ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

37

 

 

ތަފާތު އެކި ދާއިރާތަކުން މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކުރަމުން އަންނަ އަންހެނުންނަށް ދެމުން އަންނަ ރެހެންދި އެވޯޑަށް ކުރިލުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިއަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފައިވަނީ ވީހާވެސް ގިނަ ބަޔަކަށް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އިއްޔެއިން ފެށިގެން އަންނަމަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް މި އެވޯޑަށް އެދި ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މީގެ ކުރިން މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާފައި އޮތީ މިދިޔަ މަހު ނުވައަކުން 28 ހަށެވެ.

މި އަހަރުގެ އެވޯޑް ދެނީ ފަސް ދާއިރާއަކަށް ހާއްސަ ކޮށްގެންނެވެ.

އެ ދާއިރާތަކަކީ:

  • ހަމައެކަނި އަންހެނުންނަށް އެވޯޑަށް ކުރިމަތިލެވޭ ދާއިރާ
  • ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިރާ
  • ކުލަބު ޖަމުއިއްޔާ ޖަމާއަތްތަކުގެ ދާއިރާ
  • އާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންނަށް އެވޯޑަށް ހުށަހެޅޭ ދާއިރާ

ރެހެންދި އެވޯޑަށް އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތު އަދި އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ކުލަބް ޖަމުޢިއްޔާ ޖަމާއަތްތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތު އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށާ އަދި މީގެ އިތުރުން އެ މިނިސްޓްރީން އަތޮޅުތަކުގައި ގާއިމު ކޮށްފައިވާ  ފެމިލީ އެންޑް ޗިލްޑަރަންސް ސަރވިސް ސެންޓަރުތަކުން ލިބެން ހުންނާނެކަމަށެވެ.  .

ރެހެންދި އެވޯޑަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޖެންޑާ މިނިސްޓްރީން ދޭ ހާއްސަ އެވޯޑެކެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ