ޝަރުއީ އުސޫލްތަކާއި ޚިލާފަށް ކޯޓުން ބޭރުން ކައިވެނިކޮށްފައިވާ މީހަކަށް ރޭޕްކުރި ކަމުގެ ތުހުމަތުކޮށް ޝަރީއަތުން ގޮތެއްނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.
ރޭޕްގެ ތުހުމަތުގައި ކޯޓް އަމުރު އައިސްފައިވަނީ ހއ. ފިއްލަދޫ، ޝޭޑޯޒް އަހުމަދު އައްތަފް 23 އެވެ.

ފުލުުހުން ހާމަކުރި ގޮތުގައި ޝަރުއީ އުސޫލުތަކާ ޚިލާފަށް ކޯޓުން ބޭރުގައި އުމުރުން 17 އަހަރުގެ އަންހެންކުއްޖަކާ ކައިވެނިކޮށް އެކުއްޖާ ބަލިވެއިން މައްސަލައާ ގުޅިގެން، ކުއްޖާއާ މެދު ޖިންސީގޯނާކޮށް ކުއްޖާ ރޭޕް ކޮށްފައިވާކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރިއެވެ.
ޝަރީއަތުން ގޮތެއްނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރެފައިވަނީ އޭނަގެ ބަންދާމެދު ގޮތެއްނިންމަން މ.މުލީ މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެކޯޓުންނެވެ. މިމައްސަލައާ ބެހޭގޮތުން އަންހެންކުއްޖާގެ ބަހެއް އަދި އަންހެން ކުއްޖާގެ ޢާއިލާގެ ބަހެއްވަނީ ލިބޭގޮތްނުވެފައެވެ. ރަށުކައުންސިލާގުޅުމުންވެސް މިކަމާބެހޭ އިތުރު މަޢުލޫމާތެއްވަނީ ލިބޭގޮތްނުވެފައެވެ.
ކޯޓުން ކޮށްފައިވާ އަމުރުގައިވާނީ ތުހުމަތު ކުރެވޭ މައްސަލައަކީ ޝަރުއީ އުސޫލުތަކާ ޚިލާފަށް ކޯޓުން ބޭރުގައި އުމުރުން 18 އަހަރުނުވާ ކުއްޖަކާ ކައިވެނިކޮށް ޖިންސީ ގޯނާ ކުރުުގެ ސަބަބުން ކުއްޖާ ބަލިވެއިން މައްސަަލައަކަށްވާތީ، އޭނާ ދޫކޮށްލައިފިނަމަ ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ.
ފުލުހުން ބުނީ މި މަައްސަަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަަލަތައް އިތުވަމުންދާކަން ފާހަގަކުރައްވައި ފުލުހުންވަނީ މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެބޮޑަށް މިފަދަ ކަންކަމަށް ސަމާލުވުމަށް އެދިފައެވެ.
މިފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިްޖެނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމެލީ އެންޑް ސޯޝަލް ސަރވިސްގެ ހިލޭ ގުޅޭ ނަންބަރު 1412 އަށް ހުށަހެޅުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.