ޖަޕާނުގެ ޖޯގްރަފީއާއި ކުރިއެރުމުގެ ތެރެއިން ގިނަ އަހަރުތަކެއްވަންދެން ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރއަށް ބަރޯސާވުން ނޫން އެހެން ގޮތެއް ނެތިފައިވުމާއެކު އަދި އެމެރިކާ ޑޮލަރަކީ އެންމެބޮޑަށް އިތުބާރުކުރެވޭ ފައިސާ ކަމަށްވެސް ވެފައި އެމެރިކާގައި އިންވެސްޓްކުރުމުން ލިބެމުންދިޔަ ފައިދާއާއި އޭގެ ނަތީޖާވެސް ރަނގަޅުވުމާއެކު އެމެރިކާއިން ވިއްކަމުންދިޔަ އެތައް ބިލިއަން ޑޮލަރެއްގެ ޓްރެޝަރީ ބޮންޑް ގަނެފައިވާ ގައުމުތަކުގެތެރޭގައި ޗައިނާ އަދި ޖަޕާން ހިމެނެއެވެ.
ނަމަވެސް އެމެރިކާގެ އިގްތިސާދަށް ކުއްލިއަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާން ފެށުމާއި އަދި މިހާރު އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައާ ގުޅިގެން އެމެރިކާއިން ދަރަންޏަށް ފައިސާނެގުންވެސް އިތުރުވެ ދަރަނިތައް ގިނަވެ ދަރަނިތައް އަދާކުރަން ދައްކަންކުރަންޖެހޭ ފައިސާގެ އަދަދު އިތުރުވެ ބޮންޑު މާރކެޓުންވެސް އިންޒާރުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. އަދި އެމެރިކާގެ ޓްރެޝަރީ ބޮންޑަށް ކުރެވުނު އިތުބާރުގައިވެސް ރެނދު އަޅަންފަށައިފިއެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ ތެލުގެ އަގު އުފުލި ޖަޕާނާއި އޭޝިއާގެ ބައެއް އެހެން ގައުމުތަކުގެ ފައިސާއަށް ބޮޑެތި ލޮޅުންތަކެއް އަރަންފެށުމާއެކު ޗައިނާއާއި ޖަޕާން އަދި ގިނަ އެހެން ގައުމުތަކަކުންވެސް އެމެރިކާގެ ޓްރެޝަރީ ބޮންޑުގައި ޖަމާކޮށްފައިވާ ފައިސާ މަދުކުރަން ފަށައިފިއެވެ. އިރުމަތީގެ ގިނަ ގައުމުތަކެއް ގަލްފުގެ ތެލަށް ލެނބިފައިވުމާއެކު ހަނގުރާމައިގެ ސަބަބުން ގިނަ ގައުމުތަކެއް އިގްތިސާދީ ޕްރެޝަރގެ ތެރެއަށް ވެއްޓިފައިވަނިކޮށް އިގްތިސާދީގޮތުން އެންމެބޮޑު ނޭންގުމެއްގެ ތެރެއަށް ވެއްޓުނުގައުމުތަކުގެ ކުރީ ސަފުގައި ޖަޕާން ހިމެނެއެވެ. މި ހާލަތުން އަރައި ގަތުމަށްޓަކައި އެމެރިކާގައި ކޮށްފައިވާ އިންވެސްޓމެންޓްތައް މާރުކުރަން ޖަޕާނަށްވެސް މަޖުބޫރު ވެގެން ދިޔައީ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން އެމެރިކާއަށްވެސް މާލީ ދަތިތަކާ ކުރިމަތިލާން ޖެހުމުން ފައިސާ ހޯދުމަށްޓަކައި ކުރާކަމަކީ ޓްރެޝަރީ ބޮންޑް ވިއްކުމެވެ. ފާއިތުވެގެން މިދާ ގިނަ އަހަރުތަކެއްގައި އެމެރިކާގެ ޓްރެޝަރީ ބޮންޑް އެންމެ ގިނައިން ގަނެފައިވަނީ ޖަޕާން އާއި ޗައިނާއިންނެވެ. އަދި ކެނެޑާއާއި ބެލްޖިއަމް އަދި ފަރަންސޭސި ވިލާތުންވެސް ވަނީ ގިނަ އަދަދެއްގެ ޓްރެޝަރީ ބޮންޑް ގަނެފައެވެ. ދާދީފަހުން ޖަޕާނުން 47 ބިލިއަން ޑޮލަރަށްވުރެން ގިނަ ޓްރެޝަރީ ބޮންޑް މިހާރުވަނީ އަނބުރާ ނަގާފައެވެ. ޗައިނާއިން ގަނެފައިވާ ޓްރެޝަރީ ބޮންޑުގެ އަދަދު މިހާރު ވަނީ 629 ބިލިއަން ޑޮލަރަށް ދަށްކޮށްފައެވެ. ބޭރުގެ ގައުމުތަކުން ގަނެފައިވާ އެމެރިކާގެ ޓްރެޝަރީ ބޮންޑްތަކުގެ އަގު އުޅެނީ 9 ޓްރިލިއަން ޑޮލަރަށްވުރެން މަތީގައެވެ.
އެމެރިކާއިން ގަނެފައިވާ ޓްރެޝަރީ ބޮންޑްތައް އަނބުރާ ނަގަންޖެހުނީ ކީއްވެގެންތޯ ބަލާލާއިރު އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްލުމުން ތެލުގެ އަގު އުފުލިގެން ދިއުމެވެ. ޖަޕާނާއި އިރުމަތީގެ ގިނަ ގައުމުތަކަކީ ގަލްފުގެ ސަރަހައްދުނ ތެޔޮ އެތެރެކުރާ ގައުމުތަކަކަށް ވުމާއެކު ތެލުގެ އަގު އުފުލުމުން ތެޔޮ ގަންނަން އިތުރު ޑޮލަރ ބޭނުންވަނީ އެވެ. މީގެ ސަބަބުން ގައުމުތަކުގެ އަމިއްލަ ފައިސާގެ އަގު ވެއްޓެމުން ދިއުންވެސް ފާހަގަކުރަންޖެހެއެވެ. މިއީ މިފަދަ ހާލަތުތަކުގައި އާންމުކޮށް ކަންތައް ހިނގަމުންދާމަގުވެސް މެއެވެ.
މިފަހަރު މެދުވެރިވެގެން އުޅޭ އަނެއް ސަބަބަކީ އީރާނާދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އެމެރިކާގެ ބަޖެޓަށް ނުކުޅަދާނަ މިންވަރަށް ހޭދަކުރަންޖެހި އެހެން ގައުމުތަކުން ދަރަންޏަށް ބޮޑެތި އަދަދުން ފައިސާ ނަގަން ޖެހުމެވެ. އޭގެތެރޭގައިވެސް ހިމެނެނީ ކުރިއްސުރެން އެމެރިކާގެ ޓްރެޝަރީ ބޮންޑް ގިނައަދަދަކަށް ގަނެފައިވާ ގައުމުތަކެވެ. އެ ގައުމުތަކުގެ ބޮންޑް އަނބުރާނެގުން ހުއްޓުވުމަށްޓަކައި އެމެރިކާއިން ވަނީ އިތުރު އިންޓެރެސްޓްވެސް ދޭންޖެހިފައެވެ. ހަމައެއާއެކު އެމެރިކާއިން ޓްރެޝަރީ ބޮންޑް ގަތުމާއި އިންވެސްޓް ކުރުމުގައި ޔަގީންކަން ކުޑަވެފައިވުމާއެކު ކުރިއަށްއޮތް ތަނުގައި އެމެރިކާގައި އިންވެސްޓްކުރުމަކީވެސް އެމެރިކާއަށް މިހާރު ދިމާވެފައިވާ ގޮންޖެހުމެކެވެ.
ޓްރެޝަރީ ބޮންޑުން ލިބޭ ފައިދާގެ ޔަގީންކަން ކުޑަވުމުން ދުނިޔޭގެ ބާޒާރަށްވެސް އެކަމުގެ އެނގުން ފެންނަމުންދާންފަށައިފިއެވެ. ޚަރަދުކުރުން ކުޑަވެ، ބާޒާރުގެ ވިޔަފާރި ދަށްވުމާއި މަރުކަޒީ ބޭންކުތަކުގެ އިންޓެރެސްޓް ރޭޓުތައް އުފުލުންވެސް ހިމެނެއެވެ.
![]()
