ކުރީގެ ކަރުދާސް ނޫޓު އައު ނޫޓަށް ބަދަލުކުރުމުގެ ފަހު ފުރުސަތު 31 ޖުލައިގެ ނިޔަަލަށް

Loading

Facebook
Twitter
WhatsApp

ކުރީގެ ކަރުދާސް ނޫޓު ފަހުގެ ނޫޓަށް ބަދަލުކުރެވޭނީ 31 ޖުލައިގެ ކުރިންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހާމަކޮށްފިއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ވަނީ ނެރެފައެވެ. ކުރިން ބޭނުންކުރި ކަރުދާސް ނޫޓްތައް އަދިވެސް އެމްއެމްއޭ މެދުވެރިކޮށް ފަހުގެ ނޫޓްތަކަށް ބަދަލު ކުރެވެއެވެ. ނަމަވެސް ކުރީގެ ނޫޓުތައް މިއަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ފަހުގެ ނޫޓަށް ބަދަލުކުރުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.

އެމްއެމްއޭއިން ބުނީ ޖުލައި މަހުގެ ފަހުން ކުރިން ބޭނުންކުރަމުންއައި ކަރުދާސް ނޫޓުތައް ބަދަލު ނުކުރެވޭނެކަމަށެވެ. އެމްއެމްއޭއިން ބުނީ މިހާރު ވެސް ގިނަ އަދަދެއްގެ ކުރީގެ ކަރުދާސް ނޫޓުތައް އެ އިދާރާއަށް ލިބިފައިވާކަމަށެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ އެމްއެމްއޭއިން ފޯރުކޮށްދޭ ހުރިހާ ޙިދުމަތެއްވެސް ކުރިއަށް ގެންދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ކަރުދާސްނޫޓް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން ވެސް އެޕޮއިންޓްމަންޓް ހެއްދުމުން ފައިސާ ބަދަލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެޕޮއިންޓްމަންޓް ހެއްދުމަށް އައިޑީކާޑު ނަންބަރާއި، ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ނަންބަރާއި ބޭނުންވާ ޙިދުމަތެއް ލިޔުމަށްފަހު 7919292 އެސްއެމްއެސް ނުވަތަ ވައިބަރ ކުރުމުން އެޕޮއިންޓްމަންޓް ހެއްދޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

ސަލާމަތީގޮތުން ރައްކާތެރި، އަދި ކޮލިޓީ ރަނގަޅު ރަންދިހަ ފަހެއް ނޫޓް ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 26 ޖަނަވަރީ 2016 ގައެވެ. ދިވެހި ރުފިޔާގެ އާނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ އަދި ޒަމާނީ ނޫޓްތަކެކެވެ.

މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާލާއިރު، ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއް ނޫނެވެ. ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ، ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށްވެސް ނޫޓްތައް ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓްތަކެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް