ޖާބިރުގެ ފައިސާއަށް ފާރިޝް ހިޔާނަތްތެރިވި ކަމަށް ތުހުމަތުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

 

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ފައިސާ ތަކަކަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނު ހިޔާނާތްތެރިވިކަމަށް ތުހުމަތުކޮށް ޖާބިރުގެ އަނބިކަބަލުން ދިޔާނާ ސައީދު ފުލުހަށް މައްސަލަ ހުށަހަޅައިފި އެވެ.

ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ދިޔާނާ ފާރިސް މައުމޫނާ ދެކޮޅަށް ފުލުހަށް ހުށަހަޅާފައިވާ މައްސަލާގައި ވާގޮތުން ޖާބިރުގެ އަތްފުޅުން މައުމޫން  ނެންގެވިކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ ހަވާލުކުރަން ޖާބިރުގެ ފަރާތުން ހަވާލުކުރީ އޭނާ އާއެވެ.

“ އެފައިސާ ރައީސް މައުމޫން ވިދާޅުވިފަދައިން އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫން އާ އަޅުގަނޑު ހަވާލުކުރީމެވެ. ނަމަވެސް އެ ފައިސާ ލިބިވަޑައި ނުގަންނަވާކަމަށް ރައީސް މައުމޫން އާންމު ފޯރަމްތަކުގައި ވިދާޅުވަމުން ގެންދަވާހިނދު ފާރިޝް މައުމޫނާއި އަޅުގަނޑު ހަވާލުކުރި ފައިސާ ބައްޕާފުޅު ރައީސް މައުމޫން އަށް ލިބިވަޑައި ނުގަންނަވާނަމަ އެކަން ވެގެންދާނީ އެ ފައިސާއަށް ފާރިޝް މައުމޫންވީ ހިޔާނާތަކަށެވެ.“ ދިޔާނާ ފުލުހަށް ހުށަހަޅާފައިވާ ސިޓީގައި ވެއެވެ.

ދިޔާނާ ފުލުހަށް ހުށަހެޅި ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ މި ފައިސާތަކާއި ގުޅިގެން އެކި ބައްދަލުވުންތައް ބޭއްވުނުކަމަށާ އަދި ރައީސް މައުމޫނުގެ ގެކޮޅު ކިނބިގަސްދޮށުގޭ  ރަޖިސްޓްރީ ރަހުނެއްގެ ގޮތުގައި ބާއްވައިގެން ވިއަސް ފައިސާ ދެއްވުމަށް މައުމޫން އެދިވަޑައިގަތް ކަމަށާ ނަމަވެސް އެކަން އެގޮތަށް ނުގެންގޮސް ރައީސް މައުމޫންގެ ބަސްފުޅު ގެރެންޓީއެއްގެ ގޮތުގައި ފުދޭކަމަށް އެ ދެފަރާތުން ބޭއްވި ބައްދަލުވުމެއްގައި ޖާބިރުވިދާޅުވެފައިވާކަމަށް ދިޔާނާގެ ސިޓީގައި ވެއެވެ.

ފާރިޝްގެ މައްސަލަ ބައްލަވައިދެއްވުމަށް ދިޔާނާގެ ސިޓީގައި އެދިވަޑައިގެންފައިވާއިރު އެކަން ސާބިތުކުރުމަށް ތަހުގީގަށް ހެކި ހުށަހަޅާނެ ކަމަށް ވެސް ދިއާނާ ވިދާޅުވެފައި ވެއެވެ.

މެންބަރު ޖާބިރު ކުރީގެ ރައީސް މައުމޫނަށް ދެއްވިފައިސާ ނުލިބޭކަމަށް ބުނާ މައްސަލަ ޖާބިރު ވަނީ މީގެ ކުރިން ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލަ މިހާރު އޮތީ ހުކުމް ކުރުމާ ހަމައަށް ގޮސްފައެވެ.

“ އެ މައްސަލަ ހުކުމާ ހަމައަށް ގޮސްފިކަމަށް ޚަބަރު ލިބޭހިނދު، އާހިރުގައި މި ހިޔާނާތް އަޅުގަނޑަށް ރައްދުވުމުގެ އިލްތިމާލު މަތިވެފައިވާތީ އިސްވެ ބަޔާންކުރިފައިދައިން ޚިޔާނާތުގެ ތަހުގީގު ފާރިޝް މައުމޫންގެ މަށްޗަށް ކޮށްދެއްވުން އެދި ދަންނަވަމެވެ.“ ސިޓީގައި ދިޔާނާ ވިދާޅުވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް