ސީ ލައިފްގެ އެމްޑީ އައްމަޓީ ލަންކާއިން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

ފްލެޓް ވިއްކުމުގެ ނަމުގައި މަކާރާއި ހީލަތުން ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައިގެން ފިލައިގެން އުޅޭކަމުގެ ތުހުމަތުގައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު ( އައްމަޓީ) ސްރީލަންކާއިން ރޭ ހައްޔަކޮށްފިއެވެ.

އޭނާ ހައްޔަރުކުރިކަން ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ. ފުލުހުން ބުނީ އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ވ. ތިނަދޫ އަހުމަދު މޫސާ މުހައްމަދު ހައްޔަރުކޮށްފައިވާކަން އިންޓަޕޯލްއިން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އޭނާގެ މަށްޗަށް ތުހުމަތުކުރެވޭ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކީ  2014 ވަނަ އަހަރު އެޗްޑީސީން ސީ ލައިފާ ހަވާލުކުރި 3،000 ހައުސިން ޔުނިޓްގެ މަޝްރޫއެއްގައި އެތަނުން ފްލެޓްގަތުމަށް ފައިސާ ދިންފަރާތްތަކަށް މަކަރާއި ހީލަތް ހެދުމުގެ މައްސަލައެވެ.

ފްލެޓްތައްވެސް ނާޅާ ފްލެޓްތަކުގެ ނަމުގައި ފައިސާ އަތުލުމަށްފަހު ޚިޔާނާތްތެރި މައްސަލަ 2018 ވަނަ އަހަރު ފުލުހުން ބަލަންފެށިއެވެ. އަދި 2019 ވަނައަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި  އޭނާގެ މަށްޗަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނެވެ. އޭނާ ހައްޔަރުކުރަން ނެރުނު ނޯޓިސްގައިވާ ގޮތުން އޭނާ އަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތެވެ.

ސީ ލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން ވަނީ މި މައްސަލައިގެ ތެރެއަށް ވަދެ ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭން ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ. މި މައްސަލައިގެ ތެރެއަށް ސަރުކާރުން ވަނުމުން ގިނައަދަދެއްގެ މީހުންގެ ފާޑުކިއުން ސަރުކާރަށް އަމާޒުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް