ތިމަރަފުށީގައި ހަރުކަށިފިކުރު ފެތުރުމުގެ ސަބަބުން މައިންބަފައިން ކާފަރުކޮށް ގަތުލުކުރަންޖެހޭކަމަށް ދެކޭ

Loading

Facebook
Twitter
WhatsApp

 

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ބައެއްފަހަރު މައިންބަފައިން ކާފަރުކޮށް މައިންބަފައިން ގަތުލުކުރަންޖެހޭ ކަމަށް ދެކޭ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ނޮވެންބަރު މަހުގައި ތިމަރަފުށީގައި ދޭން އުޅުނުކަމަށް ތުހުމަތުކުރެވޭ ޓެރަރިޒަމް ހަމަލާއަކާ ގުޅިގެން ފުލުހުން ހިންގި ތަހުގީގު ނިންމައި އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވިކަން ހާމަކުރުމަށް  މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވާގޮތުން ތިމަރަފުށީގައި ހަރުކަށިފިކުރު ވަރަށްބޮޑަށް ފެތުރި މައިންބަފައިންނާމެދު ދަރިން ދެކޭގޮތް ވަރަށްބޮޑަށް ބަދަލުކޮށްލައެވެ.

“ ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ދަރިން މައިންބަފައިންނާ ވަކިވެ، ވަކިން އުޅެންފަށައި، ބައެއްފަހަރު މައިންބަފައިން ގަތުލުކުރަންޖެހޭކަމަށް ދެކި އަހުންގެ ގޮތުގައި ދައްދީފައިވާ ފަރާތްތަކަކީ ރަށުގެ އާއްމު އެހެން މީހުންނަށްވުރެ މުހިންމު ބައެއްކަމަށްދެކެން ފަށައި އާންމުންނާ އޮންނަ ގުޅުން ކުޑަވެގެން ގޮސްފައިވާކަން ފާހަގަކުރެވިފައި ވެއެވެ.“ ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުންގެ ނޫސް ބަޔާނުގައި ވާގޮތުން ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ޓާގެޓް ކުރަނީ އުމުރުން 14 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށެވެ.

“ ރަށުގެ އާންމު ރައްޔިތުންނަށް އެމީހުންގެ ސަބަބުން އެކި ކަހަލަ ގޯނާތައް ކުރިމަތިވެ ބިރުވެރިކަން އުފެދި މުޖުތަމައުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަންވެސް ފާހަގަކުރެވެއެވެ.“ ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން ބުނީ ތަހުގީގުގައި ފާހަގަކުރެވުނު ގޮތުގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނާ ދަތި ހާލުގައި އުޅޭ މީހުންނާއި ކުށްކުރާ މީހުންގެ ތެރެއިން ފައިސާ އަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފިކުރު ބަދަލުކުރުމަށް އެކި މަރުހަލާތަކަށް ބަހާލައިގެން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

 

ފުރަތަމަ މަރުހަލާގައި ދީނީ އަޅުކަންތައް އާއްމު އުސޫލުން ކުރުމަށް ބާރުއަޅައި ވާހަކަދައްކައި ދީނީކަންކަމަށް ޝައުގުވެރި ކުރުވައެވެ. މިގޮތުން ނަމާދު ކުރަން ދިއުމަށް ބާރުއަޅައެވެ.

“ އެފަދައިން ނަމާދުކުރަން ދާން ފެށުމުން މިސްކިތުގެ ޖަމާއަތަށް އަރަންނުޖެހޭނެކަމަށާ ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަރުގައި ނަމާދުކުރުން ހުއްދަ ނުވާނެކަމަށް ބުނެ އެ ފަރާތްތައް ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުމަށް ބާރުއަޅާކަން ފާހަގަކުރެވެއެވެ.“ ނޫސް ބަޔާނުގައި ވެއެވެ.

އަދި ދީނީ ގޮތުން ހިލާފް އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކައި ހަރުކަށި ފިކުރާ ގުޅުންހުރި ފޮތްތައް ދީ އެ ފޮތްތައް ކިއުމަށާއި އެފަދަ ދަރުސްތަކާ ކުލާސްތަކުގައި ބައިވެރި ވުމަށް ބާރުއަޅައެވެ.

ހަމައެއާއެކު މައިންބަފައިންގެ ބަސް ގަބޫލު ކުރަން ނުޖެހޭނެކަމަށް ބުނެ އެ ފިކުރު ގަބޫލުކުރާ މީހުން އެއީ އަހުންކަމަށް ދައްކައި އެގޮތަށް އުޅުމަށް ބާރުއަޅާ އެހެން މީހުންނަކީ އިސްލާމްދީނުގައި ބަލައިގަންނަ ބައެއް ނޫންކަމަށް ބުނެ އެމީހުންނާ ދުރުވުމަށް ބާރުއަޅައެވެ.

”މިކަން ކުރުމަށް އެކުދިންނަށް އެކިގޮތްގޮތުން އެހީތެރިވެދީ ފައިސާ ދީގެން އެކުދިންގެ ހިތްތައް އަތުލައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަރުކަށިފިކުރުގެ ހުރިހާ އަމަލުތަކަށް ތާއިދުކޮށް ސުވަރުގެ ދިއުމަށް އޮތް އެންމެ ފަސޭހަގޮތަކީ ޖިހާދުކުރުން ކަމަށްދައްކާ“ ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގުސަދަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ ފަރާތްތައް ލައްވައި ރާއްޖޭގައި ޓްރަރިޒަމްގެ ހަމަލާތައް ދިނުންކަމަށް ތަހުގީގުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ.

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް