ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަންހުށަހެޅުމުގެ މުއްދަތު ހާމަކޮށްފި

Loading

Facebook
Twitter
WhatsApp

 

މިދިޔަ މަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިއުލާންކުރެއްވި، ދިވެހި ދައުލަތަށް ހިދުމަތް ކުރާ ފަރާތްތަކަށް ދޭ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހާމަކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ގައުމީ އިނާމާއި ބެހޭ ކޮމިޓީން ނިންމާފައިވާކަމަށެވެ.

އިނާމު ދެއްވުމުގައި ކޮމިޓީން ބައްލަވާނެ މައިގަނޑު ކަންކަމުގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، ހިދުމަތްކުރި މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ މަސައްކަތްތަކާއި، އެ މުއައްސަސާއަކުން ހިންގައިފައިވާ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ ހިދުމަތް ކޮށްފައިވާ މިންވަރާއި، ހާސިލުކޮށްފައިވާ ކާމިޔާބީތައް ހިމެނޭކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ”ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު“ ގެ ނަމުގައި ގައުމީ ފެންވަރުގެ އިނާމެއް ދެއްވުމަށް ނިންމެވިކަން ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އިއުލާން ކުރައްވާފައެވެ.

މި އިނާމުގެ ތަފްސީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އެދުވަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދައުލަތަށް ވަރަށްދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ހިދުމަތް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވުމާއެކު، އެބޭފުޅުންގެ ހިދުމަތްތަކަކީވެސް ގައުމީ ފެންވަރެއްގައި ބަލައިގަނެ، ފާހަގަކުރަންޖެހޭނެ ހިދުމަތްތަކެއްކަމަށެވެ.  އަދި މިއީ ކަނޑައެޅޭ މިންގަނޑުތަކަކަށް ރިއާޔަތް ކުރައްވައިގެން ދެއްވާ އިނާމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.

ރައީސް އޮފީހުން ބުނީ މި އިނާމަކީ ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު، ޝަރަފުވެރިކަމުގެ ގައުމީ އިނާމެކޭ އެއްފެންވަރެއްގައި ދެއްވާ އިނާމެއްކަމަށެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާއިރު، މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތު އަންނަ މޭ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް