މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ މައްސަލަ އާއި ގުޅިގެން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްތިއުނާފު ސަރީއަތުގެ ހުކުމް އިއްވުން ފަސް ކުރި ނަމަވެސް، އިންސާފުވެރި ހުކުމެއް އިއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
މިމައްސަލައިގެ ހުކުމް އިއްވުމަށް ކުރިން ކަނޑައެޅުނީ މިމަހުގެ 14 ވަނަ ދުވަހަށެވެ. ނަމަވެސް މިހާރު ވަނީ ހުކުމް އިއްވުން މިހިނގާ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
ހައިކޯޓުން ބުނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުން ޖެނުއަރީ މަހުގެ 14 އަށް ތާވަލު ކުރި ނަމަވެސް އެ އަޑުއެހުން މި މަހުގެ 21 އަށް ފަސްކޮށްފައިވާ ކަމަށެވެ.
ގައްސާނު މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓު ކޭސްހެން މާދަމާކުރަން އޮތް ހުކުމް ލަސް ކުރެވުނު ނަމަވެސް ނުފޫޒުން އެއްކިބާ އިންސާފުވެރި ހުކުމަކަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތް ނުނިމި ދިގުލައިގެން ދާތީ އެމަނިކުފާނަށް ސަޕޯރޓް ކުރައްވާ ވަރަށް ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.