ހިޔާ ފްލެޓް ތަކުގެ އެންމެ ކުޑައަގަކީ މަހަކަށް ހަތް ހާސް: އަސްލަމް  

Loading

Facebook
Twitter
WhatsApp

 

 

ހިޔާ މަޝްރޫތަކުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ފްލެޓްތަކަށް އެންމެ ކުޑަވެގެން ދައްކަންޖެހޭނީ މަހަކު 7000ރ. ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ހިޔާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ހަތަރު ގޮތެއް މިހާތަނަށް ކަނޑައަޅާފައިވާކަމަށެވެ.

އެގޮތުން ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 7000 ރ. ކަމަށާއި އެއީ ޑައުންޕޭމަންޓަށް ފައިސާ ދެއްކުމުން އެންމެ ކުޑަކޮށް ދެއްކޭނެ އަދަދުކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

“ އެ އޮޕްޝަންގެ ތެރެއިން އެންމެ ކުޑަކޮށް އޮތް އޮޕްޝަންގައި ހަޅުގަނޑު ހަނދާންވަނީ 7000 ރުފިޔާ މަހަކު ދައްކާން އޮންނަނީ  އެއީ ޑައުންޕޭމަންޓްގެ ގޮތުގައި ކޮންމެވެސް މިންވަރެއް ދައްކާފަ މަހުން މަހަށް 20 އަހަރުން ދައްކާކަމަށްވަންޏާ ދައްކާވަރެއް. އެއްވެސް ޑައުންޕޭމަންޓެއް ނުދައްކާނަމަ ދައްކަންޖެހޭ ވަރެއްވެސް އެބައޮތް. އެކީގަ ފްލީ ޕޭކޮށްގެން ދައްކަންޖެހޭ ގޮތް ވެސްބަހުރި. “ މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ކުރިން މިނިސްޓަރ އަސްލަމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ލްފެޓްތަކުގެ އަގާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ފްލެޓްތަކުގެ ކުލީގެ މިންވަރު ސަރުކާރުން ވައުދު ވި މިންވަރަށް ހިފަހައްޓާނެ ކަމަށެވެ.

”އެ މިންވަރަކީ އަޅުގަނޑު ހަނދާންވާ ގޮތުން 7،000ރ. އަށް ވުރެން ތިރިން ހިފަހައްޓައިދޭނެ ކަމަށް،“ އެ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި މި ހިޔާފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި  އެ ސަރުކާރުގެ އެހެން ބޭފުޅުން ހިސާބު ޖައްސަވާ ގޮތުން ނަމަ، 5600ރ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ސަރުކާރުން މިހާރު ވަނީ އިއުލާންކޮށްފައެވެ. ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓް ދިނުމަށް ހިޔާ ފްލެޓްގެ ފައިނަލް ލިސްޓްގައި  6720 މީހުންގެ ނަން ހިމަނާފައިވެއެވެ. ސަރުކާރުން ބުނާ ގޮތުން ބާކީ ހުރި ޔުނިޓްތަކަކީ ގްރައުންޑް ފްލޯގައި ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރިއަށް ޚާއްސަކުރި ތަންތަނެވެ.

 

Loading

One Response

  1. ކީއްވެބާ ހީވާގޮތަށް ވާހަކަފުޅު ދައްކަވަނީ ޚާދިމުމީހާ (ވެރިން ”ރައްޔަތުންނާއި) ގުޅޭ ކަންކަމުގައި. މިނިސްޓަރ އަށް އެނގިވަޑައިގަންނަވަން އެބެޖެހޭ އޭނާއެއީ ރައްޔަތުންގެ ޓެކްސްއިން ބޮޑު މުސާރަައާއި އިނާޔަތްތަކެއް ދީގެން (ވެރިން- ރައްޔަތުންގެ) ކަންތަށް ރަނގަޅަށް ކުރަން ވަކި މުއްދަތަކަށް އިސްކޮށްފައިވާ ރައްޔަތުންގެ ޚާދިމެއްކަން. މި ޙަގީގަތް ސަރުކާރު ހިންގަންތިބި މީހުނަށް އެނގުނު ދުވަހަކުން އެވެރިން މައިތިރިވެ ހިތްހެޔޮކަމާއިއެކު ރައްޔަތުންނާއި މުޢާމަލާތު ކުރާނީ. މި ހަގީގަތް އެބަޖެހޭ އަބަދުވެސް ބުނެދޭން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް