އިސްރާއީލުން ބައިރޫތުގެ ދެކުނު ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދޭން ރާވާފައިވާކަން އިއުލާނުކުރުމާ ގުޅިގެން، ހޯމަ ދުވަހު އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.
މީގެ ސަބަބުން ބޮޑު ބިރުވެރިކަމެއް އުފެދި، މަގުތައް ތޮއްޖެހި، ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރު ވަނީ އިތުރުވެފައެވެ.ހިޒްބުاللهގެ ބާރުގަދަ ސަރަހައްދެއްގެ ގޮތުގައި ބެލެވޭ، ބައިރޫތުގެ ދެކުނުގައި އޮންނަ އާބާދީ ބޮޑު ދާހިޔާ ސަރަހައްދަށް ހަމަލާދިނުމަށް އިސްރާއީލުގެ ވެރިން އަމުރުކުރުމާ ގުޅިގެން، އެތައް ހާސް އާއިލާތަކުން ވަނީ އަވަސްއަވަހަށް މުދާތައް ބަންދުކޮށްގެން ގެދޮރު ދޫކޮށް ނުކުމެފައެވެ. ރައްޔިތުން ރައްކާތެރިކަން ހޯދުމަށް މަސައްކަތް ކުރުމުގެ ސަބަބުން އެ ސަރަހައްދުން ބޭރަށް ނުކުންނަން އޮންނަ މަގުތައް ވަނީ އުޅަނދުފަހަރުން ފުރި ބާރުވެފައެވެ.ޚަބަރުތައް ބުނާ ގޮތުގައި، މި އަމުރު ހޯމަ ދުވަހުގެ ކުރީކޮޅު ނެރުއްވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް އެވެ. މި އިއުލާނަށް ފަހު، ވަގުތުން ދޭން ފަށާފާނެ ހަމަލާތަކަކަށް ބިރުން ގިނަ ބަޔަކު ވަނީ އެ ސަރަހައްދު ދޫކޮށް ދާން ފަށާފައެވެ. ސަރުކާރުން ހިންގާ ހިޔާވަހިތައް ފުރިފައިވުމުން، ގެދޮރު ގެއްލުނު ބައެއް މީހުންނަށް އޮތް ހަމައެކަނި ގޮތަކީ ދެން ވާނެ ގޮތެއްގެ އިންތިޒާރުގައި އުޅަނދުފަހަރުގައި ރޭގަނޑު ހޭދަކުރުމެވެ.އިސްރާއީލުގެ މި ފިޔަވަޅަކީ ލުބުނާނުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި އެޅި ފިޔަވަޅެކެވެ. އާދީއްތަ ދުވަހު އިސްރާއީލުގެ ސިފައިން ވަނީ ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައި ލުބުނާނުގެ އެތެރެއަށް ނުވަންނަ މިންވަރަށް ވަދެ، ލުބުނާނުގެ ދެކުނުގައިވާ ލިޓާނީ ކޯރުގެ އުތުރުގައި އޮންނަ ތާރީޚީ ބޯފޯޓް ކާސަލް ހިފާފައެވެ. ނަތަންޔާހޫ މި އޮޕަރޭޝަން ސިފަކުރެއްވީ ހިޒްބުاللهއާ ދެކޮޅަށް އިސްރާއީލުން ގެންގުޅޭ ސްޓްރެޓެޖީއަށް އައި ”ބޮޑު ބަދަލެއް“ގެ ގޮތުގައެވެ. އަދި ކުރިން އެ ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގައި އަސްކަރީ ކޮންޓްރޯލް ފުޅާކުރުމަށް އޭނާ ވަނީ ވައުދުވެފައެވެ.އެގައުމުގެ ދިފާއީ ވަޒީރު ކާޓްޒް އިންޒާރު ދެއްވި ގޮތުގައި، އިސްރާއީލުގެ އުތުރަށް ދޭ ހަމަލާތައް ކުރިއަށްދާނަމަ ”ބައިރޫތަށް ހަމަޖެހުމެއް ނުލިބޭނެ“ އެވެ. އަދި ލިޓާނީ ކޯރު ހިމެނޭ ސަރަހައްދަކީ ހިޒްބުاللهގެ ހަނގުރާމަވެރިންނާއި ހަތިޔާރު ނެތް، އަސްކަރީ ކޮންޓްރޯލްގެ ދަށުގައިވާ ސަލާމަތީ ސަރަހައްދަކަށް ހެއްދެވުމަށް ރާވާފައިވާކަންވެސް އޭނާ އިއުލާނުކުރެއްވިއެވެ.މަސްރަހު ގޯސްވަމުންދާތީ، އެމެރިކާއިން ވަނީ ހަމަނުޖެހުން އިތުރުވިޔަ ނުދިނުމަށް ހުށަހެޅުމެއް ހުށަހަޅާފައެވެ. އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ލުބުނާނުގެ ރައީސް ޖޯސެފް އައުން އާއި ނަތަންޔާހޫއާ ވަކިވަކިން މަޝްވަރާ ކުރައްވާފައެވެ. މި ހުށަހެޅުމުގެ ދަށުން، އިސްރާއީލުން ބައިރޫތުގައި އަސްކަރީ ހަރަކާތްތައް ފުޅާނުކުރުމުގެ ބަދަލުގައި، ހިޒްބުاللهއިން އިސްރާއީލަށް ދޭ ހަމަލާތައް ހުއްޓާލަން ޖެހެއެވެ.މި ހަނގުރާމައިގެ ސަބަބުން މިހާރުވެސް ވަނީ އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައެވެ. މާރިޗު މަހުން ފެށިގެން ހަމަލާތައް ވަރުގަދަވި ފަހުން ލުބުނާނުގެ އެކި ސަރަހައްދުތަކުން އެއް މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ލުބުނާނުގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި 3,400 އަށްވުރެ ގިނަ މީހުން މަރުވެ، 10,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.އެންމެ ފަހުން ހިނގަމުންދާ ހަމަނުޖެހުންތަކަށް ބައިނަލްއަގުވާމީ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، ގަތަރު އަދި މިސްރުން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ކެތްތެރިކަން އިސްކުރުމަށާއި، ހަނގުރާމަ އިތުރަށް ފުޅާވިޔަ ނުދިނުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް ކުރުމަށް ގޮވާލާފައެވެ.ނަމަވެސް، ބައިރޫތުގެ ގިނަ އާއިލާތަކަށް ޑިޕްލޮމެސީ ފެންނަނީ ވަރަށް ދުރު ކަމެއްގެ ގޮތުގައެވެ. ދާހިޔާ ސަރަހައްދުން ކާރުތައް ބޭރަށް ނުކުންނަމުންދާއިރު، އެތައް ހާސް ބަޔަކު ތިބީ މި ކާރިސާ ނިމޭއިރު އެނބުރި ދާނެ ގެދޮރެއް ހުންނާނެތޯ ކުރެވޭ ސުވާލުގެތެރޭގައެވެ.
![]()
