ފެރީ ނިޒާމުން ރާއްޖެ ގުޅުވައިލުމަށް ހިންގާ މަޝްރޫއު އެމްޓީސީސީއަށް

Loading

Facebook
Twitter
WhatsApp

ރާއްޖެ ފެރީ ނިޒާމަކުން ގުޅުވައިލުމަށް ހިންގާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ( އެމްޓީސީސީ) އަށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް “ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް“ގެ ނަމުގައި ހިންގާ މަޝްރޫއު އެމްޓީސީސީއަށް ދިނުމަށް ނިމްމީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަމަށެވެ.

ރައީސް މިގޮތަށް ނިންމަވާފައިވަނީ މިއަދު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ޕްލޭނިން މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި ޚިޔާލު ބަދަލު ކުރައްވައި މަޝްވަރާކުރެއްވުމަށްފަހު އެ އެބޭފުޅުންގެ ލަފައާ އެކުގައިކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މި މަޝްރޫއުގެ މަގްސަދަކީ ރާއްޖޭގައި ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ނިޒާމަކުން ގުޅުވައިލުންކަމަށެވެ.

އިންޓަރގްރޭޑް ނޭޝަނަލް ޕަބްލިކް ފެރީނެޓްވަރކް އަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފަސިންޖަރުން އަދި މުދާ އެފުލާ ފެރީ ހިމެނޭގޮތުން ނޭޝަނަލް ސްޕޭޝަލް ޕްލޭން ( 2020- 2040) ގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ.

މި ފެރީ ނެޓްވޯކް އިން ހަ ރީޖަންގައި ހިމެނޭ ހުރިހާ ރަށްތަކެއް ގުޅުވައިލައި އެއް ރީޖަން އަނެއް ރީޖަން އާއި ވެސް ގުޅުވައިދެއެވެ.

މި ނިޒާމް އެކުލައިވައިފައިވާ ގޮތުން ފަސިންޖަރުން އުފުލާ ފެރީ ތަފާތު ތިން ގޮތަކަށް ގުޅުވައިލެވިގެންދާނެއެވެ. އެއީ ކޮމިއުޓް ލިންކް، ނަން ކޮމިއުޓްލިންކް އަދި ހައިވޭ ލިންކް އެވެ.

ކޮމިއުޓް ލިންކަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ޚާއްސަ ކުރެވިފައިވާ ލިންކެވެ.

ނަން ކޮމިއުނިޓް ލިންކަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ ދިގު ދަތުރުތަކަށް ޚާއްސަކޮށްފައިވާ ލިންކެވެ.

ހައިވޭ ލިންކަކީ އެއް ރީޖަން އަނެއް ރީޖަން އާއި ގުޅުވައިވޭ މައި ދަތުރުފަތުރުގެ ހަބް އެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކުގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމާޝަލް ހަބްއާ ގުޅުވައިދޭ ޚިދުމަތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް