ރައީސް ނަޝީދު ދެ މުސާރަ ނަންގަވާ މައްސަލައެއް މަލީހު މަޖިލީހަށް ހުށަހަޅަނީ

Loading

Facebook
Twitter
WhatsApp

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް،  ރައީސް މުހައްމަދު ނަޝީދު ދެ މުސާރަ ނަންގަވާ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ނަޝީދު ދެ މުސާރަ ނަންގަވާކަމަށް ވިދާޅުވެ މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް ދެން ފޮރުވައިގެން ނޫޅެވޭނެކަމަށާ މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދަށުން މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ.

 

“ ’ދެ މުސާރަ ތަކުރު‘ ރައީސް ނަޝީދަށް ދެން ފޮރުވައިގެން ނުހުރެވޭނެ. އާރްޓީއައި (ރައިޓް ޓް އިންފޮމޭޝަން) ގެ ދަށުން މަޖިލީހަށް ހުށަހަޅާނަން. މަޖިލީސް މެންބަރު / ރައީސް އަދި ކުރީގެ ރައީސްގެ ހައިސިއްޔަތުން ނަގާ މުސާރަ އަދި އިނާޔަތް، ކޮންމެވެސް އެކައްޗެއް ރައްޔިތުންގެ ހައްގުގައި ދޫކޮށްލަން ކެރޭނެބާ؟“ މަލީހު ޓްވީޓްގައި ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ރައީސް ނަޝީދު ދެ އަހަރައި ބައިގެ މުއްދަތަށް ރައީސްކަން ކުރައްވާފައިވާއިރު ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ފައިސާ ނެންގެވުމަކީ ގައުމަށް ގައްދާރުވުން ކަމަށެވެ.

“ ދައުރަކީ 5 އަހަރު. 2.5 އަހަރު ރައީސްކަން ކޮށްފަ ދައުރެއްގެ ފައިސާ ނެގުމަކީ ރައްޔިތުންނަށް ގައްދާރުވުން“ ޓްވީޓްގައި މަލީހު ވިދާޅުވެފައިވެއެވެ.

މަލީހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ އެއްލައްކަ ރުފިޔާއަށްވީއިރު ރައީސް ނަޝީދަށް މިހާރު ވެސް އޭގެ ޑަބަލް ލިބިވަޑައިގަންނަވާ ކަމަށެވެ.

ފެންނަން ހުރި މަދު މައުލޫމާތު ތަކުން މިހާރުވެސް ރައްޔިތުންގެ އަތުން 265419.70 ރުފިޔާ ރައީސް ނަޝީދު ނަންގަވާ ކަމަށާއި، މީގެ ތަފްސީލްގެ ބްރޭކް ޑައުން ހޯދާ އަދި ހާމަނުކޮށް ހުރިކަން ފަޅާއަރުވައިލާނެ ކަމަށް ވެސް މަލީހު ވިދާޅުވެފައިވެއެވެ.

މި އަދަދަކީ މަހަކު 17 މީހުން ފަގީރު ކަމުން މިންޖުވާނެ އަދަދެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭން ޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައި ވަނީ އެއް ދައުރު ކުރައްވާފައިވާ ބޭފުޅަކަށް ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000 ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ. އަދި އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000 ރުފިޔާ، ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނުގައި ހިނގާ ހުރިހާ ހަރަދަކަށް ކޮންމެ މަހަކު 50،000 ރުފިޔާއާ ހަމައަށް ދައުލަތުން އިނާޔަތް ދޭން ޖެހެ އެވެ.

މަޖިލީހުގެ ރައީސް ދެ މުސާރަ ނަންގަވާ މައްސަލަ މަޖިލީހަށް މއަދު ހުށަހަޅާނެކަމަށް މަލީހު ވިދާޅުވެފައި މިވަނީ މާދަމާ  މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ހާޒިރުވާން އޭނާ އަށް އަންގަވާފައި ވަނިކޮށެވެ.

ކޮމިޓީއަށް ހާޒިރުވުމަށް މަލީހަށް އަންގަވާފައިވަނީ  އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހުގައި ކުރިއަށްގެންދިޔަ ވޯޓުގައި ޖަވާބު ދާރީ ވުމުގެ ތެރޭގައި ވަޒީރުންނަށް ބިރުދައްކާމަށް ވިދާޅުވެފައިވާތީއެވެ.

މަލީހުގެ ތުހުމަތުތަކާ ހިތްޕުޅާ ހަމަނުވެ ރައީސް ނަޝީދު އެ ދުވަހު ވަނީ މަލީހު މަޖިލީހުގައި އިތުރުފުޅު ހައްދަވާ ކަމަށް ތުހުމަތުކުރައްވައި މަލީހުގެ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ފޮނުވާނެކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން އެކަން ސާބިތުވެއްޖެނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރު ހިންގަ ކޯލިޝަންގެ ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ މަލީހް އަންނަނީ ޖުމުހޫރީ ޕާޓީން ވެކިވެ ވަޑައިގެން ފާޅުކަން ބޮޑު ގޮތެއްގައި އިދިނކޮޅު ކޯލިޝަން ކެންޕެއިންގައި ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް