ގެސްޓްހައުސް ވިޔަފާރީގައި ބިދޭސިން ހިއްސާވެގެން ހިންގޭގޮތް ހަދައިފި

Loading

Facebook
Twitter
WhatsApp

 

ގެސްޓުހައުސްތަކުގެ ވިޔަފާރީގައި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ބައިވެރިވެވޭގޮތަށް ދިވެހި ރާއްޖޭގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު އިސްލާހްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓް ކުރި އިސްލާހުގައި ވާގޮތުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެވޭނީ، ދިވެހި ރައްޔިތުންނަށާއި، ޕާރޓްނަރޝިޕްގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕާޓްނަރޝިޕްތަކަށާއި، ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުނިތަކަށެވެ.

އެގޮތުން، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ހިއްސާވާ ކުންފުނިތަކަށާއި ޕާޓްނަރޝިޕްތަކަށް ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެވޭނީ، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިންނާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެކަމަށް އެ ޕޮލިސީގައި ކަނޑައަޅާފައިވާ މިންގަނޑަށްވުރެ އިތުރުނުވާ ގޮތުގެ މަތިންކަމަށް ވެސް މިގަވައިދުގައި ބުނެއެވެ.

ގެސްޓްހައުސްތަކަށް ބޭރުގެ އިންވެޓަރުން ބައިވެރި ކުރުވުމާ ގުޅޭ ގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވީ ރާއްޖެއަށް ވަންނަ ޑޮލަރު ބޭރުވުން ހުއްޓުމަށްޓަކައި ”ޓޫރިޒަމް ޕްރޮޕަޓީތަކުގެ އޯނާޝިޕް“ ދިވެހިންނަށް ލިބޭނެ ގޮތަށް ގަވައިދު ހަދަމުންދާ ކަމަށެވެ.

މި ބަދަލާއެކު ދިވެހިންގެ 51 ޕަސެންޓުގެ ހިއްސާ އާއި ބިދޭސީންގެ 49 ޕަސެންޓުގެ ހިއްސާ އޮވެގެން ގެސްޓްހައުސް ތަކަށް ވެސް އިންވެސްޓަރުން ހޯދޭނެ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި ޓޫރިޒަމް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ޓޫރިޒަމް ގެސްޓް ހައުސް ހިންގުމަށް ހުއްދަ ދޫކުރެވޭނީ ދިވެހި ރައްޔިތުންނަށާއި ބިދޭސީއަކު ނުހިމެނޭގޮތަށް ދިވެހި ރާއްޖޭގެ ޕާޓްނާޝިޕާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕާޓްނާޝިޕްތަކަށާއި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުނި ތަކަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް