ޓެރަރިޒަމް ހަމަލާގައި ގޮއްވާލަން ރޭވީ  ސްކޫލުގައި އޯލެވެލް އިމްތިހާން ކުރިއަށް ދިޔަވަގުތު: ފުލުހުން

Loading

Facebook
Twitter
WhatsApp

 

މިދިޔަ ނޮވެމްބަރު މަހުގައި ޓެރަރިޒަމް ހަމަލާއެއްދޭން އުޅޭކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ރާވަމުން ދިޔައީ ތ. އަތޮޅު ތައުލީމީމަރުކަޒުގައި  މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނު ކުރިއަށްދާ ވަގުތާއި ދިމާކޮށް  އެ ސްކޫލްގެ ލެބޯޓްރީގޮއްވާލުމަށް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސްކޫލް ލެބޯޓްރީ ގޮއްވާލަން ރޭވި ދުވަސްވަރު އެ ސްކޫލްގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަމަށް ތަހުގީގުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި މިހާރު އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންނަކީ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލުކުރާ ގަބޫލުކުރާކަމަށް ތުހުމަތު ކުރެވޭ އެ މީހުންނަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓޭރަރިޒަމް އަމަލުތައް ހިންގުމަށް ހިތްވަރުދޭ ބައެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށީ، ފެހިވދުވަރު އަބްދުﷲ ޝަރީފް 34،   އާއި ތ. ތިމަރަފުށީ،އަސްރަފީވިލާ އަހްސަން މުހައްމަދު 32، ތ. ތިމަރަފުށީ، ކެނެރީގެ، އަލީ މުނީޒު 28،  ތ. ތިމަރަފުށީ، އަސުރުމާގެ ، މުހައްމަދު އާސިރު 34، ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދު 18، ތ. ތިމަރަފުށީ، ސައިމާ، ސަމާހު މުހައްމަދު 20، ނ. ކުޑަފަރި، ރޯޒްމީޑް 21، އާއި ރ. މަޑުއްވަރި، ބީޗް ހައުސް އަބްދުﷲ އިމާދު 29 އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަބްދުﷲ ޝަރީފަކީ އައިސިސް ޖަމާއަތުން އަމީރެއްގެ ގޮތުގައި އައްޔަންކޮށްފައިވާ މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ މީހާއެވެ.

ފުލުހުން ބުނީ އަހްސަން މުހައްމަދަކީ ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި އަދި މީހަކަށް މަރުގެ އިންޒާރުދިންކަމށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރި އަލީ މުނީޒަކީ މަސްތުވާތަކެތި ބޭނުންކޮށްގެން އެތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ އަދި މުދަލަށް ގެންލުންދިންކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެކުރިން ހައްޔަރުކޮށްފައިވާ މީހެއްކަމަށްވެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތިމަރަފުށީގެ 16 ގެއަކާ އިތުރު ދެ ތަނެއް އެރަށުން ބަލައި ފާސްކުރިކަމަށެވެ. އަދި މީގެ އިތުރުން ތިމަރަފުށީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ އިސްފަރާތެއްކަމަށް ފުލުހުން ތުހުމަތުކުރާ ފަރާތްތަކުން ގެންގުޅޭ “ ނަސްހާ 3″ ނަމަކަށް ކިޔާ ލަޑާނަގާ ދޯންޏެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ބަލައި ފާސްކުރި ގެއަކުން އައީޑީއެއް ތައްޔާރުކުރަން ބޭނުން ކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާތަކެތި ރައްކާކުރުމާ ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައިވާކަމަށް ވެސް ފުލުހުން ބަޔާނުގައި ވެއެވެ. އަދި މައްސަލާގައި ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހަކު އެކްޕްލޯސިވް އެއް ތައްޔާރުކުރަން ބޭނުންވާ ކެމިކަލް ހޯދައިވާކަން ތަހުގީގަށް ފާހަގަކުރެވޭކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހުއިފިލަނޑާ ނަގާ މި ދޯނި ބަލައި ފާސްކުރި ކުރުމުގައި އިމްޕއރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް ( އައިއީޑީ) އެއް ތައްޔާރުކުރުމަށް ބޭނުންކުރެވިދާނެ އާލާތްތައް ވަނީ ފެނިފައެވެ. އަދި ދޯނި އަޅާފައި އޮތް ސަރަހައްދު ބަލައި ފާސްކުރިއިރު 10 މީޓަރު އަޑިން ބަޑިބޭސް އެކުލެވާކަމަށް ބެލެވޭ ކާޓްރިޖްތަކެއް ފެނުނުކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތަކުގެ ޑިޖިޓަލް ޑިވައިސްތަކުން ލިބުނު މައުލޫމާތުން އެ ފަރާތްތައް މަސައްކަތް ކުރަމުންދިޔައީ އައިޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދިނުމަށް ކަމަށާއި މިގޮތުން ހަމލާދޭން ގަސްތުކޮށްފައިވާ ބައެއް ތަންތަން ފާހަގަ ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރުކުރި ފަރާތްތަކުން ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ހިތްވަރު ލިބިގަތީ އައިސިސް ޖަމާއަތުގެ ފަރާތުން “ ޖަޒީރާގެ ޒުވާނުން“ ނަށް މުޚާތަބުކޮށް ދީފައިވާ މެސެޖަކާ ގުޅިގެންކަން ތަހުގީގަށް ފާހަގަ ކުރެވޭކަމަށް ފުލުހުން ބުނެއެވެ.

އައިސިސްއިން ފޮނުވި މެސެޖްކަމަށް ފުލުހުން ބުނެފައިވާ މެސެޖްގައި ވަނީ “ ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެނަމަ ދެން ސަލީބީ ދައުލަތްތަކުގެ ރައްޔިތުންވަނީ ތިޔަބައި މީހުންގެ ކުރިމަތީގައެއް އެހެންކަމުން މަތިވެރިވެގެންވާ ﷲގެ ހަޟުރަތުން ވާގި އެދޭށެވެ. އެބައިމީހުން ގަތުލުކުރުމަށާއި ޗިސްޗިސް ކޮށްލުމަށެވެ. އާންދާލުމުގަޔާއި ދަންޖެއްސުމަށެވެ.“ މިފައިންނެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ބައެއް މީހުން ތިބުމާއެކު އެ މީހުންގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް