މެދުއިރުމަތީގެ މަސްރަހު މިހާރު މިވަނީ ކުރިއަށްވުރެ ނުރައްކާތެރި ދަރަޖައަކަށް ގޮސްފައެވެ. އެމެރިކާއިން އީރާނުގެ އުޅަނދުފަހަރަށް ދޭ އެއްވެސް ހަމަލާއަކަށް، ސަރަހައްދުގައި ހުރި އެމެރިކާގެ މަނަވަރުތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ސީދާ އަސްކަރީ ރައްދެއް ދޭނެކަމަށް ބުނެ އީރާނުން ވަނީ މިހާތަނަށް ދިން އެންމެ ވަރުގަދަ އެއް އިންޒާރު ދީފައެވެ.
އާދީއްތަ ދުވަހު އީރާނުގެ އޮފިޝަލުން މި އިންޒާރު ދީފައިވަނީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅީގައި ކުރިމަތިލުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ހަކަތައިގެ ބޮޑު ބައެއް މި ހަނި ކަނޑުއޮޅިން އުފުލާއިރު، މި ސަރަހައްދަށް އަންނަ ކޮންމެ ނުތަނަވަސްކަމަކީ ދުނިޔޭގެ ބާޒާރަށާއި، ތެލުގެ އަގަށް އަދި ބައިނަލްއަގުވާމީ ވިޔަފާރިއަށް ވަގުތުން ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެކެވެ.
އީރާނުގެ މަޖިލީހުގެ ފޮރިން ޕޮލިސީ އެންޑް ނޭޝަނަލް ސެކިއުރިޓީ ކޮމިޓީގެ ތަރުޖަމާނު އިބްރާހީމް ރެޒާއީ ވިދާޅުވީ، އީރާނުން ”ކެތްކުރުން މިހާރު ނިމިއްޖެ“ ކަމަށެވެ. އަދި ޕާޝިއަން ގަލްފް ސަރަހައްދުގައި އެމެރިކާއިން ދަނީ އިސްވެ ގަނާކޮށް ނުތަނަވަސްކަން އުފައްދަމުންކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އީރާނުގެ ވިޔަފާރި ނުވަތަ ތެޔޮ އުޅަނދުފަހަރަށް އިތުރު ހަމަލާއެއް ދީފިނަމަ، ”ވަރުގަދަ އަދި ނިހާއީ“ ރައްދެއް ދޭނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މި ބަޔާނަކީ އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ކަނޑުގެ ސިފައިން ދިން އިންޒާރަކާ ގުޅިގެން ދީފައިވާ ބަޔާނެކެވެ. އެ ފަރާތުން ވެސް ވަނީ އީރާނުގެ އުޅަނދުފަހަރަށް ދޭ ހަމަލާތަކުގެ ބަދަލުގައި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ސީދާ ހަމަލާދޭނެ ކަމަށް ބުނެފައެވެ.
އީރާނުގެ އޮފިޝަލުން ހާމަކުރާ ގޮތުގައި، ޖާސްކް ބަނދަރު ކައިރިން އީރާނުގެ ތެޔޮ ޓޭންކަރުތަކަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން، ހޯރްމުޒް ކަނޑުއޮޅި ސަރަހައްދުގައި އެ ގައުމުގެ ކަނޑުގެ އަސްކަރީ ހަރަކާތްތައް މިހާރު ވަނީ އިތުރުކޮށްފައެވެ. އީރާނުގެ އަސްކަރީ މަސްދަރުތަކުން ބުނާ ގޮތުގައި، މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ރައްދު ހަމަލާތަކުގެ ސަބަބުން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އެމެރިކާގެ މަނަވަރުތަކަށް ވަނީ އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރުވެފައެވެ.
މި ފަހަކަށް އައިސް ބަދަލުކުރެވެމުންދާ ހަރުކަށި ބަަސްމަގުން ދޭހަވަނީ، ތެހެރާނާއި ވޮޝިންގްޓަނާ ދެމެދު އޮތް ނުތަނަވަސްކަން ފާއިތުވި މަސްތަކުގައި ހަލުވިކަމާއެކު އިތުރުވަމުންދާ މިންވަރެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ޣައިރުގާނޫނީ ކަނޑުގެ ބަންދެއް ކުރިއަށްގެންދާ ކަމަށާއި، އާންމު ވިޔަފާރި އުޅަނދުތަކަށް އަމާޒުކުރަމުންދާ ކަމަށް އީރާނުން ތުހުމަތުކުރެއެވެ. މީގެ އިތުރުން، އީރާނުގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތަކާއި ފިއްތުންތައް ކުރިމަތިކުރަމުންދާހާ ހިނދަކު އަލުން މަޝްވަރާތަކަށް ނުދާނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.
އީރާނުގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު އަކްރަމީނިއާ ވަނީ، ކުރިއަށް އޮތް ތަނުގައި އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމުގައި ”އައު ހަތިޔާރުތަކާއި“ އަދި ”ހަނގުރާމައިގެ އައު އުކުޅުތައް“ ބޭނުންކޮށްފާނެ ކަމަށް ބުނެ، އިތުރު ކަންބޮޑުވުންތަކެއް އުފައްދާފައެވެ.
ހޯރްމުޒް ކަނޑުއޮޅިއަކީ ޒަމާނުއްސުރެ ދުނިޔޭގެ ޖިއޯޕޮލިޓިކްސްގައި އެންމެ ނާޒުކު އެއް ސަރަހައްދެވެ. އެ ސަރަހައްދުގައި އަސްކަރީ ކުރިމަތިލުމެއް ހިނގައިދާނެ ކަމުގެ ފުރުސަތު އޮތުމަކީވެސް، ތެޔޮ އެކްސްޕޯޓް ކުރުމަށް ހުރަސްއެޅި، މުޅި ދުނިޔޭގައި ތެލުގެ އަގު އުފުލި، ގަލްފް ސަރަހައްދުގެ ހަމަޖެހުން ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމެކެވެ.
މި ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ އަސަރު، ހަކަތައިގެ އަގު ބޮޑުވުމާއި، މުދާ އުފުލުމުގެ ނިޒާމަށް އަންނަ ބުރޫތަކުގެ ސަބަބުން، މެދުއިރުމަތީގެ ބޭރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ފޯރުމުގެ ފުރުސަތު އެބައޮތެވެ.
![]()
