެޓް ލިބުނު ފަރާތުގެ ފޯނަށް އެ ފަރާތަށް ލިބުނު ފްލެޓްގެ ތަފްސީލް އެގޭނެ މެސެޖެއް ފޮނުވުމަށް ވެސް ވަނީ ހަމަޖައްސާފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ މި ގުރުއަތަށްފަހު ލިބުނު ފުލެޓްގެ އެގްރީމެންޓްގައި ސޮއި ކުރުމާއި، ފުލެޓްގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީޚެއް ފަހުން އިއުލާނު ކުރާނެކަމަށެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ