މިގް 21 މަރުކާގެ ހަނގުރާމަމަތީ ޖެޓްތައް ވަނީ އިންޑިއާގެ ވައިގެ ސިފައިންނަށް ބޮޑު ވޭނަކަށް ވެފައެވެ. ކޮންމެ އަހަރަކު އޭގެ އެތައް ޖެޓެއް ވެއްޓި ކުދިކުދިވެއެވެ. ގިނަފަހަރަށް އެފަދަ ހާދިސާތަކާ ކުރިމަތިލާން ޖެހެނީ ތަމްރީންތަކުގައެވެ.
މިގް 21 ފައިޓަރ ޖެޓެއް އެންމެ ފަހުން ވެއްޓުނީ މި ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭގަނޑު އަށެއް ޖެހިފަހުން ރާޖިސްތާންގެ ސޫރަތުގަޅު އެއާރ ބޭސްގެ ކައިރި ސަރަހައްދަކަށެވެ.
އިންޑިއާގެ ވައިގެ ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޯޓު ވެއްޓުނަސް ޕައިލެޓު މަރުނުވެ ސަލާމަތްވީކަމަށެވެ. އަދި އެ ހާދިސާ ތަހުގީގުތައް ފަށާފައިވާކަމަށެވެ.
މިހާތަނަށް އެނގިފައި ވަނީ ފްލައިޓް ނައްޓާލިތަނާ ޓެކްނިކަލް މައްސަލައެއް ކުރިމަތިވީކަމަށެވެ. އެހެންވެ ޕައިލެޓް ވައި ކުޑައިގައި ފްލައިޓުން ފުންމާލީކަމަށެވެ. އޭގެ ފަހުން ފްލައިޓު ވެއްޓި ކުދިކުދިވެގެންދިޔައީއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ އިސްބޭފުޅަކު 2019 ވަނަ އަހަރު ޕާލަމެންޓްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން އެހާތަނަށް 27 މަތިންދާ ބޯޓާއި ހެލިކޮޕްޓަރ ވެއްޓިފައިވާކަމަށެވެ.
އިންޑިއާގެ ވައިގެ ސިފައިންގެ 7 ޖެޓާއި 2 ހެލިކޮޕްޓަރާއި ތަމްރީން ކުރުމަށް ބޭނުންކުރާ ދެ ފްލައިޓް 2019-2018 ގައި ވެއްޓި ހަލާކުވެފައިވެއެވެ.
އިންޑިއާގެ ވައިގެ ސިފައިން ހަމަލާ ދިނުމަށް ބޭނުންކުރާ މިގް މަރުކާގެ ބޯޓުތަކަކީ ތަފާތު މައްސަލަތައް ދިމާވާ ބޯޓުތަކެއްކަމަށް ވަރަށް ބޮޑަށް ފާހަގަކުރެވިފައިވެއެވެ. މިދިޔަ އަހަރު މާރިޗު މަހުގެ 8 ވަނަ ދުވަހު ރާޖިސްތާނުގެ ވައިގެ ސިފައިންގެ މިގް 21 މަރުކާގެ ޖެޓެއްވެސް ވަނީ ވެއްޓި ހަލާކުވެފައެވެ.
އިންޑިއާގެ ވައިގެ ސިފައިންގެ މިގް 21 މަރުކާގެ މަތިންދާބޯޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެގެން އުޅެނިކޮށް2019 ވަނަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު ޕާކިސްތާނުގެ ވައިގެ ސިފައިންގެ ހަމަލާއެއްގައި ވެސް ވަނީ ވައްޓާލާފައެވެ.
އިންޑިއާގެ ވައިގެ ސިފައިންގެ ޖެޓުތައް އައުކޮށް މިގް މަރުކާގެ ބޯޓުތައް ދޫކޮށްލުމުގެ މަޝްރޫޢެއް ސަރުކާރުން ވަނީ ފަށާފައެވެ.