އުރެދުމާއި އަދި ފާފައިން އެކަމުން މުޖްތަމައަށް ކުރާ އަސަރު

126

لحْـَمْدُ لِلَّهِ رَبِّ الْعَالمَِيْنَ، وَالصَّلاَةُ وَالسَّلاَمُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْنَ، نَبِيُّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ اَجْمَعِيْنَ، مَنْ يَهُدِهِ اللهُ فَلاَ مُضِلِّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَلاَّإِلَهَ إِلاَّاللهُ وَأَنَّ مُحَمَّدَا عَبْدُهُ وَرَسُولِهُ صَلىَّ اللهُ عَلَيْهِ وَسَلَّمْ، أَمَّابَعْدُ:

ހަމަކަށަވަރުން މާތްالله އެކަލާނގެ ޚަލްޤުތައް އުފައްދަވާފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި އެޚަލްޤުތަކުންނަށް ރިޒްޤުދެއްވަނީ އެކަލާނގެއަށް ޝުކުރުވެރިވުމަށެވެ. ފަހެ މާތްالله ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. الذاريات: ٥٨ الذاريات: ٥٧ الذاريات: ٥٦ މާނައީ: “ޖިންނީންނާއި އިންސީން ތިމަންސުވާމީންގެ ކިބައަށް އަޅުކަން ކުރުމަށް މެނުވީ ނުހައްދަވަމެވެ. އެމީހުންގެ ކިބައަކުން ތިމަންސުވާމީންގެ ރިޒުޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާން ދިނުމަކަށްވެސް އެދިވޮޑިއެއްނުގަންނަވަމެވެ. ރިޒުޤުދެއްވާ ރަސްކަލާނގެއީ މާތްالله ކަން ކަށަވަރެވެ. އެކަލާނގެއީ އާރާއި ބާރުގެ ވެރިރަސްކަލާންގެއެވެ.”

ފަހެ ހަމަކަށަވަރުން الله سبحانه وتعالى މިއާޔަތްތަކުގައި ބަޔާންކޮށްދެއްވާފައިވާ ގޮތުގައި އިންސާނާއުފެއްދެވި މަޤްޞަދެއްކަމުގައިވަނީ އެއީ އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި އެކަލާނގެ ޝަރުޢުކުރެއްވި މަބާދިއުތަކުގައި މިދުނިޔެވީ ޙަޔާތުގައި ހިފަހައްޓައިގެން އުޅުމެވެ. އަދި އެހެނީ ހަމަކަށަވަރުން މި ދުނިޔޭގެ އުފަލާއަރާމަކީ ކުޑައެއްޗެކެވެ. އަދި މިދުނިޔެއަކީ ނެތިގެންދާ އެއްޗެއްކަން ކަށަވަރެވެ. މިގޮތުން ގެއްލިގެންދާނޭ މިދުނިޔެއާއި މިދުނިޔޭގައިވާ ތަކެއްޗަށް ލޯބިކުޅައުމުގައި ހައްދުފަހަނައަޅައި ނުދިއުމަށް އިންޒާރުކުރައްވާފައިވެއެވެ.

ތިޔަބައި މީހުން ދަންނާށެވެ! ދުނިޔޭގެ ދިރިތިބުން ވާކަންކަށަވަރީ ކުޅިވަރެއްކަމުގައެވެ. އަދި ފޫހިފިލުވުމެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައި މީހުންގެ މެދުގައި އެކަކު އަނެކެއްގެ މައްޗަށް ބޮޑާވެގަތުން ކަމުގައެވެ. އަދި، މުދައުތަކާއި ދަރީންތަކާއި މެދު، އެކަކު އަނެކަކަށް ވުރެން ގިނަކުރުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލު ފަދައިންނެވެ. އެފެނުން ފެންލިބިގެން ބިމުން ފެޅިގޮވާމެއް، ކާފިރުން (ދަނޑުވެރީން) ޢަޖައިބުކޮށްފައިވެއެވެ. ދެން އެގޮވާންހެދި، އެއަށް ލިބޭންވީ، އެންމެ ފުރިހަމަކަންލިބެއެވެ. ދެން ފަތްތައް ދޮންވެ، ރީނދޫވެފައި ވަނިކޮށް ފެނެއެވެ. ދެން، އެއަށްފަހު، ހިކިހުއިތަކަކަށްވެއެވެ. އާޚިރަތުގައި ވަނީ، ގަދަފަދަވެގެންވާ ޢަޒާބެވެ. އަދި، މާތް الله ގެ ޙަޟްރަތުން އަންނަ ފާފަފުއްސެވުމާއި ރުއްސެވުމެވެ. ހެއްލުންތެރިވާ ބަޔަކަށް ހިތްހަމަޖެހުމާއި އުފާލިބޭކަމެއް ކަމުގައި ނޫނީ ދުނިޔޭގެ ދިރިތިބުން ނުވެއެވެ.”

އަދި އުރެދުމާއި ފާފަކުރުން އެއީ ހައްދަވައިގެންގުޅުއްވާ އިލާހު ކޯފާވެވޮޑިގެންވާ ކަމެއްކަމުގައި ވީހިނދު، އަދި އެއީ އެކަލާނގެ ޢަޛާބަށް ވާޞިލްކޮށްދޭ މަގުކަމުގައި ވީހިނދު، އަހަރުމެންގެ ވާޖިބެއްކަމުގައި ވާންވީ އެކަމުން ރައްކައުތެރިވެ، އަދި އެކަމުގެ ނުރައްކާ ބޮޑުކަން ހިތްމައްޗަށް ގެނެސް، އެއީ ކުޑަ ނުވަތަ ބޮޑު ފާފައެއް ކަމުގައިވިޔަސް އެކަމުން ރައްކައުތެރިވުމެވެ.

އަޅަމެން الله سبحانه وتعالى ޙަޟްރަތުން އެދެނީ އަޅަމެންނަށް ހިދާޔަތާ އަދި ކިޔަމަންތެރިކަން މިންވަރު ކުރެއްވުން! އަދި އަޅަމެންގެ ކުށްތަކަށާއި ފާފަތައް ފުއްސަވާދެއްވުން! ހަމަކަށަވަރުން އެކަލާނގެއީ އަޅުން އެދޭކަންތައްތައް އައްސަވާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ.

އުރެދުމާއި އަދި ފާފައިން އެކަމުން މުޖްތަމައަށް ކުރާ އަސަރު:

ހަމަކަށަވަރުން ފާފަ އަދި އުރެދުންތަކުން ކުރާ އަސަރުތައް އެއީ، އެއުރެދުމަކަށް ނުވަތަ ފާފަޔަކަށް އަރައިގަންނަ މީހާގެ މައްޗަށް ހަމައެކަނި ހުއްޓިފައިވާ ކަމެއްނޫނެވެ. ކިއެއްތަ! އޭގެ އަސަރުތައް އެހެންމީހުންނަށް ވެސް ފޯރައެވެ. އެހެނީ އެމީހުންނަކީ ފާފަކުރާ މީހުން ކަމުގައި ނުވިޔަސްއެވެ. ފަހެ، ހަމަކަށަވަރުން ޢުޤޫބާތް ޢާއްމުވެގެންދަނީ މުންކަރާތަށް ނަހީނުކޮށް އަދި ހެޔޮކަންތަކަށް އަމުރުނުކުރާ ކަމުގައި ވަންޏާއެވެ.

މިގޮތުން ކީރިތިރަސޫލާގެ އަނބިކަބަލެއްކަމަށްވާ ޒައިނަބު ބިންތި ޖަޙުޝު އަރިއަހުން ރިވާވެގެން ޙަދީޘެއްގައިވެއެވެ. ހަމަކަށަވަރުން ރަސޫލާz ކަންބޮޑުވެ މޫނުރަތްވެފައިވާ ޙާލުކޮޅެއްގަ އެކަމަނާގެ ކޮޓަރިކޮޅަށް ވެދެވަޑައިގެން ވިދާޅުވަނީ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا فَزِعًا يَقُولُ لَا إِلَهَ إِلَّا اللَّهُ وَيْلٌ لِلْعَرَبِ مِنْ شَرٍّ قَدْ اقْتَرَبَ فُتِحَ الْيَوْمَ مِنْ رَدْمِ يَأْجُوجَ وَمأْجُوجَ مِثْلُ هَذَا وَحَلَّقَ بِإِصْبَعِهِ وَبِالَّتِي تَلِيهَا فَقَالَتْ زَيْنَبُ فَقُلْتُ يَا رَسُولَ اللَّهِ أَنَهْلِكُ وَفِينَا الصَّالِحُونَ قَالَ نَعَمْ إِذَا كَثُرَ الْخَبَثُ ( صحيح البخارى: 7135) މާނައީ: الله މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކުނުވެއެވެ. އަދި ޢަރަބީންނަށް ހަމަކަށަވަރުން ކައިރިވެއްޖެ ނުބައިކަމަކުން ހަލާކުހުއްޓެވެ. (މިތަނުގައި ޢަރަބީންގެ ނަން ޚާއްޞަ ގޮތެއްގައި އައިސްފައިވަނީ އެދުވަސްވަރު އިސްލާމީ ބޮޑު ބަޔަކީ ޢަރަބީން ކަމަށްވީތީއެވެ. މިތަނުގައި ކައިރިވެއްޖެ ނުބައިކަމޭ ބުނެވެނީ އެކަލޭގެފާނަށްފަހު އުޘްމާނުގެފާނު ޤަތުލުވާނެކަމުގެ އިޝާރާތެކެވެ. އަދި އެއަށްފަހު ޢަރަބީން އުއްމަތްތަކުގެ މެދުގައި ފިތުނަވެރިކަން ބޮޑުވެގެން ދިއުމެވެ. އަދި ޤުރުތުބީ ދެކިލައްވާ ގޮތުގައި އިސްލާމީ ފުތޫޙާތައް ގިނަވުމާއިއެކު މުދާވެރިކަން އިތުރުވެ އެއްބަޔަކު އަނެއްބަޔަކަށް އެކަމުގެ ވާދަވެރިކަމާއި ފިތުނަވެރިކަން އޮތުމެވެ.) يأجىج و مأجىج ބައިގެމީހުން ذوالقرنين ބިނާކުރެއްވި ލޯފާރު ލޯވަޅެއްގެ މިންވަރަށް ހުޅުވިއްޖެއެވެ. (މުރާދަކީ އެމީހުން ޤިޔާމަތްކައިރި ވުމުން މީސްތަކުންގެ މައްޗަށްވާ ފިތުނައެއްގެ ގޮތުން އެފާރު ފޫއަޅުވާލާނެއެވެ. އަދި އެމީހުން ވާނީ ޢާއްމުވެގެންވާ މުސީބާތެއްކަމުގައެވެ.) އަދި އެކަލޭގެފާނު ބޮޑުވާއިނގިލިއާއި ޝަހާދަށް އިނގިލި ގުޅޭގޮތުން ލޯވަޅެއްގެ މިޘާލު ދެއްކެވިއެވެ. ޒައިނަބުގެފާނު ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ! الله سبحانه وتعالى އަހަރުމެންގެ ތެރޭގައި ރަނގަޅު މީހުންވަނިކޮށް އަހަރުމެން އެންމެން ޝާމިލް ވާނެހެން (ރަނގަޅު މީހުންނާއި ނުބައިމީހުން) ހަލާކުކުރައްވާނުތޯއެވެ؟ ވިދާޅުވިއެވެ. އާނއެކެވެ! ނުބައިކަންތައްތައް ގިނަވެއްޖެކަމުގައި ވެއްޖެއްޔާ ހަލާކުވެދާނެއެވެ.

ابن العربى ވިދާޅުވިއެވެ. އަދި މިޙަދީޘުން ހަމަކަށަވަރުން ބަޔާންވެ އިގޭ ގޮތުގައި ރަނގަޅުމީހުން ނުބައިމީހުންގެ ހަލާކުން ހަލާކުވެދާނެއެވެ. އެނުބައިމީހާގެ ނުބައިކަން ބަދަލުނުކުރާކަމުގައި (މަނާނުކުރާ) ވެއްޖެ ހިނދެއްގައެވެ. އަދި އެގޮތަށް އަދި އެނުބައިކަން ނަހީ ކުރިޔަސް އެނުބައި މީހާ ނުބައިކަން ކުރުމުގައި ދެމިހުރެއްޖެނަމަ، އަދި އެކަން ފެތުރިގެން ދާނެއެވެ. ފަސާދަ ޢާއްމުވެދާނެއެވެ. ފަހެ އެހިނދު މަދުމީހުން ކުޅަ ޢަމަލުގެ ސަބަބުން ގިނަބަޔަކު ހަލާކުވެއެވެ. ދެން އޭގެ ތެރެއިން ކޮންމެ މީހަކުވެސް މަޙްޝަރުކުރެވޭނީ އެމީހެއްގެ ނިޔަތާއި އެއްގޮތަށެވެ. (ބުޚާރީގެ ޟަރަޙަ ފަތުޙުލް ބާރީ)

އަދި الله الله سبحانه وتعالى ޚަލްޤުތަކުން ނުއުފައްދަވާ އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، އަދި ރަސޫލުބޭކަލުންނެއް ވެސް ނުފޮނުއްވަވާ އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށް މެނުވީ، މާތް الله ވަޙީކުރައްވާފައިވެއެވެ: النساء: ٦٤ މާނައީ: މާތް الله އަމުރުފުޅާއިއެކު، ކިޔަމަން ވެވުމަށްޓަކައިމެނުވީ ތިމަންސުވާމީންގެ ރަސޫލަކު ނުފޮނުއްވަމެވެ. އެބައި މީހުން އެބައި މީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވީ ހިނދު، ކަލޭގެފާނުންގެ އަރިހަށް އައިސް ތއުުބާވެ އެބައިމީހުންގެ ފާފަފުއްސެވުމަށް މާތް اللهގެ ޙަޟްރަތުން އެދުނުނަމަ، އަދި، ރަސޫލާ އެބައި މީހުންނަށްޓަކައި، އެބައި މީހުންގެ ފާފަ ފުއްސެވުމަށް އެދިވަޑައިގަތްނަމަ، ތައުބާ ޤަބޫލުކުރައްވާ ރަޙްމާންވަންތަ ކަލަކު ކަމުގައި، މާތް الله އެބައިމީހުން ދެކޭނެކަން ކަށަވަރެވެ. (އެބަހީ: އެބައި މީހުންގެ ތައުބާ މާތް الله ޤަބޫލު ކުރައްވާ ރަޙްމަތްލައްވާނެކަން ކަށަވަރެވެ.) ފަހެ އިންސާނާ އާދަމް عليه السلام އުފެއްދެވީއްސުރެން އިންސާނީ ތާރީޚަށް ވިސްނައި ފިކުރު ހިންގާލާފިނަމަ، އަދި މިއަދާ ޖެހެންދެން، ފެންނާނެ އެއްވެސް ޤުދުރަތީ ކާރިޘާއެއް ނުވަތަ މުޞީބާތެއް އުއްމަތްތަކަށާއި އަދި އެއުއްމަތެއްގައި ދިރިއުޅޭމީހުންން އެމީހުންކުރާ ފާފަތަކާއި މާތް اللهގެ އަމުރުފުޅުތަކަށް އުރެދެމުން މެނުވީ،އެމުޞީބާތްތައް ޢާއްމު ނުކުރައްވަތެވެ. ފަހެ، މިގޮތުން އާދަމް عليه السلام އެންމެ ކުށެއްގެ ސަބަބުން ސުވަރުގެއިން ބޭރުކުރެވުނެވެ. މާތް الله ވަޙީކުރައްވަނީ:

البقرة: ٣٥ – ٣٦ މާނައީ: އަދި ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ! އޭ އާދަމްގެފާނެވެ! ކަލޭގެފާނާއި ކަލޭގެފާނުންގެ އަނބިކަބަލުން ސުވަރުގޭގައި ވަޒަންވެރިވާށެވެ! އަދި ތަނަވަސްކަމާއި ފަހިކަމާއިއެކު ތިޔަ ދެކަނބަލުން އެދިވަޑައިގަންނަވާ ގޮތަކަށް އެސުވަރުގެއިން ފަރިކުޅުއްވާށެވެ. ތިޔަ ދެކަނބަލުން މިހިރަ ގަހާއި ކައިރިވެވަޑައި ނުގަންނަވާށެވެ. އެކަންކުރައްވައިފި ނަމަ ތިޔަ ދެކަނބަލުން އަމިއްލަ ނަފްސަށް އަނިޔާކުރާ މީހުންގެ ތެރެއިންވާނެއެވެ. (35). ދެންފަހެ އެދެކަބަލުން އެގަހުގެ ފަރާތުން ކުށުގައި އަޅުއްވައި ސުވަރުގޭގައި އެދެކަނބަލުން އުޅުއްވި ނިޢުމަތްތަކުން އެދެކަނބަލުން ބޭރުކޮށްފިއެވެ. އަދި ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. ތިޔަބައި މީހުންގެ އެއްބަޔަކު އަނެއްބަޔަކާއި ޢަދާވާތްތެރިކަމުގައިވާ ޙާލު ތިޔަބައި މީހުން ބިމަށް ފައިބާށެވެ. ބިމުގައި ތިޔަބައި މީހުންނަށްޓަކައި ކަނޑައެޅިފައިވާ ޤަރާރުވުމެއްވެއެވެ. އަދި އަޖަލު އައިސް ޖެހިއްޖެއުމަށް ދާންދެން ކައިބޮއި އުނުއަނދެ އަރާމުކޮށް އުޅުންވެއެވެ. 36.

އިބުނުލް ޤައްޔިމުހަ رحمه الله تعالى ވިދާޅުވިއެވެ. ހަމަކަށަވަރުން އާދަމް عليه السلام ސުވަރުގެއިން ބޭރުކޮށްލެވުނީ އެންމެ ފާފައެއްގެ ސަބަބުންނެވެ. ފަހެ، ސުވަރުގެއަށް ގިނަފާފަތަކެއްކޮށް ވަންނަން އެދޭމީހާގެ ޙާލުކިހިނެއްވާނެހެއްޔެވެ؟ ހަމަކަށަވަރުން މާތް اللهގެ ޢަދުއްވު އިބްލީސު އޭނާގެ އަމިއްލަ ނަފުސްގެ މައްޗަށް ޢަޙްދުކަށަވަރު ހިފާފައިވަނީ އާދަމުގެ ދަރީން މަގުފުރައްދާ އަދި އެމީހުނަށް އުރެދުމާފާފަތައް ޒީނަތްތެރިކުޅައުމަށެވެ.

އިބިލީސް ދެންނެވިއެވެ. ހައްދަވާބޮޑުކުރެއްވި ކަލާކޯއެވެ! ތިމަން މަގުފުރައްދަވައި ނަގައިލެއްވިކަމުގެ ސަބަބުން، ބިމުގައި އުރެދި އުޅޭ އަޅުންތައް އެބައި މީހުންނަށް ހަމަކަށަވަރުން ތިމަން ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި، އެބައި މީހުން އެންމެން މަގުފުރައްދައި ނަގާލާހުށީމެވެ.

އިބްލީސް އޭނަގެ ހައްދުފަނައަޅާ ދިއުމާއި އަމުރަށް ނުކިޔަމަންތެރިކަމުގެ ވާހަކަ އޭނަ ކިބައިން އައިސްފައިވާގޮތް، الله سبحانه وتعالىގެ ވަޙީބަސްފުޅުގައި ވާރިދުވެފައިވާގޮތް ތަފްސީރު އިބުނު ކަޘީރުގައި ބަޔާންކޮށް އައިސްފައިވަނީ މިފަދައިންނެވެ. “އިބަ الله ތިމަންނާ މަގުފުރައްދަވާ އަދި ގެއްލެނިކުރެއްވި ސަބަބަށްޓަކައި ހަމަކަށަވަރުން އާދަމުގެ ދަރީންނަށް ފާފަތައް ޒީނަތްތެރިކުރާހުށީމެވެ. އަދި އެކަމަށް ލޯބި ޖައްސާ އަދި އެކަމުން އުނދަގޫ ކުރުމަކުން އުނދަގޫކުރާހުށީމެވެ.” (تفسير ابن كثير: 714)

އަދި الله ގެ ޢަދުއްވު އިބްލީސް އާދަމުގެ ދަރީން މަގުފުރެއްދުމުގައި ދެމިހުއްޓެވެ. ފަހެ ނޫޙު عليه السلام ގެ ޤައުމުގެ މީހުން ހަލާކުވެގެން ދިޔައީ ފާފަކުޅައުމާއި، މާތް اللهގެ އަމުރުފުޅުތަކަށް އުރެދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި الله سبحانه وتعالى ހޫދުގެފާނުގެ ޤައުމުގެ މައްޗަށް ގަދަފަދަ ވައެއް ފޮނުއްވައި އެމީހުން ހަލާކުކުރެއްވީ ފާފައާއި އުރެދުމުގެ ސަބަބުންނެވެ. އަދި ޞާލިޙް عليه السلامގެ ޤައުމުގެ މީހުން ގެމައްޗަށް ވަރުގަދަ އަޑެއްފޮނުއްވައި، ހަލާކުކުރެއްވީވެސް ފާފައާއި އުރެދުމުގެ ސަބަބުންނެވެ. އަދި لوط عليه السلام ގެ ޤައުމުގެ މީހުންވެސް ހަލާކުވެގެން ދިޔައީ ކުރިން ބަޔާންކުރެވުނު އުރެދުމާއި ފާފައިގެ ސަބަބުންނެވެ.

– ނުނިމޭ …/2

 

1 ހިޔާލު

  1. އަލްޙަމްދުލިﷲ، ހެޔޮތަކެތި އިންސާނިއްޔަތަށް އުނގަނައިދެއްވުމާއި ޢަމަލުކުރުމުގެ މަތީ ޝޭޚު ހުންނަވާތީ އުފާކުރަމެވެ. މާތްﷲ ޝެޚު އިއްޒުއްދީން އަށް ފާފަފުއްސަވާ ފުރިހަމަ ސިއްޙަތެއް ދެއްވައި ރަޙުމަތް ލައްވާށިއެވެ. އާމިން.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ