ފަޚްރުވެރި މަގޭ ރާއްޖެ!

Loading

Facebook
Twitter
WhatsApp

ސަރުކާރަށް ފާޑުކިއުން ނުވަތަ ވެރިންނަށް ފާޑުކިއުން މިއީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ޢާންމުކޮށް ބުނެއުޅޭ ބަސްކޮޅެކެވެ. އެހެންކަމުން މިކަމާދޭތެރޭ ވިސްނާލާއިރު މި ފާޑުކިއުން ޙަގީގަތުގައި އަމާޒު މިވަނީ ޖުމުލަކޮށް ހަމަ ދިވެހި ރައްޔިތުންނަށެވެ. އެހެންކަމުން އެހެންގޮތަކަށް މި ޝުޢޫރު ފާޅުކުރަން އެބަޖެހެއެވެ. އޭރުންވެސް ޝުޢޫރު ރައްދުވާފަރާތް ބަދަލެއް ނުވެއެވެ. މިހާރު ވާގޮތަކީ ޙަގީގަތުގައި ފާޑުކިއުން ނުވަތަ ފާޅުކުރެވޭ ޝުޢޫރު ރައްދުކުރެވެނީ އަމާޒުކުރެވޭ ކަމަށް ހީކުރާ ފަރާތަކަށް ނޫނެވެ. ސަބަބަކީ ގާނޫނީ ހަމަތަކުން ބަލާއިރު ސަރުކާރަކީވެސް އަދި ވެރިންނަކީ ވެސް ހުރިހާ ދިވެެހިންނެވެ. އެއްވެސް މީހެއްގެ ޙިއްސާ ވަކި ބޮޑެއްނޫނެވެ. އަދި ޙިއްސާ ބޮޑެއްވެސް ނުވާނެއެވެ. އެހެންކަމުން މިބަސްކޮޅު “ ސަރުކާރު ނުވަތަ ވެރިކަން ހިންގަން ހަވާލު ކުރެވޭ ޚާދިމުން “ މި ގޮތަށް ބަދަލުކޮށްފާ ލިޔަމުންގެންދާނަމެވެ.

ސަރުކާރެއް އުފައްދައި މި ދައުލަތް ހިންގަން ބަޔަކާ ހަވާލު ކުރަނީ ރައްޔިިތުންނަށް ކަންތައްތަކެއް ކޮށްދިނުމާއި ކަންތައްތައް ކުރަންވީގޮތާއި ރައްޔިތުންގެ މެދުގައި މުޢާމަލާތުކުރުންތައް ގެންގުޅެން ޖެހޭ އުސޫލުތަކެއް ކަނޑައަޅައި އެކަންތައް އެމަގުން ހިންގުމަށާއި ހިނގާކަން ކަވަރުކުރުމަށެވެ. އެ ދައުލަތް ހިންގުމަށް ޙަވާލު ކޮށްފާތިބި ޚާދިމުން އެކަންތައް އެމަގުން ނުކުރާނަމަ އެހެންބަޔަކާ ޙަވާލު ކުރުމަކީ ރައްޔިތުންގެ ޒިންމާއެެވެ. އެކަންކުރާނީ މަގުމައްޗަށް ނިކުމެ ހަޅޭއްލަވައި ބޮޑު ހުޅުޖަހައިގެނެއް ނޫނެވެ. ތަޙުޒީބުގޮތަކަށްް އެކަންކުރެވޭނެ މަގުތައް އޮންނަން ޖެހޭނީ ރޭވި ހަމަޖެހިފައެވެ. އެކަން އެގޮތަށް ރާވައި ހަމަޖައްސަންޖެހޭނީވެސް ހަމަ ރައްޔިތުންނެވެ.

މިހާރުގެ ދުސްތޫރު ހަމަޖެހިފައިއޮންނަ ގޮތުން އެއީ ރައްޔިތުންގެ މަޖިލީހުގެ ބޮލުގައި ރައްޔިތުން އަޅުވާފައިއޮތް ވަރަށް ބޮޑު ގައުމީ އަދި ދީނީ މަސްއޫލިއްޔަތެކެވެ. އެކަމަކު އެބޭފުޅުންގެ (އެ ޚާދިމުންގެ) މަސްއޫލިއްޔަތު އަދާކުރައްވަނީ ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށޭ ބުނަން އުދަނގުލެވެ. ހަމަ އެކަނި މިހާރަކު ނޫނެވެ. ހައްތާވެސް ފެނިފައިވަނީ ރައްޔިތުންގެ ޙައްގުތަކަށް ރައްކާތެރިވުމަށްވުރެން ބޮޑަށް ވެރިކަން ހިންގަން ހަވާލުކޮށްފައި ތިބި ޚާދިމުންނަށް އެމީހުނަށް ކަންތައްތައް ފަސޭހަވާނެގޮތްތައް ނުވަތަ ހިތްއެދޭގޮތަށް ރާވައި ހަމަޖައްސަން މަސައްކަތްކުރާތަނެވެ. ނަމަވެސް ބުނަމުންގެންދާނީ އެގޮތަށް ކަންތައްކުރަނީ ރައްޔިތުންނަށް (ގައުމުގެ ވެރިނަށް) ޚިދުމަތްކުރުމުގެ ބޭނުމުގައި ކަމަށެވެ.

ދައުލަތް ހިންގުމަށް އުފެއްދޭ ސަރުކާރެއް އުފައްދަންވާނީ އެބައެއްގެ ފުދުންތެރިކަން ހުރި މިންވްރެއްވެސް ބަލާ އެނގި ތިބެއެވެ. އެމެރިކާގައި ނުވަތަ މިވެނި ތަނެއްގައި ވެރިކަންކުރަނީ އެހެންނޭ މިހެންނޭ ކިޔާފާ އެގޮތަށް ދިވެހިރާއްޖޭގައިވެސް ވެރިކަންކުރެވޭނެކަމަށް ދެކެ އުންމީދު ކުރުމަކީ އަވާމެންދުރަށް މުޑިނެގުން ކަހަަލަކަމެކެވެ. މިތެދު ޙަގީގަތް މިވަނީ ފެނިފައެވެ. މިއީ އިތުރަށް ކިޔާދޭންޖެހޭނެ ވާހައެއްނޫނެވެ.

އެހެންވީއިރު، ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ ކަންތައްތައް ރަނގަޅުކޮށްދޭށޭ ބުނެ އަަހަރެެމެންގެ ދަރިންނާއި ކާފަދަރިންނާއި ހަމަޔަށް ދާއިރުވެސް ނުދެއްކޭނެވަރުގެ ބޮޑެތި ދަރަނިތައް ނަގައިގެން މިކުރަނީ މިކުރަނީއޭ ކިޔައިގެން ކުރާކަންތައް ނޭންގޭކަމަށް ހަދާލައިގެން މިތިބެނީ ފަހެ އަލުން ބޮޑުތަކުރުފާނު ވަޑައިގަންނަވާނެ ކަމުގެ އިންތިޒާރުގައި ހެއްޔެވެ ؟ ނޫނީ ރައްޔިތުންގެ ތެރޭން އަމިއްލަ އަންބޮޑި ބޮޑުކުރެވޭނެ ގޮތަކަށް ބަލަބަލާތިބި ހާހެއްހާ މީހުން މިއީ ހާދަވާ ރަނގަޅުގޮތެކޭ ކިޔާފާ އަޑު އަރުވާލީމާ އެއްވެސް ވިސްނުމެއް ފިކުރެއް ނެތި އަތްޖަހަން ފަށަންވީހެއްޔެވެ. އެއްގަބީލާއެއް ވެރިކަންކުރަންހަވާލުވެ ޚަޒާނާގައި ހުރި އެއްޗަކަށް ބޭނުންގޮތެއް ހަދާފައި އަނެއް ގަބީލާއާއި ވެރިކަންކުރަން ޙަވާލު ކުރީމާ ގުދޯގުދޯ ގޮވަމުން ކުރީގެމީހާއަށް ޖަލުން ގަނޑުވަރެއް ބިނާކޮށްދިނީމާ ރައްޔިތުންގެ ޙައްގުތަކަށް ރައްކާތެރިވެވުނީ ހެއްޔެވެ؟ މިހަޑި މުޑުދާރު އާދަކާދަ ބަދަލުކުރަން ޖެހެއެވެ.

ދިވެހިރާއްޖެއަކީ ތަޢުލީމު ލިބިފައިތިބި ބޭފުޅުން ނިސްބަތުން ގިނަ ގައުމެކެވެ. ވާނުވާ ނޭންގުން ނުވަތަ އެބޭފުޅުންގެ ވާޖިބަކީ ކޮބައިކަން ބުނެދޭން ޖެހޭވަރަށްވުރެ އެބޭފުޅުންގެ ޢިލްމާއި ގާބިލުކަން މާބޮޑުކަމަށް ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާނެއެވެ. އެހެންވީއިރު އެފަދަ ބޭފުޅުން އުފުއްލަވަން ޖެހިވަޑައިގަންނަވާ ޒިންމާ އެނޫން ރައްޔިތުންނަށްވުރެން މާ ބޮޑުވާނެއެވެ. އެނގުމާއި ނޭންގުމުގެ ތަފާތަކީ އެއީ އެވެ. ސިޔާސީ ޕާރޓީ ހަދައިގެން ސިޔާސީވިސްނުން ވިއްކުމަކީ ދިވެހިންނަށް އޮތް ޙައްލެއްނޫނެވެ. ސިޔާސީ ޕާރޓީތަކަކީ ދިވެހިރާއްޖޭގެ އިގްތިސާދަށް އޮތް މުސީބާތެކޭ މިހާރު ބުނެވިދާނެއެވެ. ސިޔާސީ މަގާމުތަކުގެ އަދަދު ކޮންޓުރޯލެއް ނެތި ދިވެހިރާއްޖޭގެ އާބާދީއާއި ނުބައްދަލު ވަރަކަށް މައްޗަށް އަރައިގެންގޮސް ދަވްލަތަށްލިބޭ އާމްދަނީގެ ބޮޑު ޙިއްސާއެއް ދައުލަތް ހިންގުމަށް ރައްޔަތުން ޙަވާލުކުރި ޚާދިމުންނާއި އެބައިމީހުންގެ ގާތް މިތުރުންނާއި ސަޕޯޓަރުންނަށް ބަހައި ހޭދަކުރާކަމީ އިންތިހާއަށް ރައްޔަތުން ކަންބޮޑުވާންޖެހޭ ކަމެކެވެ. އެހެނީ އެ ޚާދިމުން އިލެކްޝަންގެ ކެމްޕެއިންތަކުގައި ބުނާހެން އަސްލު ވެރިންނަކީ ރައްޔަތުންނެވެ. އެމީހުންނަކީ ފަސް އަހަރަށް ދައުލަތް ހިންގަދޭން ރައްޔަތުންގެ ފައިސާއިން އެކަމަށް ޚަރަދުވާނޭ ބަޖެޓެއް ކަނޑައަޅާ އިސްކުރެވުނެ ޚާދިތަކެކެވެ. އެކަމާއި ޙަވާލުވަނީވެސް މާތްﷲ ގަންދީ ހުވާކޮށްގެންކަން ހަދާން ކުރަންޖެހޭނެއެވެ.

ޢާންމު ވިސްނުމަކުން ވިސްނާއިރު ހުރިހާ ރައްޔިތުން ބޭނުންވާގޮތަށް ބައެއް ކަންތައްތައް ނުކުރެވިދާނެއެވެ. އެހެނަސް ރައްޔިތުންނަށް ދައުލަތް ހިންގަދޭން (ވެރިކަންކޮށްދިނުމަށާއި) އެކަމުގައިބައިވެރިވުމަށް ކުރާ ހުވާގައި އެއްވެސް ރައްޔިތަކު އިސްތިސްނާކުރުން ހުއްދައެއް ނުކުރެއެވެ. ރައީސުލް ޖުމްހޫރިއްޔާ ކަމުގައިވިޔަސް، މަޖިލީހުގެ މެމްބަރަކަށްވިޔަސް އަދި ފަނޑިޔާރަކަށް ވިޔަސް މިކަންއޮތީ މިގޮތަށެވެ.

މަގޭ ޕާރޓީ ނުވަތަ މަގޭ ދާއިރާ ޚިޔާރުކުރުކޮށް އެހެން ރައްޔިތުންގެ ޙައްގުތަކުން މަހުރޫމްކުރުކަކަށް ޖާގަ ލިބިއެއް ނުދެއެވެ. ކަންމިހެން އޮތްނަމަވެސް މިޒަމާނުގެ ޑިމޮކްރެސީ އަކީ މިއީ އޭ ގިނަބަޔަކު ބޭނުންވަނީ މިގޮތޭ ބުނެ އުޒުުރު ދައްކައި ރިޝްވަތާއި މަކަރާ ޙީލަތް ބޭނުންކޮށް އަދި ނުވިތާކަށް ބޭރުގެ ބޮޑެތި ނުފޫޒުތަށްވެސް ބައިވެރިކުރުވައިގެން މިއޮތީ ބޮޑު ޙީލަތްތެރި ކަންތައްތަކެއްގެ ތެރެއިން ޢާންމުކުރުވާފައެވެ. އެހެންކަމުން އެ ވިސްނުމުގައި މި މިހާރު ޙާލަތަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭ ބައެއް ކަންތަކާމެދު ބަލާލަމާހިނގާށެވެ. މި ސުވާލުތައް ކޮންމެ ދިވެހިރައްޔިތަކަށް އަމާޒުކުަރަން ބޭނުމެވެ.

ހ. ދިވެހިންގެ ތެރޭގައި އެއްވެސް ސިޔާސީ ޕާރޓީއެއްގައި ބައިވެރި ނުވާމީހުންނާއި ބައިވެރިވާންނޭދޭ މީހުންގެ އަދަދު މާގިނައެވެ. އެހެންވީއިރު ސިޔާސީ ޕާރޓީތައް ހަދައިގެން ހިންގަން ރައްޔިތުންގެ ބައިތުލްމާލުން ދައުލަތް ހިންގުމަށް ރައްޔަތުން އިސްކުރި ޚާދިމުންތަކަށް ބޭނުންގޮތަކަށް ބޭނުންވަރަކަށް ބަޖެޓްހަދައި ޚަރަދު ކުރުން ގާނޫނެއް ހަދައިގެންވިޔަސް ހުއްދަކުރެވުނީ ކޮން އުސޫލެއް ހެއްޔެވެ؟ އަޅެ ހެޔޮވާނެހެއްޔެވެ؟

ށ. ރައްޔިތުންގެ މަޖިލީހަކީ ގާނޫނުތައް ހެދުމުގެ ޒިންމާ ޙަވާލުކޮށްފައިވާ މުއައްސަސާ އަކަށްވެފައި އެތަނުގެ މެމްބަރުންނާއި އެމީހުންގެ އަނބިދަިރިންނަށް އެހެން ދިވެހިރައްޔިތުންނަށް ނުލިބޭ އެތައްއެތައް ޢިނާޔަތްތަކަކާއި އިމްތިޔާޒުތަކެއް ލިބިލިބި ހުންނަގޮތަށް އަމިއްލައަށް ގާނޫނު ހެދުމަކީވެސް އެބުނާ ގިނަބަޔަކު އެއްބަސްވާ ގޮތް ހެއްޔެވެ؟ އަޅެ ހެޔޮވާނެހެއްޔެވެ؟

ނ. ދިވެހިންނަކީ އަންޒަމާނުންސުރެ އެމީހުން ދިރިއުޅުމަށްޓަކައި ބޭނުންވާ ބޯހިޔާވަހިކަމަށް އެރަށްރަށުން އެއްވެސް އަގަކާނުލައި ހިލޭ ބިންލިބެމުން އައި ބައެއްކަން ތާރީޚު ހެކިދެއެވެ. ނަމަވެސް މިއަދު އެކިޔާ ޑިމޮކްރެސީގެ ފާލުގެތެރޭން މިއޮތީ އެ ބިންކޮޅުވެސް ވިޔަފާރިއުސޫލުން ގަންނަން ޖެހިފައެވެ. ވަކިބަޔަކު ބޭނުންވާވަރަށް ބިންލިބި އެބިންތައް ވިއްކައިގެންނާއި އެހެނިހެން ގޮތްގޮތުން މުއްސަނދި ވުމަށްފަހު މިއަދު އެއުސޫލު ބަދަލުކުރުމަކީ ދިވެހިރައްޔިތުންގެ ހަމަހަމަ ކަމާއި ރައްކާތެރިކަން ކަށަވަރުކުރަން އެޅުއްވި މުހިންމު ފިޔަވަޅެއްބާވައެވެ؟ އެޅެ މިގޮތް ހެޔޮވާނެހެއްޔެވެ؟

ވަކި ރަށަކުން ވަކި ވަރެއްގެ ބިމެއް ގަންނަން ބޭނުންވާމީހާއަށް އެ ފުރުސަތުވެސް ހުޅުވާފާއޮތުމަކީ މައްސަލައެއް ނޫނެވެ.

ރ. މާލޭ ސަރަޙައްދަކީ ގްރޭޓަރ މާލޭ ސަރަޙައްދަކަށް ހަދައި ރާއްޖޭގެ ހުރިހާރައްޔިތުން އެތަނަށްގެނެސް ކުލީ ތަންތަނުގައި ނުވަތަ އަގު އަދާކުރެވޭނެ ގޮތެއް ނެތްއިރުވެސް ފްލެޓްގަނޑެއްގައި ދިރިއުޅެން ޖެހިފައިވާއިރު ގައުމަށްލިބޭ އާމްދަނީއާއި ދަރަންޏަށް ރައްޔަތުން (ގައުމުގެ ވެރިން) ރަހުނުކޮށްފާ ދައުލަތް ހިންގުމާއި ރައްޔަތުން ޙަވާލުކޮށްފައިވާ ޚާދިމުންތައް (ސަރުކާރު) ނަގާހާ ފައިސާއިން މާލެ ސަރަހައްދު ނޫން އެހެން އަތޮޅުތައް ތަރައްގީކޮށް ރައްޔިތުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެގޮތެއް ހަދައިފިނަމަ އަތްނުފޯރާ ހިސާބަށް އެ ރައްޔިތުން ހިނގައިދާނެކަމަށް އެބައިމީހުން ޖެހިލުންވަނީހެއްޔެވެ؟ އަޅެ މިގޮތް ހެޔޮވާނެހެއްޔެވެ؟

ބ. މާލޭރައްޔަތުންނަށް ގޯތީގެ ދަތިކަން ފިލުވައިދެވޭނެކަމަށް ބަލައި ދައުލަތުން ޚަރަދުކޮށް ހިތްކި ހުޅުމާލެ ދައުލަތް ހިންގުމަށް ރައްޔަތުން ޙަވާލުކުރާ ސަރުކާރަކުން ކުންފުންޗެއް އުފަށްދައި (އެޗް.ޑީ.ސީ) ރައްޔަތުންގެ އެފަދަ ބިންމެއް އަގުކުރުމެއްނެތި ނެގުން ހަމަބުއްދީގެ އަހުލުވެރީންނަށް ހަމަ އޯކޭ ވާނެތޯއެވެ. އަދި ނުވިތާކަށް އަލުން ދެން ބާރުލިބުމުން އެ ގުރޭޓަރ މާލޭއޭރިއާ ހަމަ އަގުކުރުމެއްނެތި އެޗް.ޑީ.ސީ އަށް މިލްކުކުރެވިދާނެތޯއެވެ؟ އަޅެ މިގޮތްވެސް ހެޔޮވާނެހެއްޔެވެ.

ތިލަފުށި ހިއްކާފައިވާނީ މާލޭގެ ކުނިއަޅައިގެން ޢުމަރު ޒާހިރު ކިޔުއްވާ ބޭފުޅަކާއި 10 ވަރަކަށް މުއައްޒިފުންލައިގެން ރައްޔަތުންގެ ޚަޒާނާއި ކުރިޚަރަދެއް ކޮށެގެންކަން ނޭގެ ޚާދިމުންތަކެއް މިހާރު ތިބެވެސްދާނެއެވެ. ތިލަފުށި ހިއްކާފައި މާލޭ ރައްޔަތުންނަށް ގޯތިދޭން ވަޢުދުތަކެއްވެ މަޝްރޫޢުތަކެއް ހިންގިފާވަނީ ރައްޔަތުންގެ ޚަޒާނާއިންނެވެ. މާލޭގެ ގުރޭޓަރ މާލޭއޭރިިއާ އަށްވެސް ޚަރަދުކުރީ ސީދާ ރައްޔަތުންގެ ޚަޒާނާއިންނެވެ. ވީއިރު މިފަދަގޮތަކަށް މިބިންތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ދަށަށް އަގުކުރުމެއްނެތި ނަގައި މިލްކުކުރެވިދާނެތޯއެވެ. އަޅެ މިގޮތްވެސް ހަމަ ހެޔޮވާނެހެއްޔެވެ؟

މިއީ ހަމައެކަނި ކުރަންހުރި ސުވާލުތަކުގެތެެއިން ކުޑަމިންވަރެކެވެ. ބޭނުންވާ ޖަވާބުލިބޭނީ ހުރިހާރައްޔިތުން އެއްއަޑަކުން މިސުވާލުތައް ކުރީމައެވެ. އާއެކެވެ ޚިޔާލަކީ ތަފާތު އެއްޗެކެވެ. ނަމަވެސް އިވުމާއި ފެނުމާއި ފަހުމްވުން ކޮންމެ އިންސާނަކަށް ލިބިފައިވެއެވެ.

Loading

8 Responses

  1. ލިއުއްވި ބޭފުޅަކަށް މަގޭ ސަލާން. ދިވެހިރައްޔިތުންނަށް މިލިއުމުގައި ބުނެފައިވާ ސުވާލުތައް ކުރުމުގެ ފުރުސަތު ކޮންމެ ފަސްއަހަރަކުން އެއްފަހަރު ލިބެމުންދެއެވެ. މަޖިލީސްގެ އިންތިޚާބުގެ ތެރޭންނެވެ. މަޖިލީހަށް ވެއްދުމާއި ނެރުމުގެ ބާރު ރައްޔިތުންއަތަށް ލިބޭނެ ގާނޫނެއް ވުޖޫދު ނުކުރެވި އެއްވެސް ކަމެއް ރައްޔިތުން ބޭނުންވާގޮތަކަށް ނުދާނެއެވެ. މިހާރު މިއޮންނަނީ ހަމައެކަނި ވެއްދުމުގެ ބާރެވެ. ނެރުމުގެ ބާރު މި އޮންނަނީ ވަންމީހާގެ އަތުގައެވެ. ދެން ކަންތައް ރަނގަޅުކުރެވޭނެ ގޮތެއް އަޅެ ބުނެބަލާށެވެ. މިސުވާލުގެ ޖަވާބުވެސް އޮތީ ރައްޔިތުންގެ އަތުގައެވެ.

  2. ހުޅުމާލޭ ހިއްކިބިމުން މާލޭ ރައްޔިތުންނަށް ގޯތި ނުދޭން ނިންމަ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި އެމްޑީޕީގެ ޕްލޭނިން މިނިސްޓަރު އަސްލަމް އޭރު އޮރު ހުޅުމާލޭ ޑިވެލޮޕްމަންޓް ޔުނިޓު، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕޮރޭޝަނަށް ބަދަލުކޮށް އެތަނަށް އެސަރަޙައްދު އެއްކޮށް ރިއަލް ސްޓޭޓް ވިޔާފާރިއަށް ދިނީއެވެ. އެކަން ކުރަން ދިން ސިޓީގެ ނަމްބަރަކީ 2009/478 އެވެ. މީދޮގޮއްތޯ ބައްލަވާށެވެ. މިހާރުދެން މުޅި ގްރޭޓަރ މާލޭ އޭރިއާވެސް އެމީހުން އެ މިލްކޮށްލީއެވެ.

  3. ވަރަށް ފުރިހަމަ ބެސްޓް އާރޓިކަލްއެއް ތެދު މަޢުލޫމާތާއިއެކު، ފެކްޓްސް މުޅިންހެން. ބަރާބަރު. އަހަރަމެންގެ ވިސްނުން ޙަގީގަތުގެ މައްޗަށް ބަދަލުވާންޖެހެއެވެ.

  4. ވެނުމަސް ވެނަށް ކާންދިނުން. އެއީވެސް ބުއްދިވެރިން ގެންގުޅޭ މަކަރުވެރި އުސޫލެކެވެ. ދުނިޔެ ކާނީ މަކަރާ ޖަހައިގެނެވެ. ބަޓަރާއި ޖޭމު ޖަހައިގެން ކާނީ ޕާންފޮށްޗެކެވެ.

  5. ލިޔުން ބަރާބަރު އެހެނަސް ޒިންމާބޮޑީ ރައްޔިތުންގެއެވެ. އެހެނީ އެއް ގަބީލާއިން އަނެއް ގަބީލާދެކެ ރުޅިއަރުވައި ޚަސަދަވެރިކަމުގައި އެނެކާދެކެ އަންނަ ރުޅިން ދެކޮޅަށް ވޯޓު ދެނީއެވެ. އިޝިޢު ބޭސް ކޮށް ވިސްނައެއް ނުލައެވެ. ކަރުން ނާރުނަގައިފަ ލީޑަރު ދޮގުހެދުމުން މަށަށް ވަރަށް މަޖާވެއެވެ. އެމަޖަލުގައި ވޯޓް ލަނީ އެވެ. ނުވަތަ ވޯޓު ވިއްކާލަނީއެވެ. ދެން ތިބީ ތިބުނާ އެއްވެސް ޕާޓީއަކަށް ބަރޯސާވާން ބޭނުން ނޫން މީހުނެވެ. އެމީހުން އެއްކަލަ ތިބުނާ ބޮޑު ދެގަބީލާގެ ވެރިންގެ ދޮގުބަސްތަކަށް ފޫހިވެ އަޅާލާކަށް ބޭނުމެއް ނުވެއެވެ. ދެން ބޮޑުވަރިހަމައިގައި ތިބެނީއެވެ. އހެނަސް އެބޮޑުވަރިހަމަ ނޫންކަން އެނގެނީ ޓެސްތައްބޮޑުވެ، ކަރަންޓުބޮޑުވެ ވަޒީފާ ގެއްލި އުޅުނުގެ ގެއިންވެސް ބޭރުވާން ޖެހޭ ހިސާބުންނެވެ. ދެން ކުރެވޭނެކަމެއްނެތެވެ. ސަލާމްޖެހުމުންވެސް ލިބެނީ މިހާރު 100 ރުފިޔާއޯލައެވެ. ދެން ގުޅެނީ މަޖިލިސް ގަނޑުކޮށް ދިން ގަބީލާގެ ވެރިންނާއެވެ. އަދި މެމްބަރުންނާއެވެ. އެ ތިބުނި ޚާދިމުން ތިބޭ ވެރިންނަ ވަރަށް ވެފައެވެ ވަރަށް ބިޒީއެވެ. ފޯނުން ނުގުޅެޔޯލައެވެ. މެސެޖެއްފޮނުވިޔަސް ޖަވާބެއް ނުދެޔޯލައެވެ. ދެން މި ބޮޑުވަރިހަމަ ގުރޫޕަށް ބޮޑުވަރިހަމައެއް ނުވިއެވެ. ވީއިރު ހަމަތެދެކެވެ. ރައްޔިތުން ވިސްނާ ފިކުރުކޮށް އެމީހުންނަށް މަކަރާއި ޙީލަތް ހަދަން އެމީހުން ހޮވައިފަތިބި ޚާދިމުތަކަށް އިތުރު ޗަރުކޭސް ކުޅުނަ ނުދޭން ނިންމަންވީއެވެ. އެނޫނި މި ޗަރުކޭސް އަށް ބަދަލެއް ނާންނާނެއެވެ.

  6. ބަރާބަރު ވާހަކަ. ދެން ބަލަމާ ހިނގާށެވެ. އެޕްރީލްގައި އޮންނާނޭ އެކިޔާ ކައުންސިލް އިލެކްޝަންގައިވެސް ރައްޔަތުން ތަފާތުގޮތަކަށް ވިސްނެކަމަށް. މަށަށް ބުނެވޭނީ ހަމަ ވޯޓް ވިއްކާލާފަ ފަހުން ޝަކުވާ ބޮޑި ބަންނަން ތިބޭނީހެނެވެ. ދިވެހިން ދިވެހިންގެ ގޮތުގައި އަބަދަށް؟؟؟

  7. ބޯދިގަކާއި ކާއްޓޭއަކާއި އެފެންވަރުގެ ވަކަރުގޭ ކުދިންނަށް ގުރޫ ބުނެގެން ވޯޓް ދީފަ ނުވަތަ ވޯޓު ވިއްކާފަ ދެން ކޮން ރޮއުމެއްތޯއޭ ރޯންވީ. ދެން މާލެވެސް ތިބުނާ އެޗް.ޑީ.ސީ ގެ ދަށަށް ވައްދާލާފަ ސިޓީކައުން ސިލް އުވާލާށެވެ. އޭރުން އެމްޑީޕީ ގެ އެޖެންޑާ19 ފުރިހަމަވީއެވެ. ދިވެހިންނަނީ މިހާރު ރޭރުތަކަކަށް ވެއްޖެކަހަލައެވެ. ސޮރީ..

  8. ދެން އެޖެންޑާ19 ދެކެ ފޫހިވެގެން ރީދޫ ހުން އައިސްގެން އުޅޭކުދިން އެކިޔާ ވަގު ޢަބުދުލްރަޙީމުގެ ގުރޫޕަށް ވޯޓް ދޭންވީއެވެ. މިގަބީލާތަކަކުން ސަލާމަތްވެވިގެން ނޫނީ ހަމަޖެހުމެއް ނެތެވެ. އެކަން ނިމޭނީވެސް ކިހިހެއްތޯއެވެ؟ ރަން 30 އަހަރުގެ ލަވަވެސް އެވެނީ އަޑުހަރުކޮށް ރީންދޫ ހުމުގެ ކުދިން އެ ހަރުގޭގައި ޖަހައި އެކުދިން އޭރު ގޮވި ގޮޅާބޯ ޗާޖުކޮށްދީފައެވެ. އެވަރެއްނެތޯލައެވެ. ނަމަވެސް މިހާރު އެކިޔާނީ އެއީ 7 ފެބްރުއަރީ ބާޣީ ލީޑަރޯލައެވެ. ނިމުމެއް ނެތެއްނޫންތޯއެވެ. އަޑުގަމީހާ ރުށްގިނަވާނެއޭ ބުނެ އުޅެތެވެ. ވަނީވެސް އެހެންކަން ފެންނަމުން ދޭމެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް