ދިވެހިންގެ ބަދަލުވަމުންދާ އާދަކާދަ

Loading

Facebook
Twitter
WhatsApp

ކޮންމެ މުޖުތަމާއެއް ގައިވެސް އެބަޔަކަށް ޚާއްސަކުރެވިފައިވާ އާދަކާދަތަކެއް އޮންނާނެއެވެ. އަދި ޒަމާނަށް އަންނަ ބަދަލުތަކާގުޅިގެން ބައެއް އާދަކާދަތައް ބަދަލުވެގެންވެސް ދާނެއެވެ. އެއީ އެކަން ހިނގާނެމަގުވެސް މެއެވެ.

ދިވެހިންނަކީ ދުނިޔޭގެ އެހެންޖަޒީރާ ގައުމުތަކާ ޚިލާފަށް ވަރަށް ތަފާތު އެހެނަސް އަމިއްލަވަންތަ އާދަކާދައެއްގެ އަހުލުވެރި ބައެކެވެ. ރަށްްފުށުގެ ދިރއުޅުމަށް ބަލާލިނަމަވެސް ދިވެހިންނަކީ ވަރަށް އަމާން ވެއްޓެއްގައި ދިރިއުޅެމުން ގެންދާބައެވެ. އެއްބައިވަންތަ އެއްބައެއްވަންތަ އާދަކާދައެއްގެ އަހުލުވެރި ބައެކެވެ. ޒަމާނަށް އަންނަމުންދާ ބަދަލާއެކު ދިވެހިންގެ ރީތި އާދަކާދަ މިއަދު މިއޮތީ ދެން އަނބުރާ އިއާދަ ނުކުރެވޭވަރަށް އަތުން ދޫވެގެން ގޮއްސައޭބުނަން ލަދުގަނެއެވެ. ނަމަވެސް ޙަގީގަތް އޮޅުވާލެވޭކަށް ނެތެވެ.

ދިވެހި އާދަކާދައިގެ ތެރޭގައި ހިމެނުނު ސަލާމަތާ ރައްކާތެރިކަމުގެ އެންމެ މިސާލެއް ފާހަގަކޮށްލާނަމެވެ. މިއަދުގެ ޙާލަތާ އެކު އަޅާކިޔާލުމުގެ ބޭނުމުގައެވެ. މީގެ ފަންސާހަކަށް އަހަރުކުރިން އަޅުގަނޑުމެންނަށް ތަންދޮރު އޮޅުންފިލަންފެށި ދުވަސްވަރުގައި ރޭގަނޑު 9 ޖަހާލީމާ ރަށުތެރެއޮންނާނީ ނިދާފައެވެ. ކަރަންޓުގެ އަލިކަމެއް ނެތުުމުން ހަނދުވަރު މޫސުމެއް ނޫންނަމަ ރަށްތަކަށް ވެރިވެފައި އޮންނަނީ ހަމަހިމޭން އަނދިރިކަމެކެވެ. މަގުތަކަށްވެސް އޮންނަނީ އެކަނިވެރިކަން ފެތުރިފައެވެ.

ގެތަކުގެ ނުވަތަ ގޯތިތަކުގެ މައިދޮރުގައި ގޯނިގަނޑެއް އެލުވާފައި ހުންނާނެއެވެ. އެހިސާބުން ގެ ތަޅުލެވުނީއެވެ. ގެއަށް ވަނުން މަނާވީކަން އެނގޭނެއެވެ. އެކަން ހިނގަނީވެސް އެގޮތަށެވެ. އެކަމުން ނުރައްކަލެއް ނެތެވެ. ދެން މިއަދުގެ ޙާލަތާމެދު ވިސްނާ ފިކުރުކޮށްލަމާ ހިނގާށެވެ. ސަލާމަތާއި ރަށްކާތެރިކަން ލިބިފައިވާ ޙާލު އެހެން ދުވަހަކަށް އަލިވެލީއެވެ.

ދެން މިހާރު ތޯއެވެ؟ ކަރަންޓްގެ އަލިން މުޅިރަށް ދިއްލާފައި ގޭގައި ދަގަނޑު ތޭރިޖަހައިގެން ދިރިއުޅެން މިވަނީ އާދަވެފައެވެ. ސަބަބެއް ނެތިއެއްނޫނެވެ. ބަޔަކު ބުނާގޮތުން ދިރިއުޅުމަށް އައި ތިޔާގިކަމާއި ކުރިއެރުމެވެ. އެހެނަސް ތިބެން ޖަހެނީ އެވަރުންވެސް އަމާންކަމެއް ނެތި ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި މިކުޑަކުޑަ މާލޭގައި ނުވަތަ އެއަށްވުރެ ކުދި ރަށްރަށުގައިވެސް އަމާންކަންމަތީ އަމިއްލަ ގޭގައިވެސް ނޫޅެވެއެވެ. އަމާންކަން ކަށަވަރުކޮށްދޭން އުފެއްދިފައިވާ ސަރުކާރު މިވަނީ އެކަމަށް ނުކުޅެދިފާމެއެވެ.

ސިޔާސީ 20 އަކަމީހުން މަގުމައްޗަށް ނުކުތީމާ އެކަމުން ”ރައްޔަތުންނަށް“ ލިބިދާނެ ގެއްލުމަކުން ”ސަލާމަތް“ ކޮށްދިނުމަށް އަބަދުމެ ފޫގަޅާ ބިޒީވެ ސަރުކާރު ނޭވާހޮޅިއަށް އެޅިފައިވާކަހަލައެވެ. ދަގަނޑު ތޭރި ޖަހައިވެސް ގޭތެރޭގައި އޮންނަ ފޯނުގަނޑުވެސް ސަލާމަތް ނުކުރެވޭވަރަށް ވައްކަމާއި ފޭރުން ޢާންމުވީއެވެ. މަގުމަތީގެ މާރާމާރީއާއި ގޭންގު ފައިޓު ޖެއްސުމާއި ވައްކަމާއި ފަސާދައިން މުޅި މުޖުތަމަޢު ހަލާކުކޮށްލައިފި ކަހަލައެވެ. ސަލާމަތާ ރައްކާތެރިކަން ދެން ފަހެ ކަށަވަރު ކުރެވޭނީ ކިހިނެއްތޯއޭ އެއީ އަމިއްލަ އަމިއްލައަށް ކޮށްލެވޭ ސުވާލެވެ.

އިންސާނުންގެ ދިރިއުޅުމުގެ އާދަކާދައާއި އެބައިމީހުންގެ އުޅުމުގެ ވަށްޓަފާޅީ ބަދަލުވާން ޖެހޭނީ އެބައެއްގެ ކުރިއެރުމާއި ލާބަޔަށްޓަކައެވެ. ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދެމުންނެވެ. ނުވަތަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީގެނެވެ.

 

 

Loading

3 Responses

  1. އަދި ރަނގަޅުވާނެ. ގައިމުވެސް ކޮންމެ އަހަރެއްގެ ބަޖެޓު ދެގުނައަށް ބޮޑުވޭ. ރައްޔަތުމީހާ އަތުން ނަގާ ޓެކްސް ގިނަކުރޭ. ސަލާމް ޖަހައިގެން އެހެން ގައުމުތަކުން ނަގާ ލޯނާއި އެނހީތައް ޑަބްލްވޭ. ދެން އެހެންވީމާ ރަނގަޅުވާނެކަމަށް ބަލަމާހެއްޔެވެ. ފުލުހުންގެ ނުލަފާކަމުގެވާހަކަ ސިޔާސީ ޕާޓީތަކުން އަބަދުވެސް ދައްކާނެއެވެ. އެއީ އެސިޔާސީ ބައިގަނޑު އަބަދުވެސް އުޅެންޖެހެނީ ގާނޫނަށްވުރެ މަތީގައެވެ. އެންމެނަށް ހަމައަށް ގާނޫނު ހިންގޭނަމަ ފޭރުމާއި ވައްކަމާއި ދަރަނިންވެސް ސަލާމަތް ވާނެއެވެ.

  2. ހާދަ ދެރައޭ. ނަޖީބަކީ އެގައުމުގެ ކުރީގެ ހެޔޮލަފާ ބޮޑުވަޒީ ތުން ރައްޒާގު ގެ ދަރިފުޅެވެ. މާބޮޑަށް ރީތި އަންހެނުންދެކެ ލޯބި ވެވުމަކީވެސް އަނބި ކޮންޓުރޯލް ދަށުގައި ތިބޭ ފިރިހެނުންނަށް ނުރައްކާތެރި ކަމެއް ކަމުގައި ވެދެއެވެ. އެމަންޖެ އަށް ތިގޮތަށް މަރުވާން އެދިމާވީ އެފަދަ ގޮތަކުން ކަމުގައިވެދާނެދޯއެވެ.

  3. ދިވެހިންގެ ރީތި އާދަކާދަތައް ގެއްލިއްޖެއެވެ. މިހާރުގެ ބައެއް ޒުވާނުން ދެކޭގޮތުަގައި އެއީ ތަޢުލީމެއްނެތި އުޅެން ޖެހުނުޒަމާނުގައި ކަންހިނގާނެގޮތެވެ. އެ ވިސްނުމުގައި ތިބިބަޔަކުގެ ވިސްނުން ކުއްލިއަކަށް ބަދަލެއް ނުކުރެވޭނެއެވެ. އެކަމަކު ތަޢުލީމު ލިބުމަކީ އެބައެއްގެތެރޭގައި ހުރި ރީތި އާދަކާދަތައް ނެތިދާންވީ ސަބަބެއް ނޫނެވެ. ދިވެހިން ދިވެހިންގެ ގޮތުގައި އެނބުރި އައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހެއެވެ. ސަރުކާރުންނާއި ފަރުދީގޮތުންވެސް މެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް