ގައިދީންނަށް މާއާފު ދިނުމަށް ރައީސަށް ހުށަހެޅުމަށް މަޖިލީހުން ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ކ. . ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި ބައެއް ގައިދީންނަށް މައާފުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން ގައިދީންނަށް މައާފުދިނުމަށް ފާސްކުރީ އައްސޭރި ޖަލުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ފާހަގަކޮށް މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ފޮނުވި ޕެޓިޝަނެއްގެ މައްސަލަ ދިރާސާކޮށް ކޮމިޓީން ނިންމި ރިޕޯޓަށް މިއަދު ވޯޓަށް އަހައިގެންނެވެ.

ގައިދީން ފޮނުވި ޕެޓިޝަނުގައި 220 ގައިދީން ސޮއިކޮށްފައިވާއިރު މި ޕެޓިޝަނުގައި  އައްސޭރި ޖަލާ ބެހޭ ގިނަ މައްސަލަތަކެއް ފާހަގަކޮށް އެކަންކަން އިސްލާހުކުރަން ހިމަނާފައިވައެވެ.

މަޖިލީހުގެ ރިޕޯޓްގައި ހިމަނާފައިވަނީ އަހްލާގު ރަނގަޅު ގައިދީންނާއި، ކުށްކުރުން މަދު މީހުން ފާހަގަކޮށް ހާއްސަ އުސޫލެއްގެ ދަށުން އެފަދަ މީހުންނަށް މައާފު ދިނުމަށް ރައީސަށް ދެންނެވުމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ޖަލު އަޅަން ވެސް ކޮމިޓީގެ ރިޕޯޓްގައި ލަފާދީފައިވެއެވެ.

މިހާރު ރާއްޖޭގައި ހުންނަނީ ހަތަރު ޖަލާއި އެއް ޑިޓެންޝަން ސެންޓަރެވެ. އެއީ މާލެ، ހުޅުމާލެ، ކ. މާފުށި އަދި ހިންމަފުށީގެ ހިންގާ ޖަލެވެ.  ޑިޓެންޝަން ސެންޓަރު ހުންނަނީ ހުޅުމާލޭގަ އެވެ.

 

ރިޕޯޓްގައި ހިމެނޭ އިތުރުކަންތަކުގެ ތެރޭގައި ކޮމިޓީ ރިޕޯޓްގައި ޖަލުތަކުން މަސްތުވާތަކެއްޗާއި، މަސްތުވުމަށް ބޭނުންކުރާ ބޭހާއި ދުންފަތުގެ ބާވަތްތައް ފަސޭހަކަމާ އެކީގައި ލިބުމާއި ބޭސް ސިޓީއެއް ނެތި ގައިދީންނަށް ބައެއް ބޭސް ދެމުންދާކަމީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް ބުނެ، އެފަދަ ކަންކަން ކުރިމަގުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ޒިންމާދާރުކަމާއެކީ ޖަލުތައް މޮނިޓާ ކުރުން މުހިންމު ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.

އަދި މީގެ އިތުރުން މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ވީއެންމެ އަވަހަކަށް ގެނައުމަށާއި  ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ވީ އެންމެއަވަހަކަށް އިސްލާހު ގެނައުމަށްވެސް  ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައިވެއެވެ.

 

Loading

One Response

  1. މިޖިލީހުން ބުނެގެންތޯ ހޯރައިއްބެ ދޫކޮށްދެއްވީ ކުޑަކުދިންގެ ރައްކަލަކަށް! އަންހެނުންގެ އިއްފަތް ޙިމާޔަތްކޮށްދެއްވަން ބޫންބޫން ފުރުވާލެއްވީ މަޖިލިސްގެ ބޭނުމަކަށްތޯ؟ ބޮޑު ވގު އަދީބު ހުލުމާލޭ ޕެންޓުހައުސްގައި އަރާމުކޮށްލަން ޖަލުގެ ޙުކުމް ތަންފީޒްވާގޮތަށް ބަހަށްޓައިފަ އެހުރީ މަޖިލިސްގެ އެންގުމަށްތޯ؟
    ތި އެޖެންޑާ19 އާއި ކޮވިޑް19 އާއި ދެއެތިން ގައުމާއި ރައްޔަތުންނަށް ގެއްލުމާއި ހަލާކު ބޮޑީ ކޯން ވައިރެސްއެއްތޯ މިގެންދަނީ ލެބޯޓަރީގައި ތަޙުލީލުކުރަމުންނެވެ. މަޖިލީިހުގައި މިވާހަކަ ބުނެލީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް