ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާމެދު ހަގީގަތާޚިލާފް ވާހަކަތައް ދަނީ ފަތުރަމުން: ޖެންޑާ

Loading

Facebook
Twitter
WhatsApp

 

 

އެކި ސަބަބުތަކާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލްސާވިސްގެ ދަށަށްގެންދެވޭ ކުޑަކުދިންނާ މެދު މުޖުތަމައުގެ ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފް ވާހަކަތައް ފަތުރަމުން ދާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ 10ވަނަ މާއްދާ “އަޅައިލުމާއި ހިމާޔަތް ލިބުން”ގެ (ހ) އަދި އެ ޤާނޫނުގެ 33ވަނަ މާއްދާ “ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު ޢާންމުނުކުރުން”ގެ (ހ)އާ ހިލާފަށް، ބައެއް ފަރާތްތަކުން ދަނީ މައުލޫމާތު ފަތުރަމުން ކަމަށާ އެކަމާ އެ މިނިސްޓްރީން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

“ އެ ކަމުގެ ސަބަބުން، އެ ކުދިންނާ ގުޅޭ ގޮތުން ހަގީގަތާ ޚިލާފު ވާހަކަ މުޖުތަމައުގެ ތެރޭގައި ފެތުރުމާއި، އެ ކުދިންނާމެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ފަދަ ޝުއޫރު ފާޅުކުރެވިގެންދާ ހާލަތުތައް އާދެއެވެ.“ ޖެންޑާއިން ނެރުރު ބަޔާނުގައި ވެއެވެ.

ޖެންޑާއިން ބުނީ އާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުކަމެއްކަމުން ވީހާވެސް ފުރިހަ ގޮތުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން ދާކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މި ފަދަ ކުދިން މި ފާއިތުވެދިޔަ މުއްދަތުތަކުގައި ދިރިއުޅެމުންދިޔައީ މާލޭ ސަރަހައްދުގައި ގާއިމުކުރެވިފައިވާ ދެ މަރުކަޒެއްގައެވެ. އެ މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސްވިޔަ ނުދީ، އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމައުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި އެ ކަމަށް ޚާއްސަކުރެވިގެން ގާއިމުކޮށްފައިވާ “އަމާން ވެށި”ތަކަށް އެ ކުދިން ދަނީ ބަދަލުކުރަމުންނެވެ.

ޖެންޑާއިން ބުނީ މިފަދަ މަސައްކަތެއް މިހައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާއިރު އެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެ ކަންކަން ހައްލުކުރުމުގައި ގުޅުންހުރި ފަރާތްތަކާއެކު މި މިނިސްޓްރީން ދަނީ މަސައްކަތްކުރަމުންނެވެ. އެ ފަދަ ގޮންޖެހުންތަކަށް ރިއާޔަތްކުރުމެއްނެތި ބައެއް ފަރާތްތަކުން ދައްކާ ހަގީގަތާ ޚިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު އެ ކުދިންނަށް ފޯރާ ހާލަތުތައް އަންނަ ކަމަށް ޖެންޑާއި ބުނެއެވެ.

”ހަޔާތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ހާލަތްތަކުގެ ސަބަބުން އެ ފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުންދާއިރު  އެ ކުދިން މުޖުތަމައުއަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ގަބޫލުކުރަން ޖެހެއެވެ. އަދި މި ފަދަ ގޮންޖެހުތައް ހައްލުކުރުމުގައި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޅި މުޖުތަމައުގެ ޒިންމާތަކެއް ވާކަން ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ.“ މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތުވެސް 222 ކުއްޖަކު އެބަތިއްބެވެ. އެއީ 112 ފިރިހެންކުދިންނާ 110 އަންހެން ކުދިންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް