ކޯސްޓްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ހެދުމަށް އިންޑިއާއާއެކު ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ސިފަވަރުގައި ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

މިމިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ސުބްރަމަނިއަމް ޖައިޝަންކަރްއެވެ.

މި އެއްބަސްވުމުގެ ދަށުން ސިފަވަރުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމާއި، މުއާސަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްގީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސް ވެފައި ވެއެވެ.

މި އެއްބަސްވުމުގައިވާ ގޮތުގެ މަތިން އިންޑިއާގެ ފަންނީ މާހިރުން ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި ޑޮކްޔާޑް އަދި ބަނދަރުގައި ގާއިމްކުރާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔައްތުގައި ވާހަކަދައްކަވަމުން ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ އެކަށީގެން ބަނދަރެއް ނެތުމުގެ ސަބަބުން، އެންމެ ބޭނުންވާ ފެންވަރުގެ ޚިދުމަތެއް ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވާކަމަށާ މި ބަނދަރާއި ޑޮކްޔާޑްގެ ސަބަބުން ކޯސްޓްގާޑްގެ ޚިދުމަތް ދިނުމުގައި މިހާރު ހުރި ގިނަ ދަތިތަކަކަށް ހައްލު ލިގެންދާނެކަމަށެވެ.

ސަލީމް ވިދާޅުވީ ބޮޑެތި އުޅަނތައް ތޮއްޓާ ކައިރިކުރެވޭނެ ގޮތެއް ނެތުމާއި ކަނޑުމަތީގައި އުޅަނދުތައް ބަހައްޓަން ޖެހުމުގެ ސަބަބުން މެއިންޓަނަންސްއ މައްސަލަ ދިމާވާ މިންވަރު އަވަސްކަން ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އެމްއެންޑީއެފްގެ އުޅަނދުތައް މަރާމާތުކުރުމާއި ރީފިޓްކުރުމަށް ގެންދަނީ އިންޑިއާގެ ޑޮކްޔާޑަށް ކަމަށްވުމުންމިކަމަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހި މިކަމުގެ ސަބަބުން ޚިދުމަތް ދިނުމަށް ބުރޫއަރައެވެ.

މި ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ، 2016 ވަނަ އަހަރުގެ އެޕްރީލްމަހު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރި ”ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން“ގެ އުމްރާނީ ތަރައްގީގެ މަސައްކަތުގެ ދަށުން އެކުލަވާލި އެއްބަސްވުއްކަމަށް އެމްއެންޑިއެފުން ހާމަކުރެއެވެ.

ސިފައިންގެ ވެލްފެއާ ބަޖެޓުން ހަރަދުކޮށްގެން މާލެ އަތޮޅު އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑަށް ބަދަނދަރެއްހަދާ އުތުރު ތިލަފަޅުގެ ނަން ސިފަވަރަށް ބަދަލުކުރީ 2014 ވަނަ އަހަރުއެވެ.

އޭރު ސަރުކާރުން ސިފަވަރުގައި ސިފައިންގެ ބިޔަ މަޝްރޫއެއް ހިންގުމަށް އިއުލާންކުރިއެވެ.  އެ މަޝްރޫއު ނިމިގެންދާއިރު އެ ރަށުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބޭސް އަކާއި، ޑޮކްޔާޑާއި ސްލިޕްވޭ އާއި ވެއާ ހައުސްތަކާއި އެހެނިހެން ހިދުމަތްތަކާއެކު ބަންކަރިންގެ ޚިދުމަތާއި އަދި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އެކިފެންވަރުގެ ހޮޓާތަކާއި ޔޮޓްމެރީނާއެއް ވެސް ހެދިގެން ދާނޭ ކަމަށް އޭރުގައި އެމްއެންޑިއެފުން ބުނެފައިވެއެވެ.

އެމްއެންޑިއެފުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ކޯސްޓްގާޑުން މިދިޔައަހަރު 304 އޮޕަރޭޝަން ހިންގާފައިވާއިރު 2019 ވަނަ އަހަރު 363 އޮޕަރޭޝަނެއްވަނީ ހިންގާފައެވެ.
މީގެ ތެރޭގައި މެރިޓައިމް ސަރޗް އެންޑް ރެސްކިއުއިން ފެށިގެން މެރިޓައިމް ޑިސްޓްރެސް އަދި ކަނޑުމަތީގައި ހިންގާ ގާނޫނާ ޚިލާފުވުމުގެ އަމަލުތަކަށް ރެސްޕޮންޑްކުރުމާއި، މޫސުމީ ނުރައްކާތަކާއި އެހެނިހެން ހާދިސާތައް ހިމެނެއެވެ.

Loading

One Response

  1. މިއީ އަނެއްވެރިން އެކިޔާ އިންޑިއާގެ މިލިޓަރީ ބޭސް އަކާއި ގުޅުމެއް ނެތްކެމެއް ދޮގެއްތޯ؟ އެހެންވިއްޔާ ދެން ހަމަ ބާރަށް ކުރިއަށް ގެންދަވާށެވެ. ނިޔަތް ރަނގަޅުކޮށް ކުރާ ރަނގަޅުކަންތަކުގެ ނިމުންވެސް ރަނގަޅުވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް