ލޯފަންކުދިންނަށް ހާއްސަކޮށްގެން ގުރުއާން ހިތުދަސްކޮށްދޭ ކްލާހެއް ތައާރަފްކޮށްފި

Loading

Facebook
Twitter
WhatsApp

 

ލޯފަންކުދިންނަށް ހާއްސަކޮށްގެން ގުރުއާން ހިތުދަސްކޮށްދޭ ކްލާހެއް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ތައާރަފްކޮށްފިއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ރަޖިސްޓްރާ އަހުމަދު ރައުފް އަބްދުﷲ ވިދާޅުވީ ލޯފަންކުދިންނަކީ މުޖުތަމައުން ބާކީ ކޮށްފައިވާ ބަޔަކަށް ނުހަދައި އެ ފަރާތްތަކުން އަމިއްލައަށް އާމްދަނީ ހޯދުމުގެ ފެންވަރު މި ކްލާހުން ހޯދައި ދޭނެކަމަށެވެ.

“ މި ކްލާސްތައް ނިންމާ ދަރިވަރުން ހާފިޒުން ނުވަތަ އިމާމުން ނުވަތަ ކިޔަވައިދޭ މުދައްރިސުން ކަމުގައި ހެދުން އަޅުގަނޑުމެންގެ މަގުސަދަކީ“ ރައުފް ވިދާޅުވިއެވެ.

ރައުފް ވިދާޅުވީ މި ކްލާސް ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން މިހާރުވެސް ކުރަމުން ގެންދަވާ ކަމަށެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ކްލާސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ރޯދަ މަހުގެ ފުރަތަމަ ހަފްތާތެރޭގައި ކަމަށް ޔުނިވާސިޓީން ބުނެއެވެ.

ގްރުއާން ހިތުދަސްކޮށްދޭ މި ކްލާހުގައި 60 ޖާގަ ދިނުމަށް ވަނީ ނިންމާފަ އެވެ. އެއީ މާލޭގައި ކްލާހަށް ހާޒިރުވެގެން ކިޔަވެވުމަށް 30 ފަރާތަކަށާއި އޮންލައިންކޮށް ކިޔެވުމަށް  ފުރުސަތުދޭ 30 ފަރާތެކެވެ.

ރައުފް ވިދާޅުވީ މި ކްލާހުގައި ބައިވެރިވުމުގެ ފުރުސަތު މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން އަތޮޅުތެރޭ އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ހުޅުވާލާފައިވާ ކަމަށެވެ.

އަދި އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށް ޔުނިވާސިޓީން އިންޓަނެޓްގެ ހިދުމަތުގެ އިތުރުން ކޯހުގައި ކިޔެވުމަށް ބޭނުންވާނޭ އެހެނިހެން ވަސީލާތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެކަމަށް ވެސް ރައުފް ވިދާޅުވިއެވެ.

ލޯފަންކުދިންނަށް ހާއްސަ މި ކްލާހުގައި ބައިވެރިވުމަށް ފީ ދައްކާކަށް ނުޖެހެއެވެ.

މި ކްލާހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެޕްލިކޭޝަންތައް ބަލައިގަންނަ އެންމެ ފަހު ތާރީހަކީ އަންނަ މަހު އަށެކެވެ.

އިސްލާމިކް ޔުނިވާސިޓީން ބުނީ މި ކްލާހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކްލާހަށް ވަނުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު އީމެއިލް [email protected] އަށް ނުވަތަ ޔުނިވާސިޓީއަށް ހުށަހެޅުމަށެވެ. ލޯފަން ކުދިންނަށް ހާއްސަ ގުރުއާން ހިތުދަސްކޮށްދޭ ކްލާހުގައި ބައިވެރިވުމަށް އެދޭ ފޯމް ޔުނިވާސިޓީގެ ވެބްސައިޓުން ޑައުލޯޑް ކުރެވޭނެކަމަށް ވެސް އައިޔޫއެމް އިން ހާމަކުރެއެވެ.

ލޯފަން ކުދިންނަށް ހާއްސަކޮށްފައިވާ ގުރުއާން ހިތުދަސްކޮށްދޭ މި ކްލާހުގައި 16 އަހަރު ނުވާ ދަރިވަރުން ބައިވެރިވާނަމަ ބެލެނިވެރިޔާގެ ސިޓީއެއް ހުށަހަޅަން ޔުނިވާސިޓީން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް