ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް 8،000 މީހުން ރީރަޖިސްޓްރީކޮށްފައި ވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މި އިންތިހާބުގެ ރީރަޖިސްޓްރޭޝަނަށް މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް މުއްދަތު ހަމަވިއިރު އެ ކޮމިޝަނަށް 26،750 ފޯމް ވަނީ ހުށަހަޅާފައެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރި ރަޖިސްޓްރޭޝަން ނިމުނު އިރު 8000 ފަރާތެއްގެ ވޯޓްގެ ސިއްރުކަން ގެއްލޭ ފަދަ ގޮތަކަށް ރީ ރަޖިސްޓްރޭޝަން ކޮށްފައިވާ ކަމަށެވެ.
އެ ފަރާތްތަކަށް އަލުން މިހާރު ރަޖިސްޓަރ ކޮށްފައިވާ ތަން ނޫން އެހެންތަނަކަށް ރަޖިސްޓަރވާން މިހަފްތާގައި ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.
އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ.
މި އިންތިހާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަކުރެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.