ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ ކަމަށް ތުހުމަތުކުރެވި މިދިޔަ މަހު 14 ގައި ހުޅުމާލެއިން ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު މިއަދު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ހިންގި ޚާއްސަ އޮފަރޭޝަން އެއްގައި 6.8 ކިލޯގެ ކެނަބިސްއާއެކު ހައްޔަރުކޮށްފައިވަނީ ގއ.ކޮލަމާފުށީ ކަރަންކާ ވިލާ، އަފްޒަލް ރަޝީދު 33 އާއި ގދ. ވާދޫ އަޝްރަފީގެ، މުހައްމަދު ޝަރީފު 43 އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މުހައްމަދު ޝަރީފަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަމީހެއްކަމަށާއި އޭގެ އިތުރުން ފުޅާދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީގެ ކުރިންވެސް ހައްޔަރުކޮށްފައިވާ މީހެއްކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެމީހުންނާ ގުޅުންހުރި ހުޅުމާލޭ ލޮޓް 10634 ބަލައި ފާސްކުރިއިރު ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެއެވެ. އެކަމާއި ގުޅިގެ އޭރު އެމީހުންގެ ބަންދުގެ މުއްދަތު ޖެހިއެވެ.
އަދި މިމީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް ޖޫން30 ގައި ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި ދެ މީހުންގެ އިތުރުން އަދި އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ނަމަވެސް އެމީހާ ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނީ އެމީހާ ދޫކޮށްލީ އޭނާ އާ ގުޅުންހުރި އެއްވެސް ތާކުން މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއްޗެއް ފެނިފައިނުވާތީއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންގެންދާ ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.