އުންމީދުގެ ގުލްޒާރު

204

މިއީ 2008 ގައި ސަންދާނުގައި ޝާއިއުކުރެވިފައިވާ ހަނދާނީ ލިޔުމެކެވެ. ހަމަ ހަނދާން އާކޮށްލުމަށް ރިޕީޓް ކޮށްލަމެވެ.

އުންމީދުތަކުގެ ފޮލާތައް އަޅުގަޑުމެންގެ ހިތުގައި ކެކެމުން ދަނީއެވެ. އައު ދުވަހެއް ދުށުމުގެ ހުވަފެންތައް ދެކެވެމުން ދަނީއެވެ. ބިރުވެރި ކަމާއި ހާސްކަމުގެ ކަޅު އަދިރި ތާރީޚަށް އަލްވަދާޢު ކިޔުމުގެ ރޫހު އާލާވަމުން ދަނީއެވެ. ދުވަސްވީ މީހުންނާއި ގައުމުގެ ޒުވާނުން އަތުގުޅާލާފައި ތިބީ އަޅުވެތި ކަމުން މިންޖުވުމުގެ މަގުސަދު ހާސިލް ކުރުމަށެެވެ. އަމިއްލަ ވަތަނުގެ މުއްސަދި ކަމާއި ތަނަވަސް ކަމުގެ ރަހަ އެވެރިންގެ ދިރިއުޅުމުގެ ތަނަވަސް ކަމާއި އެކުލަވާލުމުގެ އުންމީދުގައެވެ. ސަލާން ޖެހުމާއި ނަފުސުގެ އަގު ބާޒާރަށް ވިއްކާލުމުގެ ނިކަމެތި ކަމުން މިންޖުވުމުގެ ރޫހުގައެވެ. އުޖާލާ ކަމާއި ތަނަވަސް ކަމުގެ މާދަމާ އަކަށް އުންމީދު ކުރެވުމުން އެދުވަހު އަޅުގަޑުމެން ހާސްކަންކެޑި އިންސާނީ ހަމަހަމަ ކަމާއި ކަރާމަތް ލިބި ގަތުމުގެ ފިކުރީ އަދި ޖިސްމާނީ ތައްޔާރުތައް ހަރުލައްވަމުން ގެންދަނީއެވެ. ދިވެހި އުންމަތުގެ ފޮނި އުންމީދުތައް ހާސިލް ކުރުމުގެ ތައްޔާރީތައް ވަމުން ދަނީއެވެ. ތިލަދުންމަތިން ފެށިގެން އައްޑުއަތޮޅުގެ ހިތަދުއާއި ދެމެދު މިރޫޙު ނެތް ހަމަ އެންމެ ރަށެއް ވެސް ނެތޭ ދެންނެވުމީ ހަގީގަތެވެ.

ކަން މިހެން އޮތް ކަމުގައި ވިޔަސް އިދިކޮޅު ރޫޙާއި މަސައްކަތް ހުއްޓުމެއް ނެތި ކުރާ ބަޔަކު އެކަން ވަންހަނާ ގޮތުގައާއި ހީލަތްތެރި ގޮތުގައި ކުރަމުން ގެންދަނީއެވެ. ތަހުޒީބާއި ރައްޔިތުންގެ އަމިއްލަ ވަންތަކަމުގެ ވެއްޓެއް އުފަންވެ ދިރުނަ ނުދޭން ކުރެވޭން ހުރި ހުރިހާ  މަސައްކަތެއް  ކުރަމުން ގެންދަނީއެވެ. ކޮންބައެއްތޯއެވެ. އަނިޔާވެރި ކަމާއި އަޅުވެތި ކަންމަތީގައި ރައްޔިތުން މިވީހާ ދުވަހު ބައިތިއްބައިގެން ގެންގުޅުނު މޭސްތިރިން ނެވެ. އެކި ކުލަތައް އެކިފަރާތުން ދެއްކި ކަމުގައި ވިޔަސް އެއް ބަޔަކު އެކި ސިފައިގާ  ބެހިގެން ތިބެގެން ވެސް ކުރަމުން ގެންދާ މަސައްކަތަކީ ރައްޔިތުން އަނިޔާވެރިކަމުގައި އަޅުވެތިކަމުގައި ބައިތިއްބުމަށެވެ. ވެރިކަމުގައި ތާއަބަދަށް ތިބުމަށެވެ. އަނެއް ބަޔަކު ބޭނުންވަނީ ރައްޔިތުންނަށް އިންސާނީ ވަންތަ ކަން ގެނެސްދީ ބިރާއި ކަސްތަޅުގެ އަނިޔާވެރި ކަމުން މިނިވަންކޮށް އިންސާނީ ހަމަނޭވާލެވޭނެ ޖައްވަކަށް ދިވެހިރާއްޖެ ހަދާ ދިވެހިރައްޔިތުންނަށް ދިވެހި ގައުމު ލިބިދޭށެވެ. ނިކަން ވިސްނަވާށެވެ.

މިދިވެހި ގައުމުގައި 30 އަހަރު ރެދަލި ކުރެއްވި މައުމޫނާއި އޭނާގެ ދެފަރާތުގެ އާއިލާއާއި މުނީމުންނާއި ގޭގައި ގެންގުޅުނު މީހުން ބައިވެރި ވެގެން މަސައްކަތް ކުރަމުން ގެންދަނީ ދިވެހި ރައްޔިތުން އަނިޔާވެރި ކަމުގައި ބައިތިއްބަން ކަމުގެ އަލިގަދަ ހެކިތައް ފެންނާން އޮންނާނީ މިހާ ސާފުކޮށްކަން ކަން މިހިގާ ގޮތާއި ދޭތެރޭ ފިކުރު ހިންގާލެއްވުމުން ވަރަށް ސާފުވާނެއެވެ. މައުމޫނުގެ ވެރިކަމުގައި އުފެއްދި މަހުޖަނުން މަސައްކަތް ކުރަމުން ގެންދަނީ މައުމޫނުގެ ވެރިކަން ފިރުކިގެން ނުދާނޭ ގޮތް ހެދުމަށް ޓަކައި ރައްޔިތުންނަށް އެހެން ކުލައެއް އެހެން މަންޒަރެއް ދައްކައިގެން ވަކި ބައެއްގެ ގޮތަށް ދެއްކިގެން ވޯޓް ބައިކޮށްލުމަށްފަހު ގުޅިފައިވާ ސަރުކާރެއް ހަދާ މިހާރުވެސް މިހިގަމުން އަންނަ ވެރިކަން އެގޮތުގައި ދަމަހައްޓާށެވެ. މިކަމަށް އެފަރާތްތަކުން ކުރާ ނަގުދީ ހޭދައަކީ ވެރިކަން ލިބުމުން އެމީހުން އަޅުގަޑުމެންގެ މިދިވެހި ރާއްޖެއިން ދެގުނައަށް ހޯދާނެ އެއްޗެކެވެ. ފިކުރު ހިންގާ ނިންމަންވީ ގޮތަކީ މިހާރު މިއޮތް ޒާތުގެ ވެރިކަމަކަށް އެއްގޮތަކަށްވެސް ޖާގަ ނުދިނުމެވެ.

ޕާޓީގެ ބޯޑު ޖަހައިގެން ނުކުމެ ތިއްބަސް ޕާޓީގެ ނަންބޯޑު ނުޖަހާ ތިއްބަސް އެމީހުންގެ ހީލަތުގެ އަވައިގާ ޖެހިފައިތިބި ސޭކު މުޖުރިމުން ކަމުގައި ރައްޔިތުން ނުވުމެވެ. ކޮންމެއަކަސް ރައްޔިތުންނަށް ކުރެވިފައިވާ ތަޖްރިބާ ތަކެއް އެބަހުއްޓެވެ. އެއީ 30 އަހަރުގެ ވޭނީ ތަޖްރިބާއެވެ. މިވޭތުވެ ދިޔަ 30 އަހަރު ދުވަހު ރައްޔިތުންގެ ޢިއްޒަތް ހީނަރުކޮށް ބިމަށް ތިރިކުރި ބަޔަކަށް މިގައުމު ދީލާލިޔަ ނުދިނުމެވެ. ތީމުގެއަށް ސަލާން ޖަހައިގެން ލިބޭ ދެކޮޅު ޓިކެޓާއި މަދު ޑޮލަރު ކޮޅު ހިފައިގެން ގަޑުވަރުގެ އަނެއް ބިތުގައި ތިބެގެން ބޭސް ފަރުވާ ކުރުމަށް ސަލާންޖެހުމުގެ ސަގާފަތަށް އަލްވަދާއު ކިޔުމަށް ޓަކައެވެ. މިވަގުތު ރައްޔިތުންގެ ރުހުން ހޯދުމަށް ޓަކައި މިވެނި އެވެނި ކަމެއް މިވެނި ގޮތަކަށް ކޮށްދޭނަމޭ ކިޔަސް އެއީ ދުލުކުރިން ބުނެލާ ބަހެއް ކަމުގައި ގަބޫލް ކުރުމެވެެ. ރައްޔަތުންދެކެ އެވިދާޅުވާވަރުގެ ލޯތްބެއް އޮތްނަމަ ޑީއާރޕީއިން ނާއި ޖުމްހޫރީން ތިޔަ ދައްކާ ހުވަފެންތައް މިއަދާއި ހަމައަށް އަންނާން ވާއިރު ހުންނާންވާނީ ހަގީގަތަކަށް ހެދިފައި ނޫންބާއެވެ. ވިދިވިދިގެން 30 އަހަރު ވެރިކަން ހިންގާއިރު ޑީއާރޕީންނާއި ޖުމްހޫރީ ވިދާޅުވާ ހޮސްޕިޓަލްތައް ރައްޔިތުންގެ މުހުތާދުތައް ފުއްދޭ ފެންވަރަށް ހެދި ޚިދުމަތްތައް ދެވެން މިހާރު ހުރީސް ނޫންތޯއެވެ؟ ތިޔަވިދާޅުވާ ހަވޭލީތަކާއި މާލެތައް ރާއްޖޭގެ އެތަން މިތަނުގައި ހެދިފައި ވީސްކަން ނުދަންނާނީ މިހާރު ކާކު ތޯއެވެ؟ އަދި ތިޔަ ވިދާޅުވާ ފެންވަރަށް ރައްޔިތުންގެ ޙާލަތު ބަދަލު ކޮށްދޭން ތިއްބެވިނަމަ ތިއިން ކޮންމެ ބޭފުޅަކީވެސް ތިޔަވިދާޅުވާ ފެންވަރުގެ ހޮސްޕިޓަލް މާލޭގައިވެސް ހެދޭނެ ތަނަވަސް ކަން ހުރިހާ ގޮތަކުން ހުރި ބޭފުޅުންނޫންތޯއެވެ.

ތިޔަބޭފުޅުންގެ އަސްލު އަޅުގަޑުމެން މިއައީ ދެކިދަސްކުރަމުންނެވެ. ރައްޔިތުން ސަލާން ޖަހަން ހިންގުން ނޫން ގޮތެއް ތިޔަބޭފުޅުން ބޭނުން ފުޅު ނޫން ކަމުގެ ދިރިހުރި ހެއްކަކީ ބޭސްސިޓީ އަށް ސަލާން ޖެހުމުގެ ތާރީޚަށް ބަލާލުމުން ފާޅުކޮށް ފެންނާން އޮތް ހަގީގަތެކެވެ.  ބޭސް ސިޓީއަށް ސަލާމަށް ހިންގުމުގެ ޕްރޮގްރާމަކީ މިވެރިކަން ފެށިގެން އައި ދުވަސްވަރު ޅިޔަނު އިލްޔާސް ތީމުގޭގައި ހުންނަވައިގެން ހިންގާން ފެށި ޕްރޮގްރާމަކަށް ވެފައި ކޮންމެވެސް ހިސާބަކުން ސިޔާސީ ކޯޅުންގަޑެއްގައި  ޅިޔަނު އިލްޔާސް ފިއްލަވާ ވަޑައިގެން ސަރުކާރުން ވަކިކުރައްވަން  ޖެހުމުން އެޕްރޮގްރާމް އިންގޮތަށް ވިލާއަށް ބަދަލުކުރުމަށްފަހު ތީމުގެއިންނާއި ހަމަ އެއް ވަރަށް ވިލާއިން ހިންގަމުން ގެންނަ ޕްރޮގްރާމެއްކަމުގައި ގިނަބަޔަކުދެކެއެވެ. އެކަން 90 ގެ ކުރީކޮޅު ކަންހިގަމުން އައިގޮތް ހަދުމަފުޅަށް ގެންނެވުމުން ވާނުވާފިލާވަޑައި ގަންނަވާނެއެވެ. ޖުމްހޫރީ ލީޑަރ ގާސިމް ސިޔާސީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހާމަ ކުރެއްވި އަނެއް ވާހަކައަކީ އޭނާއަކީ ވަރަށްބޮޑު ދަރަނިވެރިއެއް ކަމެވެ. މިއީ ރައްޔިތުން ވަރަށް ސީރިއަސްކޮށް ވިސްނާން ޖެހިފައި އޮތް ކަމެކެވެ. ފުރަތަމައީ ގާނޫނީ ހަމަތަކަކަށް ފެތެން ވެގެން ތިމާގެ މުދަލާއި ތަރިކަ ދަރިންގެ މައްޗައް ނަގުލު ކުރުމެވެ. ކަމަކީ ނަގުލީ ކަމަކަށް ވާތީ ފޯރީގައި ވާހަކަ ދައްކާއިރު ކަމުގެ ހަގީގަތް އޮތްގޮތް ބައެއް ފަހަރު ފާޅުކުރެވެނީއެވެ. ކަމުގެ ނުރައްކާތެރި ކަމަށާއި ހަގީގަތަށް ބަލާއިރު ވިލާއިންކޯޕަރޭޓަޑްގެ ސޭޓު މިކުރައްވާ މަސައްކަތަކީ ދަރަނިވެރި ވެފައިއޮތް ވިލާ އިންކޯޕަރޭޓަޑްގެ ދަށަށް ދިވެހި ދައުލަތް ގެންނާން ކުރައްވާ މަސައްކަތެކޭވެސް ބުނެވިދާނެއެވެ. މިއީ ބިރުހުރި ކަމެކެވެ. ދިވެހިރާއްޖެ އެގޮތް މިގޮތަށް ކޮށާ ފަޅިކޮށް ވިއްކާ ކުންފުނި ދަރަނިވެރި ކަމުން މިންޖުކުރުމުގެ ޕްރޮގްރާމް އެއީ ކުންފުނީން އެންމެ އިސްކަންދޭނެ ކަންތައް ކަމީ ވިޔަފާރީގެ ކަންކަމުގައި އުޅޭ ކޮންމެ މީހަކަށްވެސް އެގޭނެ ކަމެކެވެ. މަންޒަރު އަމިއްލައަށް ސިފަކޮށްލުމުން ކަން އޮންނާނެ ގޮތް ހިތަށް ގެންނަވާކަށް އުދަގުލެއް ނުވާނެއެވެ.

ވީމާ ދިވެހި ދައުލަތުގެ ވެރިން އާދެ، އެންމެހައި ދިވެހިރައްޔިތުން މިހާރު ނިންމާން ޖެހިފައި މިއޮތީ ދިވެހި ދައުލަތް ރައްޔިތުންގެ އަތްމަތީގައި ބާއްވަންތޯ ނޫނީ ކުންފުންޏެއްގެ އަޅުވެތި ކަމުގެ ދަށަށް ދާންތޯ އެއީ މިވަގުތު ރައްޔިތުން ނިންމަވާން އޮތް އެންމެ މުހިންމު ކަމެވެ. އަޅުގަޑު ހަމަގައިމު ވެސް ނިންމާނީ ދިވެހިދައުލަތުގެ މިލްކުވެރިންނަކީ އަޅުގަޑުމެން ރައްޔިތުން ކަމުގައި ބޭއް ވުމަށެވެ. އެއީ ދިވެހި ރާއްޖޭގައި ހެޔޮ ވެރިކަމަކަށް ތާއީދު ކޮށްގެނެވެ. އެއީ އިންސާނީ ކަރާމަތާއި ޑިމޮކްރަސީ ދަންނަ ޚުދުމުޚުތާރު ވެރިކަމުގެ ތަޖްރިބާނެތް ޒަމާނީ އަދި ތަހުޒީބު ވެރިކަމުގެ ނިޒާމެއް ގެންނަ އާ ބަޔަކަށް ތާއީދު ކޮށްގެނެވެ. އެއީ ދިވެހިރާއްޖޭގައި މިނިވަން އަދުލުވެރިކަމަކާއި ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް ގާއިމްކޮށްދޭނެ ސާބިތު އަދި ގާބިލް ޕާޓީއަކަށް ތާއީދު ކޮށްގެނެވެ. އަޅުގަޑުމެން ތަބާވެ މިތިބި ދީން އަޅުގަޑުމެން ވިސްނާ ފިކުރު ކުރާން އިރުޝާދު ދެއެވެ. ބައެއްގެ ހާލަތު ބަދަލު ކުރެވޭނީ ޙާލަތު އެބަޔަކު ބަދަލު ވާންތިބި ކަމުގައި ވަނީނަމައޭ އަންގަވައެވެ. މުއުމިނަކު ގަޔަށް އެއްހޮރަކުން ދެފަހަރަކު ކަށި ނުޖެހޭނެ ކަމަށް އިޝާރާތް ކުރައްވައެވެ. މިހުރިހާ އިރުޝާދު ތަކާއެކު އަޅުގަޑުމެންގެ މުސްތަގްބަލަށް ވިސްނުމުގެ ފިކުރު ހިންގުމަކީ މިޙާލަތުގައި ފަރުދީ ވާޖިބެއް ނޫންތޯއޭ މިއީ އަޅުގަޑުގެ ހިތުގައި އުފެދޭ ސުވާލެކެވެ. ކިތަންމެ ރީތި ދަޅައެއް ދެއްކި ކަމުގައި ވިޔަސް ވެރިކަމުގެ ގޮޑިއަށް ފަރުދީ ގޮތުން ވެރިވާ ޚުދުމުޚްތާރު ވެރިކަމަކަށް އާނބަހެއް ނުބުނާނަމެވެ. 30 އަހަރުގެ އަނިޔާވެރި ވެރިކަމުގެ ކާރޫބާރޫ ގަޑުގައި ވެޑުވެ ތިއްބެވި ހަމަ އެކަކަށްވެސް އާނބަހެއް ނުބުނާނަމެވެ. އިންސާނީ ކަރާމަތާއި އަދުލުވެރި އޯގާތެރި ޖަވާބުދާރީ ވެރިކަމުގެ އެޖެންޑާ އަކަށް ނޫނީ ވޯޓެއް ނުދޭނަމެވެ. އަޅުގަޑު ބޭނުންވެގެން މިއުޅެނީ ތަހުޒީބު އަދުލުވެރި ގާނޫނީ ހުކޫމަތުގެ ވެރިކަމެކެވެ. އަޅުގަޑުގެ އުންމީދުގެ ގުލްޒާރަކީ ދަމިލަ ނެތް އައު ވެރިކަމެކެވެ. އަބަދުވެސް ހަމަ ގަބޫލުކުރަން ބޭނުމީ ދިވެހިރާއްޖޭގައި ހެޔޮވެރިކަމެއްގެ ތެރެއިން ތާހިރު ދިރިއުޅުމެއް ރައްޔިތުންނަށް ލިބިދިނުމެވެ!

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ