ހަރުދަނާ މުޖްތަމަޢަކަށް ހަރުދަނާ ޢާއިލާއެއް

Loading

Facebook
Twitter
WhatsApp

ޢާއިލައަކީ މުޖްތަމަޢެއްގެ އެންމެ ފުރަތަމަ ބިންގާއެވެ. މިބިންގާގެ އަސާސް ވަރުގަދަވެ ހަރުދަނާވެގެން މެނުވީ ޞާލިޙު ދުޅަހެޔޮ މުޖްތަމަޢެއް ބިނައެ ނުކުރެވޭނެއެވެ. އެހެނީ ޢާއިލާއެއް ބިނާވެގެންވަނީ އަންހެނަކާއި އަދި ފިރިހެނެއްގެ މައްޗަށެވެ. އަދި އެދެމީހުންނަކީ ހަރުދަނާ ބަޔަކަށް ވެގެންމެނުވީ ހަރުދަނާ ދަރިންތަކެއް ބިނެއް ނުކުރެވޭނެއެވެ.ހަރަދަނާ ދަރިންތަކެއްގެ ފުށުން ނޫނީ ހަރުޖަނާ މުޖްތަމަޢެއް އުފަންނުވާނެއެވެ. މިހެންވެ އިސްލާމްދީން ކައިވެނީ ގުޅުމުން ދެމީހަކު ގުޅުމުގެ ކުރިން އެދެމީހުންނަކީ ދީނީގޮތުންނާއި އަދި އަޚްލާޤީގޮތުން،މާލީގޮތުންނާއި، އަބުރުވެރި ވަފާތެރި، ބަޔަކަށް ވުމަށް ބާރު އަޅުއްވާފައިވެއެވެ. قال رسول الله صلى الله عليه وسلم : ” تُنكَحُ المرأَةُ لأربعٍ : لمِالهَا وَلِحَسَبهَا ولجَمَالهَا ولدِينِهَا ، فَاظفَر بذَاتِ الدِّينِ تَرِبَتْ يَدَاكَ ” (رواه البخاري) މީހުން މީހުންނާ އިނދެ އުޅުމުގައި ހަތަރު ސިފައެއްގެ މައްޗަށް ބަލަ އެވެ. އެއީ އަންހެނާގެ ފައިސާވެރިކަމާއި، އޭނާގެ ޙަސަބާ ނަސަބާއި، އޭނާގެ ރީތިކަމާއި ދީންވެރިކަމެވެ. ފަހެ ތިޔަބައިމީހުން ދީންވެރި އަންހެނުން އިޚްތިޔާރުކުރާށެވެ. އޭރުން އެންމެ ރަނގަޅު އަންބަކު އިޚްތިޔާރުކުރެވުނީ އެވެ.

ހެޔޮލަފާ ދަރިންތަކެއް ތަރުބިއްޔަތު ކުރެވޭނީ ހެޔޮލަފާ ހަރުދަނާ ދެމަފިރިއަކަށެވެ. ކުޑަ ކުއްޖާ ދުނިޔެއަށް އުފަންވަނީ ފިޠްރަތުގެ ސާފުކަންމަތީގައެވެ. އެކުއްޖާ ޔަހުދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސާއަކަށް ހަދަނީ މަންމައާއި ބައްޕައެވެ.ކުއްޖަކު ހޯދުމަށް ޤަޞްދުކުރާ ހިސާބުން ކުއްޖާގެ ތަރުބިއްޔަތާ ދޭތެރޭ ވިސްނަންޖެހޭ ކަމަށް ތަރުބިއްޔަތާއި ބެހޭ ޢިލްމުވެރިން ވިދާޅުވެއެވެ. ކުއްޖާ ތަރުބިއްޔަތު ކުރަންޖެހޭކަން ވިސްނުމަށް އަންނަންވީ ކުއްޖާ ގޯޅިއެޅުމުގެ ކުރިންނެވެ. ނަމެވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަބެލެނިވެރިންގެ ސަމާލު ކަމަށް މިކަން އަންނަނީ އެކުއްޖާއަކީ މުޖްތަމަޢަށް ހުރިވޭނަކަށް ވުމަށްފަހުގައެވެ. ކުރިން ނުވި ރައްކަލެއް ފަހުން ނުވެވޭނޭ ބުނާބީދާއިން ޅަފަތުގައި ކުއްޖާއަކީ ހަރުދަނާ ޢަޤީދާއަކާއި ދުޅަހެޔޮ އަޚްލާޤެއްގެ ވެރިކުއްޖަކަށް ހެދިއްޖެނަމަ،އެކުއްޖާގެ ފެށުމާއި ނިމުން ރަނގަޅުވެ،މުޖްތަމަޢަށް ލާބައާއި މަންފާ ކުރަނިވި ކުއްޖަކަށް އެފަދަކުއްޖެއްގެ މައިން ބަފައިންނަށް ހަމަނިދީން ނިދާލެވި ލޮލަށާއި ހިތަށް ފިނިކަން ލިބިގެންދާނެއެވެ.

ވީމާ،މިކަން ޙާޞިލްކުރުމަށްޓަކައި ޢާއިލާގެ ދުރު ރާސްތާ މަގުޗާޓެއް އެފަދަ ޢާއިލާއެއްގައި އޮންނަންވާނެއެވެ. އެކަން ތަންފީޛު ކުރުމަށް ދެމަފިރިންގެ މިޞްރާބު އެއްގޮތް ވާންޖެހެއެވެ. އަދި ކެތްތެރިކަމާއި ޙިކްމަތްވެރިކަން އިސްކޮށް މަސްއޫލިއްޔަތު އަދާކުރުމަށް ފަސްޖެހިގެން ނުވާނެއެވެ. އަދި ދަރިފުޅު ޢިލްމީ،އަޚްލާޤީ،އަދި ހަށިގަޑާއި އަދި ބުއްދި،އަދި ނަފްސާނީ ގޮތުންނާއި އަދި އިޖްތިމާގޮތުން ދުޅަހެޔޮ ކުއްޖަކަށް ހެދުމަށްޓަކައި މަސައްކަތް ކުރަންޖެހެއެވެ.

މާތްﷲ ގެ ޙަޟްރަތުން ވާގިއެދި ނާއުއްމީދުވުމުގެ ބަދަލުގައި ކުދީންނަށް ރަނގަޅު މާހައުލެއް ފަހިކޮށްދޭންވާނެއެވެ. އެގޮތުން ގޭތެރޭގެ މާޙައުލުއަކީ އިސްލާމީ ސިފަވަންތަކަން ޖެހިފައިވާ ތަނަކަށް ހަދަންޖެހެއެވެ. ޚިޔާލީ ދުނިޔެއިން ކުދިން ނެރެ ޙަޤީޤީ ދުނިޔެއަށް ކުދިން ނެރެންވާނެއެވެ. ވަގުތީ އުފަލަށްވުރެއް ދާއިމީ އުފާލުގެ އަގުބޮޑުކަން ކުދީންގެ ސިކުޑީގައި އަށަގަނުވަންވާނެއެވެ. ހެޔޮމިންވަރާއި ނުބާމިންވަރަށް އީމާންވާން ދަސްކޮށްދޭންވާނެއެވެ. ޙަޤީޤީ އުފަލާއި ބާއްޖަވެރިކަން އޮތީ ހެއްދެވި ފަރާތުގެ އަމުރުތަކަށް ކިޔަމަންވި ވަރަކުންކަން ހަނދުމަކޮށްދޭންވާއެވެ. ކަންކަމުގައި އަވަސް އަރާގަތުމަކީ ޝައިޠާނާގެ ޢަމަލެއްކަން ބަޔާންކޮށްދޭންވާނެއެވެ. މުޖްތަމަޢުގެ އެހެންނިހެން އަފްރާދުންނާއި ރިވެތިގޮތުގައި މުޢާމާލާކޮށް މަކާރިމުލް އަޚްލާޤުގެ ފޭރާން އެއީ ޙަޤީޤީ ފޭރާންކަން ދަންނަންޖެހެއެވެ.އެއިރުން މުޖްތަޢުވެގެންދާނީ ހިތްފަސޭހަ،އެކަކު އެކަކު އަނެކަކަށް އަޅައިލާ އިޙްތިރާމް ކުރާ ދުޅަހެޔޮ މުޖްތަމަޢަކަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް