މިނިވަންދުވަހުގެ ހަފްލާތަށް މިއަހަރު ނުބާއްވަން ނިންމައިފި

Loading

Facebook
Twitter
WhatsApp
news

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ކޮންމެ އަހަރަކު ވެސް ސަރުކާރުން ބާއްވަމުން އަންނަ ހަފްލާތަށް ކޮވިޑް -19ގެ ބަލިމަޑުކާމާއި ގުޅިގެން މިއަހަރު ނުބާއްވަން ސަރުކާރުން ނިންމައިިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލް ޖުމުހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުމާއި މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައްވެސް މި އަހަރުގައި ނުބާއްވާނެ ކަމަށެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި މިނިވަންދުވަހުގެ ހަފްލާތައް މިއަހަރު ނުބާއްވަން ނިންމީ ކޮވިޑް -19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިލާންޖެހުނު ދަތިތަކުގެ ސަބަބުން ސަރުކާރުން ޚަރަދުކުޑަކުރެއްވުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅެއްގެ ގޮތުގަ އާއި އާންމު ރައްޔިތުންގެ ސިއްޚަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމަށްޓަކައި ކަމަށެވެ.

ނަމަވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމުހޫރިއްޔާ ގައުމާ މުޚާތަބުކުރުން އޮންނާނެކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި ރައީސުލް ޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވަނީ މިނިވަންދުވަހުގެ ހަރަކާތްތައް ނުބާއްވަން ނިންމެވިކަން ވަނީ ވަޒީރުންނާއި ހިއްސާކުރައްވާފައެވެ.

މި އަހަރު ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލް ޖުމުހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން  ވެސް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ލަފާ ހޯދެވިއެވެ.

ގައުމީ އިނާމް މިހާރު ދެއްވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ގައުމީ ދުވަސް ކަމަށްވާ ރަބީއުލް އައްވަލް މަހުގެ އެއް ވަނަ ދުވަސް މި އަހަރު ދިމާވަނީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހާއެވެ.

ޚާއްސަ އިނާމް ދެއްވަމުން ގެންދަވަނީ ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައެވެ.

މި އަހަރުގެ ގައުމީ އިނާމާއި ޚާއްސަ އިނާމް ދިނުމާއި ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމަށްފަހު، ގައުމީ އިނާމަށާއި ޚާއްސަ އިނާމަށް އިއުލާނު ކުރެއްވުމަށާއި، ކޮވިޑް ހާލަތު އޮތްގޮތެއްގެ މަށްޗަށް ބައްލަވައި މުނާސަބަތު ފާހަގަ ކުރެވޭ ގޮތަށް ހާލަތު ބަދަލު ވެއްޖެނަމަ ގައުމީ ދުވަހުގެ ޖަލްސާ  ބާއްވަވައި އިނާމް ދެއްވާ ގޮތަށް ހަމަޖެއްސުމަށް ނިންމެވި ކަމަށް ވެސް އެ އޮފީހުން ހާމަކުރައްވައެވެ.

ރައީސް އޮފީހުން ބުނީ ޖަލްސާ  ބޭއްވޭނެ ގޮތް ނުވެއްޖެނަމަ އެވަގުތުގެ ހާލަތަށް ރިއާޔަތްކޮށް އިނާމް ދެއްވުމަށް ވެސް ނިންމައިފައިވާކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް