ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 6،720 ފްލެޓަށް މީހުން ވަދެވޭވަރަށް ނިންމަން އަދި އިތުރު އަށް މަސް ނަގާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިހާރު ދެން ކުރިއަށް އޮތީ ފްލެޓްތަކުގައި ތަޅުން އެޅުމާއި ކަރަންޓާއި ފެން މީޓަރު ލުމުގެ މަސައްކަތްކަމަށާއި އެކަންތައް ނިންމަން އަށް މަސް ނަގާނެ ކަމަށެވެ.

” ނުނިމި ހުރި މަސައްކަތުގެ ތެރޭގައި އެންމެބޮޑު މަސައްކަތަކީ ފްލެޓްތަކުގައި ތަޅުން އެޅުން. ކަރަންޓްމީޓަރު ހަރުކުރުން ފެންމީޓަރު ހަރުކުރުން. އެއީ ކޮންޓްރެކްޓަރާ އެކީ އެއްބަސް ވުމެއްގެ ދަށުން ނިންމަން ޖެހޭ ކަންކަން. އެ މަސަައްކަތަށް އަށް މަސް ދުވަސް ނަގާނެ ކަމަށް ކޮންޓްރެކްޓަރު އެޗްޑީސީގައި ދަންނަވާފައި އޮތީ. އެހެންވީމާ އަދި ކޮންޓްރެކްޓްގައި ހުރި މަަސައްކަތް އެކީ ނިންމާލަން އަށް މަސް ނަގާނެ. ” މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
އެހެން ނަމަވެސް މި ފްލެޓްތައް ލިބޭފަރާތްތައް ސެޕްޓެމްބަރުގެ ނިޔަލަށް އިއުލާންކޮށް ނިންމާލެވޭނެކަމަށް ލަފާކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން ފްލެޓް ދީފައިވާ ގޮތްބެލުމަށް ރައީސް އެކުލަވާލައިފައިވާ ރިއާސީ ކޮމިޝަނުން މިހާތަނަށް 21000 ފޯމް ވެރިފައިކޮށްފައިވާއިރު އަދި 3،340 ފޯމް އަދި ވެރިފައި ނުކުރެވޭކަމަށާއި އެ މަަސަކަތް އަލުން ފަށައި ޖުލައި މަސް ނިމޭ ހިސާބުގައި ބައެއް ކެޓަގަރީތަކުން ފްލެޓް ލިބޭފަރާތްތައް އިއުލާން ކުރަން ފެށޭނެ ކަމަށް ފްލެޓް ކޮމިޓީން ލަފާކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.