އިތާފުށީގެ ކޮންމެ މުއައްޒަފަކަށް ސާވިސްޗާޖުގެ ގޮތުގައި ބައިލައްކަ ރުފިޔާ

23

މާލެ އަތޮޅުގައި ހިންގަމުން އަންނަ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގެ ކޮންމެ މުއައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި ބައި ލައްކަ ރުފިޔާ އެ ރިސޯޓުން ދީފިއެވެ.

ރާއްޖޭގެ ރިސޯޓު މުއައްޒަފުންގެ ހައްގަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ރިސޯޓް ވޯކާސް މޯލްޑިވްސް އިން އާންމުކޮށްފައިވާ މައުލޫމާތަކުން ދައްކާގޮތުން އިތާފުށީގެ މުއައްޒަފުންނަށް މި މަހު ސާވިސް ޗާޖުގެ ގޮތުގައި 3340 ޑޮލަރު  ( 51502 ރ) ވަނީ ދީފައެވެ.

އިތާފުށްޓަކީ ދުނިޔޭގެ އެންމެ މަގްބޫލް ރިސޯޓްތަކުގެ ލިސްޓްގެ ފަސްވަނައގައި މިދިޔަ އަހަރު ހިމެނުނު ރިސޯޓެވެ. ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްތަކާ ގުޅޭ ޚަބަރުތައް ގެނެސްދޭ ” ޓްރަވެލް އެންޑް ލެޒާ” މަޖައްލާއިން ކޮންމެ އަހަރަކު ނެރޭ ދުނިޔޭގެ އެންމެ މަގުބޫލު 100 ރިސޯޓްގެ ގޮތުގައި ރިސޯޓްތައް ހޮވިއިރު އިތާފުށި ހިމެނުނީ މިލިސްޓުގައި ހިމެނުނު ރާއްޖޭގެ ހަމައެކަނި ރިސޯޓްގެގޮތުގައެވެ.

އިތާފުށީގެ އިތުރުން އެހެން ބައެއް ރިސޯޓް ތަކުން ވެސް އެ ރިސޯޓްތަކުގެ މުއައްޒަފުންނަށް މިމަހު ސާވިސް ޗާޖުގެ ގޮތުގައި ދޭފައިސާ ވަނީ އިތުރުކޮށްފައެވެ. އެގޮތުން ވަންއެން އޮންލީ ރީތިރަށުން 3007 ( 46367ރ)  ދީފައިވާއިރު އަނަންތަރާ ކިހަވަށް މޯލްޑިވްސް އިން 2،907.43 ޑޮލަރު ( 32342 ރ) ވަނީ ދީފައެވެ.

ސާވިސް ޗާޖުގެ ގޮތުގައި ރިސޯޓްތަކުން ދޭ އަދަދު ބޮޑުވެފައި މި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ރިސޯޓްތައް ހުޅުވައިލުމާއެކު އެވެ. ރާއްޖޭގެ ރިސޯޓްތައް އަލުން ހުޅުވައިލީ އާ އަހަރާ ދިމާކޮށް ކަމަށް ވުމާއި އަދި ބައެއް ދީންތަކުގެ މީހުން ފާހަގަކުރާ ދުވަސްތަކަކާ ދިމާކޮށް ކަމަށް ވުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ ނިސްބަތް މި ފަދަ ދުވަސްވަރަކާ އަޅާބަލާއިރު ރަގަޅުކަމަށް ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ