ދިވެހިންގެ ފަޚްރުވެރި ބިން

Loading

Facebook
Twitter
WhatsApp

ކޮންމެގައުމެއްގައިވެސް ވެރިކަންކުރާރަށާއި ވިޔަފާރީގެ މައިމަރުކަޒުތައް ހިނގަމުން އަންނަ ރަށްރަށަކީ ނުލާހިކު ކާރޫބާރު ބޮޑެތި ތަންތަނެވެ. މިސަރަޙައްދުންކިޔާނަމަ މުމްބާއިއެއް ކަރާޗީއެއް ދުބާއީއެއް ތަފާތެއްނެތެވެ. ނިސްބަތުންބަލާނަމަ އަޅުގަނޑުމެންގެ މާލެވެސް މިގޮތުން ތަފާތެއް ނޫނެވެ. ރައްޔިތުންގެ މަސައްކަތުންގައުމަށް ގެނެވޭ ކުރިއެރުމުގެ އަރާމާއިއުފާ ލިބިގަންނަފަދައިން ބޭރުން އިމްޕޯރޓް ކުރެވޭ ކުރިއެރުންތަކުންތަކުގެ ސަބަބުން ލިބޭ އުދަގުލާއި ދުއްތުރާތައްވެސް އޮންނަނީ ހިއްސާކުރަން ޖެހިފާކަމަށް ގަބޫލުކުރަންޖެހެއެވެ. އިމްޕޯރޓް ކުރެވޭ ކުރިއެރުންތަކޭ މި ބުނީ ދިވެހިންގެ އާދަކާދައިގައި ނެތް އެހެނަސް ބޭރުމީހުން އެކަންތައް ކުރާގޮތްވީމާ ކުރާކަންތަކަށެވެ.

އަޅުގަނޑުގެ އުސްތާޒަކުކައިރީގައި ތިޔަބޭފުޅުންނަށް ތިޔަވަރުގެ ބޮޑު ގޯއްޗެއް މާލޭން ލިބިވަޑައިގަތީ ކިހެނެއްތޯ އަހާލެވުނު ދުވަހަކު ވިދާޅުވީ އެ ދުވަސްވަރު މާލޭން ގޯތިދިނުމުގައި ސަރުކާރުން ބެއްލެވި މައިގަނޑު އެއް އުސޫލަކީ އެ ގޯތީގައި ފުޅައް އަޅައިގެން ބެލެހެއްޓިދާފަދަ މީހެއްތޯ ބެލުމެވެ. އެގޮތަށް ބެލެހެއްޓިދާނެކަން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ވިސްނާދެވިއްޖެނަމަ އެމީހަކު ބޭނުންވަރެއްގެ ގޯއްޗެއް ދެނީއެވެ. އޭރުވެސް މާލޭގައި މީހުންދިރިއުޅެވުންގެންދިޔަ ގޮތާއި މިހާރުގެ ތަރައްގީއާއެކު އުޅެންޖެހިފައިމިވާގޮތުގައި މާބޮޑެތި ބަދަލުތަކެއް ހުއްޓެކޭ އަޅުގަނޑު ނުދަންނަވާނަމެވެ. އޭރުވެސް މުއްސަދިން އެގޮތުގައި އުޅެމުންދިޔައިރު ގަވައިދުތައްވެސްހުރީ އެކަމަށް މަގުފަހިކޮށްދޭގޮތަށެވެ. ބައެއް ބޭފުޅުންނަށް ކޮށިކޮށީގެ ނަމުގައި އިތުރު ވަސީލަތްތައް ލިބެމުންދިޔައިރު އަނެއްބައި ބޭފުޅުންނަށް ރާއްޖެތެރޭގެ ފަޅުރަށްތައް ލިބެމުންދިޔައެވެ. މިހާރުވެސް ގަވައިދުތައްހުރީ މުއްސަދިން މުއްސަދިވާގޮތަށޭ ބުނުމުން ދޮގަކަށްވަނެތޯއެވެ؟ އެހެންނަމަވެސް މިފަހަކާޖެހެންދެންވެސް ރައްޔިތުން ހާސްވެ ފިކުރު ބޮޑުވާން ނުޖެހޭ އެއްކަމެއް އޮތެވެ.

އެއީ ބޯހިޔާވަހިކަމެވެ. އެމީހަކު ދިރިއުޅޭރަށަކުން އެމީހަކު ބޯހިޔާކުރާނެ ޖިފުޓިއެއްނަމަވެސް އަޅާނެ ބިންކޮޅެއް ލިބޭނެކަން އެއީ އެއްވެސް ވަރަކަށް ހިތް ނުތަނަވަސް ވާންޖެހުނުކަމެއް ނޫނެވެ. އަދި ކިއެއްތަ! އެއީ ޔަގީން ކަށަވަރު ކަމެކެވެ. ނަމަވެސް މިހާރު ދިވެހި ދައުލަތުގެ ހުރިހާ ބިމަކީ އެއިރަކު އޮންނަ ސަރުކާރެއްގެ މިލްކު އަކަށްވެއްޖެއެވެ. އަންޒަމާނުއްސުރެންވެސް އެކަންއޮތީ އެގޮތަކަމަށް ބަޔަކު ދެކޭމެއެވެ. ތަފާތަކަށް ވެގެންމިއުޅެނީ ސަރުކާރުގެ މިލްކުވެރިކަން މާނަކުރާގޮތެވެ. ސަރުކާރުގެ މިލްކިއްޔާތު މާނަކުރާއިރު މިހާރު ފަހަކަށް އައިސް ސަރުކާރާއި ރައްޔަތުން ޙަވާލުކުރެވޭ ފަރާތް ދެކެނީ ދިވެހި ދައުލަތަކީ އެއީ ދިވެހިރައްޔިތުންނޫން އެހެންވަކިފަރާތެއްގެ މިލްކެއްކަން ދޭހަވާގޮތަކަށެވެ. ރައްތަކުގައި ދިރިއުޅޭ އެ ރަށްތަކުގެ އަހުލުވެރިންނަށް ޖިފުޓިގަނޑެއް ޖަހާލާނެ ބިންކޮޅެއްގެ މިންވަރުވެސް ލިބެން އަންނަނީ އެތައް އެތައް ހުރަސްތަކެއް ގިރާކުރުމަށްފަހު ނަސީބު ރަނގަޅު މީހަކަށެވެ. އެ ބިމުގެ މިލްކުވެރިކަމުގައި އެއްވެސް މީހެއްގެ ޙިއްސާ ވަކިން އިތުރުނޫންކަން އަމުދުން ހިތައްވެސް ނާރާކަހަލައެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މުޅި އާދަކާދަ މިއޮތީ އެފުށް މިފުށައް ޖެހިފައޭ ބުނެވޭކަހަލަ ޙާލަތަކަށް ބޭރުން އަޅުގަނޑުމެންގެ ތެރެއަށް އިމްޕޯރޓްކުރެވުނު ކުރިއެރުން މަގުކޮށައިދީ އެހެން މަގުތައް ބަންދުކޮށްލައިފި ކަހަލައެވެ. ފްލެޓްގައި ދިރިއުޅުމަކީ ދިވެހިން ކުރިކަމެއް ނޫނެވެ. އެހެނަސް ދަަނިވެރިވިޔަސް މިއަދު އެހެންގޮތެއް ނެތެވެ. ރަށުން ލިބުނު ބިންކޮޅުގައި އެމީހެއްގެ ފެންވަރުން ޖިފުޓިއެއްނަމަވެސް އިމާރާތް ކުރުމަށްފަހު ބާކީއޮތް ބިންކޮޅުގައި ދިވެހި ރުށްކޮޅަކާއި ބަނބުކެޔޮގަހެއް ހައްދައިގެން އަނބިދަރިންގާތުގައި އުފަލުގައި ދިރިއުޅުނު ދުވަސް ދެން އަތުނުޖެހޭހިސާބަށް ގެއްލިގެން ހިގައްޖެއެވެ.

ޓޫރިޒަމުންްނާއި އެހެނިހެންގޮތްގޮތުން ގައުމަށްލިބޭ އާމްދަނީއިން ކުރިއެރުންލިބެމުން މިދަނީ ވަކިތަނަކަށް ނުވަތަ ވަކިބަޔަކަށޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. މިލިބޭ ކުރިއެރުންތަކުން ޢާންމު ރައްޔިތުމީހާއަށް ކުރާ މަންފާއެއް ފެންނާކަށް ނެތެވެ. އެއްސަރުކާރު ބަދަލުވެ އަނެއް ސަރުކާރެއް ދައުލަތްހިންގުމާ ހަމަ ޙަވާލުވާހިސާބުން ރައްޔަތުންނަށް ބުނެދެވި ދައްކާ ހިސާބު ކިތާބުން ބޮޑުތަނުންވަނީ ދަރަނިވެރިއެވެ. ލިބޭހާ ކުރިއެރުމާއި ޚަރަދުކުރާ ބޮޑު ބަޖެޓުން ޢާންމު ރައްޔަތުމީހާވީ ދަރަނިބޮލަކަށެވެ. ދަރަނި ދަނީ އިތުރުވަމުންނެވެ.

ބިމުގެ ވާހަކަ ދައްކާއިރު ދެން އެންމެބޮޑަށް ފާހަކުރެވޭ އެއްކަމަކީ މާލޭގައި އެއްގަމުއުޅަނދުތައް ބާއްވާނެ ޖާގައިގެ ދަތިކަމެވެ. ބައެއް ބޭފުޅުންގެ ވިސްނުމުގައި ހުރިގޮތުން އެއްގަމުގައި ދުއްވާއެއްޗެއް ގެންގުޅޭނަމަ ބާއްވާނެތަނެއް ނޫނީ ގަރާޖެއް ގޭގައި އޮންނަން ޖެހޭނެއެވެ. މާލޭގައި ގޯތިތައް ދެވިފައިހުރިގޮތުން މިއީ ކުރެވިދާނެކަމެއްތޯ ވިސްނައެއް ނުލައްވައެވެ. ބައެއް މަގުތަކަކީ ހަތަރު ފުރޮޅުލީ އުޅަނދަކަށް ނުވެސް ވަދެވޭވަރުގެ ހަނި މަގުތަކެކެވެ. ދެން ބުނަންވީ އެކަހަލަ ތަންތަން އިސްތިސްނާ ކުރާނީއެވެ. އިސްތިސްނާ..އިސްތިސްނާ.. މި ބަލިމަޑުކަމުން ސަލާމަތްވެވޭނެގޮތަކަށް ވިސްނާކަށް ނުވޭހެއްޔެވެ ؟؟

ދާދި ފަހުން ސަންދާނުގައި މާލޭގެ ޕާރކިންގ އިންތިޒާމެއް ގާއިމުކުރެވިދާނެގޮތަކާބޭހޭގޮތުން އޮތްލިއުމެއް ދުށީމެވެ. މުޅިން ފުރިހަމަ ނޫނަސް އަޖުމަބަލާލުން ރަނގަޅު ތަސައްވުރެކެވެ. އަދި ދާދި އިހަކަށްދުވަހު އެކަހަލަ ވިސްނުމެއްގައި މާލޭގެ އަމީނީމަގާއި އެމަގާގުޅިފާހުރި ގޯޅިތަކުން ޕާރކިންޖާގަ ވިއްކުމުގެ ވިސްނުންފުޅެއް މާލޭ ސިޓީ ކައުންސިލުން ގެންގުޅުއްވި ޚަބަރެއްވެސް ކިޔާލީމެވެ.

ނަމަވެސް އެ ޚަބަރުގައިވާގޮތުން ހަތަރު ފުރޮޅުލީ އުޅަނދެއް ޕާރކް ކުރާނެ ޖާގަ ގަތުމަށްޓަކައި މަހަކު 1500 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ. މިއީ ކޮންކަހަލަ ސާރވޭއެއް ހަދައިގެން ނުވަތަ ރައްޔަތުން ޚިޔާލެއް ހޯއްދައިގެން ޚިޔާލަށްގެން ނެވި ރޭޓެއް ހެއްޔެވެ ؟ ހަތަރުފުރޯޅުލީ އެއްޗެހި އެންމެގިނައިން ދުއްވާ ޓެކްސީ ޑްރައިވަރުން ބުނާގޮތުގައި ދުވާލަކު 16 ގަޑިއިރު މަސައްކަތްކޮށްގެން މަހަކު ގެއަށްގެންދަން ލިބެނީ ޢާންމުގޮތެއްގައި ފަނަރަވަރަކަށް ހާސް ރުފިޔާއެވެ. ކުލި ދެއްކުމާ ކެއިންބުއިމާ ބޭސްފަރުވާއާއިދަރިންގެ ސްކޫލް ޚަރަދާއި މިހެންގޮސް ކިޔާނެކަމެއް ނެތެވެ އަތުގައި އޮތް ފަނަރަވަރަކަށްހާސް ރުފިޔާއިން ދެދަރިންތިބ ޢާއިލާއަކަށް ބާކީއެއް ނުކުރެވެއެވެ. މާނައަކީ ޒިރޯ ސޭވިންގް!

ޚިދުމަތަކަށް އެކަށީގެންވާ އަގެއް ނެގުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ވަރަށްކުރިއްސުރެން އަޅުގަނޑު ހިތުގާ ޖަވާބު ނުވިސްނޭ ސުވާލެއް އުފެދެއެވެ. ރާއްޖޭގައި ރަޖިސްޓަރީ ކުރެވޭ ކޮންމެ އުޅަނދަކަށް އަހަރީ ފީއެއް ދައްކަންޖެހެއެވެ. އެ އަދަދުވެސް އަންނަނީ ގައުމަށްްް ލިބޭކަމަށްބުނާ ކުރިއެރުމާ ފައިހަމަކުރާގޮތަކަށް ބޮޑުވަމުންނެވެ. އެކަމަކު އެއީ ކާކުއަތުން ނެގޭ ކޮންޚިދުމަތަކަށް ދައްކަންޖެހޭ އަގެއްބާވައޭ ސުވާލުއުފެދެއެވެ. މަގުމަތީ ބޭއްވުމަށް މިހާރު މިފެށުނީ ޖާގަ ވިއްކާށެވެ. ނުގަވައިދުން ބޭއްވިއްޖެއްޔާ ބޮޑުތަނުން ޖުރިމަނާކުރެއެވެ. ކަނޑުމަތީގައި ނަމަ ދުއްވަނީ ކެޔޮޅުމީހާގެ ހުނަރުވެރިކަމުގެ މައްޗަށް ބަލައިގެންނެވެ. އުޅަނދެއް ހަލާކުވެއްޖެނަމަ ހަދަންޖެހެނީ އަމިއްލަ ޚަރަދުގައެވެ.

ކޮންމެ ގައުމެއްގައިވެސް އުޅަނދެއް ރަޖިސްޓަރީ ކުރުމަށް ކަނޑައަލާފައިވާ ފީއެއް ދައްކަން ޖެހެއެވެ. އެއީ މަގުތަކާއި ކަނޑުތައް ބޭނުންކުރާތީއެވެ. އެ ބޭނުންތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރަންޖެހޭތީއެވެ. މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާއި ޓްރެފިކް ލައިޓްތައް ހަރުކުރުމާއި ކަނޑުމަތީގައި ފަރުތަކާއި ތިލަތައް ފާހަގަކުރުން ކަހަލަ އެތައްކަމަކަށެވެ. ގިނަގައުމުތަކުގައި މިއީ އުޅަނދުގެ އުމުރުން އެއްފަހަރު ނުވަތަ އުޅަނދަށް ކަނޑައަޅާ ވަކިއުމުރަކަށް އެއްފަހަރާ ދައްކަންޖެހޭ ފީއެކެވެ. އޭގެފަހުން މިސާލަކަށް މަގުމަތީގައި މަނާކޮށްފައިނުވާ ސަރަޙައްދެއްގައި އުޅަނދު ބޭއްވުމަކަށް އަގެއް ދައްކާކަށް ނުޖެހެއެވެ. އަޅުގަނޑުމެންގެ މާލޭގައި ގިނައީ މަނާކޮށްފައި އޮންނަ ސަރަޙައްދުތަކެވެ. ނަތީޖާއެއްގެގޮތުން ޖުރިމަނާއިން ސަލާމަތް ވެވޭނެގޮތެއް ވަރަށް މަދެވެ. ދެން މިހާރު މިޖެހުނީ ޕާރކިން ޖާގަ ގަންނާށެވެ. ލާހިކު އަގެއްކަމަކަށް ގިނަބަޔަކު ގަބޫލެއް ނުކުރެއެވެ. ހަމައެކަނި މާލޭގައި ދުއްވާ ހަތަރުފުރޮޅުލީ އުޅަނދުތަކަށް 1500 ރުފިޔާގެ ރޭޓުން ގުނާލިޔަސް ބޮޑުއަދަދެއްގެ ފައިސާ މީރާއަށް ވެއްދޭނެއެވެ. އޭގެ އިތުރަށް އަހަރީ ފީ އަކީވެސް ކުޑަ އަދަދެއް ނޫނެވެ.

މިއީ ދިވެހިންގެ ގައުމެއްކަން ހެޔޮހިތުން ގަބޫލުކޮށް ދިވެހި އެންމެހާރައްޔިތުންނަށް ޚިދުމަތްކުރަން ހަވާލުކުރެވޭ ޚާދިމުން މިކަންތަކާ ވިސްނަވާފައި ރައްޔިތުންގެ ޖީބަށް ކަތާވަރުން އަގުތައް ކަނޑައަޅާނަމަ ރައްޔަތުމީހާގެ ހިތައް ފިނިކަމެއް ލިބޭނެއެވެ.

ކޮންމެއަކަސް އަބަދުވެސް ގަބޫލު ކުރެވޭގޮތުގައި މިކަންތައްތަކަކީ ވަކިމީހެއްގެ ބޮލަށް ކަނޑައިގެން ތިބެގެން ރަނގަޅު ނިމުމެއް އަންނާނެ ކަންތަކެއްނޫނެވެ. ލިޔން ނިންމާލަށް އުޅެނިކޮށް ހިތައް އެއައީ ހުކުރު ޚުތުބާގައި ވަަރަށް ގިނައިން އަޑުއިވޭ ބަސްކޮޅެކެވެ. “ ބައެއްގެ ޙާލަތު ހަމަކަށަވަރުން އެކަލާންގެ ބަދަލު ނުކުރައްވަތޭ އެބައެއްގެ ޙާލަތު އެބަޔަކު ބަދަލުކޮށްފުމަށް ދާންދެން“ މިއީ އިލާޙީ މިންވަރުގައި އެކަން ނިންމަވާފައިވާ ގޮތްކަމަށްވާއިރު މިނޫންގޮތަކަށް އަޅުގަނޑުމެންގެ ކަންތައް ރަނގަޅުމަގުން އިސްލާޙް ނުކުރެވޭނެކަން ކަށަވަރެވެ. މި ބަސްފުޅުގެ މުރާދަކީ މަގުމައްޗަށްނިކުމެ އަޑުގަދަކޮށް ތަޅާފޮޅައި ހުޅުޖަހައި ލޭ އޮހޮރުވުމެއް ނޫނެވެ. އެހެނެއްކަމަކު ރައްޔިތުންނަށް ޚިދުމަތްކުރަން ޢައްޔަންކުރާމީހުންނަކީ ތެދުވެރި އަމާނާތްތެރި ބަޔަކުކަމުގައި ހެދުމެވެ. އަދި އިޚުލާސްތެރި ހިތަކާއިއެކު މަސައްކަތްކޮށްދިނުމެވެ.

 

Loading

5 Responses

  1. އާހ ތިބުނިގޮތަށް 2008 ގައި ގެނެވުނު އަނެއް ދިވެހިރާއްޖެ އެޖެންޑާ19 ދަށުނެވެސް ހިންގަނީ! މިލްކް ދަ ކައު އެން ލިވް ހެޕިލީ. ކޮން ކައު އެއް؟ ( ރައްޔަތުމީހާ) ހެހެހެ. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް!

  2. މިދުވަސްވަރަށް ވަރަށްވެސް މުނާސަބު ލިޔުމެކެވެ. އެހެނަސް ސުވާލު އުފައްދަން ބޭނުންވާމީހަކަށް ސުވާލު އުފެއްދޭނެ އެވެ. އެކަން ހުއްޓުވުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. އާބާދީ އިތުުރު ވާވަރަށް ރަށްރަށުގައި ބިމެއްނެތޭ ބުނެވިދާނެއެވެ. ޖަދަލުކުރާކަށް ނެތީމެވެ. ބޭނުންވެގެން މިއުޅެނީ ރައްޔިތުން ބޭނުންވާގޮތަށް މިކަމަށް ރަނގަޅު ހައްލެއް ހޯދާށެވެ. ދެބަސްވެ ޖަދަލުކުރާކަށްނޫނެވެ. ހުޅުމާލެއެއްވެސް އުފެއްދިއްޖެއެވެ. ގުޅީފަޅުވެސް އެއޮއްދަނީ ގުޅީބިމަކަށް ވަމުންނެވެ. ބައިވަރު އެއަރޕޯރޓްތައްވެސް އެބަ އެޅެއެވެ. މިއީވެސް ބޭނުން މަޝްރޫޢުތަކަކަށް އަމާޒުކޮށްގެން ކުރެވޭ ކަންތައްތަކެއްކަން ގަބޫލުކުރަމެވެ. އެކަމަކު އެ މަޝްރޫޢުތަކާއި ވަސީލަތްތަކުގެ ބޭނުން ހިފުމަށްޓަކައި އަނބިދަރިންގޮވައިގެން ދިރިއުޅެވޭނެ ރަނގަޅު ވެއްޓެއްގެ މުހިންމުކަން މާބޮޑެވެ.

  3. އިސްތިސްނާ…އިސްތިސްނާ.. މިއީ ވަރަށް އަޅައިގަތް ބަހެކެވެ. ވަރަށް ބޮޑު ތެދެކެވެ. އިސްތިސްނާގެ ބަލިމަޑުކަމުން ސަލާމަތްނުވެ ދެން ވާކަށްނެތެވެ. މާލޭގެ މަގުތަކުން އެއްގަމު އުޅަނދުތަކަށް ރައްޔިތުންނަށް އުފުލޭވަރު އަގަކަށް ޕާރކިން ޖާގަ ދިނަސް ގައުމު ދަރަނިވެރިއެއް ނުވާނެއެވެ. ހަމައެކަނި ހަތަރުފުރޮޅުލީ އުޅަނދުފަހަރަށް އަމާޒު ނުކުރައްވައި އެއްގަމުގައި ދުއްވާ ހުރިހާ އުޅަނދެއް އިސްތިސްނާ ނުކޮށް ހެޔޮއަގެއްގައި މަގުމަތީގައި ބޭއްވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވައިފިނަމަ ޝުކުރުވެރިވާނެ އެތައްބަޔަކު ތިބޭނެއެވެ. ޥޯޓު ބޭނުންވާދުވަހު އެކަމަށްވެސް ހެޔޮ ބަދަލެއް އަންނާނެެވެ.

  4. Thiyaee varah rangalhu vahakaeh.suvaalakee furaavarun feshigen ais thassraf fudey iru kithakah meehunah baavaey ikhlastheri kamakee kobaikan ingenee?ikhulaastheri kamakee kobaikan nuengi ikhulaastheri veveynee kihineythoeve?

  5. ވެރިކަމަށް އަރާތިބޭ ބަޔަކު ދިވެހިރާއްޖޭގައި އަބަދުވެސް ތަންފީޒް ކުރަމުން ގެންދިޔައީ އެމީހުން ބޭނުންތައް ފުއްދުމުގެ ގާނޫނެކެވެ. ރަންނަމާރީގެ ދުވަހުން ފެށިގެންވެސް ކަންހިނަގުން އަންނަނީ އެ މަގުންނެވެ. ދިވެހިރައްޔިތުންނަށް އޭރުވެސް އަދި މިހާރުވެސް ވިސްނާދެނީ އަދި ގަބޫލުކުރަންޖައްސަނީ ރައްޔިތުންނަށް ޚިދުމަތްކުރަން މުސާރަދީފާ ޙަވާލުކޮށްގެން މިއުޅޭ ޚާދިމުންނަކީ ވެރިންކަމުގައެވެ. ރައްޔިތުންނަކީ އެމީހުން ބޭނުންގޮތަކަށް ބޭނުންކުރަންގެންގުޅޭ ބައެއްގެ ގޮތުގައެވެ.
    އެ ދުވަސްވަރު ޢާންމު ދިވެހިރައްޔިތުންނަކީ ތަޢުލީމީ ބައެއްނޫނޭ … ކަންތައްތައް އެމަގުންދިޔައީ އެހެންވެގެންނޭ ބުނެވިދާނެއެވެ. މިއަދު ގިނަދިވެހިންނަކީ ތައުލީމު ލިބިފައިތިބި ބައެކެވެ. ދެންބުނަންވީ ކީކޭ ހެއްޔެވެ ؟؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް