ދުނިޔޭގެ ތާރީޚުން ފެންނަ އީރާނަށް ސަންދާނުގެ ދުރުމިން ވަރަށް ކުރުގޮތަކަށް ބަލާލުން – 2

Loading

Facebook
Twitter
WhatsApp

https://sandhaanu.today/66676/ އާއި ގުޅޭ

ވަރަށް ޚުލާސާކޮށް އޭގެތެރެއިން ހަދީސްފުޅަކަށް ބަލާލާއިރު ސަލްމާނުލް ފާރިސީއާ މުޚާތަބް ކުރައްވައި މާތް ނަބިއްޔާ ހަދީސްފުޅު ކުރެއްވި ކަމަށް ވެއެވެ. “ އިލްމަކީ އެންމެދުރުގައިހުރި ތަރިތަކުގައި ބޭއްވިފައިވާ އެއްޗެއްނަމަވެސް ފާރިސްކަރައިގެ އަހުލުވެރިން އެތަނަކަށް ގޮސް އެއިލްމު ގެނެސްދޭނެ އެވެ. “ ފާރިސް ކަރައިގެ އިލްމުވެރިންގެ ހަގީގަތް މި ހަދީސްފުޅުތަކުން ރަނގަޅަށް ހާމަވެގެން ދެއެވެ. 

އެ ޒަމާނުގައިވެސް އެންމެ ގިނަ އިލްމުވެރިން ތިބީ ފާރިސްކަރައިގާކަން ވަރަށް ސާފުކޮށް އެނގިގެން ދެއެވެ. ފާރިސް ކަރައިގެ އަހްލުވެރިންނަކީ މުސްލިމުން ކަމުގައި ވުމަށްފަހު އެމީހުންގެ ސިކުނޑިތައް އިސްލާމްދީނުގެ ނޫރުން އަލިވެ އެ ދީނުގެ ޚިދުމަތްތެރިން  ކަމުގައި ވެގެން ހިނގައްޖެއެވެ. އިލްމީގޮތުން ފާރސީންނަށް ގޮންޖަހާލެވިދާނެ އެހެން ސިވިލައިޒޭޝަނެއް ދުނިޔެ މަތީ ނުވެއެވެ. ފާރިސީން އިސްލާމްދީނަށް ކުރި ޚިދުމަތްތައް ގުނާ އަދަދު ނުކުރެވޭނެއެވެ. މިހާރު ބޭނުންކުރެވޭ އަރަބި އަކުރު އެންމެ ފުރަތަމަ އުފެއްދީ ކޮންބޭފުޅެއްތޯ ނުވަތަ އަރަބި ބަހުގެ ގަވައިދު ފޮތެއް އެންމެ ފުރަތަމަ އުފެއްދީ ކޮންބޭފުޅެއްތޯ ސުވާލު ކޮށްފިނަމަ ޖަވާބު ލިބޭނީ އެ ބޭފުޅަކީ ސިބާވޭ ކަމުގައެވެ. ހަތަރު މަތިފުޅު ފާރިސީއެކެވެ. 

ސިބާވޭ އުފަންވީ އަރަބިންގެ ތެރޭގައި ހިމެނޭ ފާރިސީ މައިން ބަފައިންނަށެވެ. އެބޭފުޅާގެ މާދަރީ ބަސްކަމުގައި ބެލެވޭ އަރަބި ބަހަށްވުރެން މޮޅަށް އެބޭފުޅާ ފާރިސީ ބަސް ދެނެވަޑައިގަންނަވާ ކަމަށްވެއެވެ. އެ ބޭފުޅާގެ މަޝްހޫރު ފޮތް އަލްކިތާބު އަކީ އަރަބި ބަހުގެ ގަވައިދުގެ މަންމަ ކަމުގައި މިހާރުވެސް ބެލެވެއެވެ.                             

ހަދީސް އިލްމުގެ އަހުލުވެރިންނަށް ބަލާލާއިރު އިމާމް ބުޚާރީއާއި އިމާމް މުސްލިމް އަދި ތިރްމިޒީ އަކީ ތިރްމިޒްއަށް ނިސްބަތްކުރެވޭ ބޭފުޅުންނެވެ. ތިރްމިޒް އަކީ އީރާނުގެ އުތުން އުޒުބަކިސްތާން ކައިރީގައި އޮންނަ ޝަހަރެކެވެ. އިމާމް އައްނަސާއި އާއި އިމާމް އިބްނު މާޖާއަކީ ގަރްވިންގެ ބޭފުޅުންނެވެ. ގަރްވިން ނުވަތަ ގަޒްވިން އަކީ ސަފާވިންދުންގެ ރަސްކަމުގެ ވެރިރަށެވެ. ފިގްހު އިލްމު ވެރިންގެ ލިސްޓަށް ބަލާލާއިރު އިމާމް އަބޫ ހަނީފާ އާއި އައް ނަސާއި ފާހަގަކޮށްލަން ޖެހެއެވެ. އިމާމް ޝާފިއީގެފާނު ވިދާޅުވެފައިވެއެވެ ފިގްހް އިލްމްގައި އިލްމުވެރިން އަބޫ ހަނީފާއަށް ދަރާފައިވާ މިންވަރު އަދާ ނުކުރެވޭނެއެވެ. އަބޫ ހަނީފާއަކީވެސް ފާރިސީއެކެވެ. އަބޫ ހަނީފާއަށް ފަހު ޖައްސާމްފަދަ އެތައް ބޭފުޅަކު މަޝްހޫރު ފިގްހް އިލްމުވެރިންގެ ގޮތުގައި ފާހަގަކުރަންޖެހެއެވެ. އެ ބޭފޫޅުންނަކީވެސް ފާރިސީންނެވެ. ތަފްސީރުގެ އިލްމަށް ބަލާއިރު އިމާމައްތަބަރީ އާއި އިމާމް މަކްޝަރީ ފާހަގަކުރަންޖެހެއެވެ. 

އެ ބޭފުޅުންނަކީވެސް ފާރިސީންނެވެ. އަގާއިދު އިލްމުލް ކަލާމް ގެ ރަންތަރިންގެ ތެރޭގައި އިމާމް އަލް ޖުވައިނީ އަލް ގަޒާލީގެ ނަންފުޅު އެންމެ ކުރި ސަފުން ގުނާލަން ޖެހެއެވެ. އެބޭފުޅުންނަކީވެސް ފާރިސީންނެވެ.           

މިވާހަކަ ދައްކާއިރު އިސްލާމީ އުންމަތުގެ އެންމެ މަޝްހޫރު ޝާއިރުންގެ ލިސްޓަށްވެސް ބަލާލުން ރަނގަޅުވާނެއެވެ. އެބޭފުޅުންގެ ޝައިރީގައި އިސްލާމީ އާދަކާދައާއި ސަގާފަތް ގެނެސްދީފައިވަނީ ލާމަސީލު ގޮތެއް ގައެވެ. މި ލިސްޓުގެ އެންމެކުރީގައި ފިރުދައުސީ އާއި  ޖަލާލުއްދީން ރޫމީ އާއި ހާފިޒްގެ ނަން ފާހަގަ ކޮށްލެވޭނެއެވެ. އެ ބޭފުޅުންނަކީވެސް ފާރިސީންނެވެ. ފަހުގެ ތާރީޚުގައި އެންމެ ފާގަކުރެވޭ އިގްބާލް ގެ ޝާއިރީގެ އަސްލަކީވެސް ހަމަ ފާރިސީ ބަހެވެ. ފާރިސީ ބަހަކީ އަރަބި ބަސް ނަގާފައި އިސްލާމީ ސިވިލައިޒޭޝަންގެ އެންމެ މުހިންމު ބަސްކަމުގައި ގަބޫލުކުރަން ޖެހެއެވެ.                                                        

އީރާނަކީ މިއަދު މިކިޔާ ސުންނީ އިލްމާއި ސުންނީ ފިގްހާއި ސުންނީ ތަސައްވުފާއި ސުންނީ އާބެހޭ ހުރިހާ އިލްމެއްގެ މައި މަރްކަޒުކަން މިއަދުގެ ޖީލުތަކަށް އޮޅިފައި އޮވެދާނެއެވެ. އެހެންނަމަވެސް ހަގީގަތަކީ މިއީއެވެ. މި ރޮނގުން ފާރިސީންނަށް ނުވަތަ މިއަދުގެ އީރާނުގެ ބިމަށް އިސްލާމުން ޝުކުރުވެރިވާންޖެހޭ މިންވަރު އަދަދު ނުކުރެވޭނެއެވެ.                

އީރާނަކީ މިޒަމާނުގައިވެސް ތައުލީމީ ގައުމެކެވެ. 1979 އާ ހަމަޔަށް އެގައުމުގެ ލިޓްރެސީ ނިސްބަތަކީ ގާތްގަނޑަކަށް %37 އެވެ. މިއަދުގެ ނިސްބަތަކީ %97 އެވެ. 15 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންގެ ތައުލީމީ ނިސްބަތަކީ %99 އެވެ.                    

ހުޅަނގުން ދުނިޔެއަށް ދައކަން ބޭނުންވާ އީރާނުގެ ތަސްވީރަކީ އެ ގައުމުގެ ރައްޔިތުންނަށް މިނިވަންކަން ލިބިފައި ނެތުމާއި އަންހެނުން އެކަހެރިކުރުމާއި ބޯނިވާކޮށްގެން މަގުމައްޗަށް ނިކުންނަން ޖެހުމުގެ ބަހަނާއެވެ. އިސްލާމީ ގިނަ ގައުމުތަކުގައި އަންހެނުންގެ ހައްގުތައް މާބޮޑަށް ހަނިކުރެވިފައިވާއިރުވެސް އެއީ މައްސަލައަކަށް ނުވެއެވެ. އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖޭގެ އިލްމުވެރިންވެސް ފަހަކަށް އައިސް އެންމެ ބޮޑަށް ވަކާލާތު ކުރަމުން ގެންދަވަނީ އަންހެނުން މަގުމައްޗަށް ނިކުމެއުޅޭއިރު ނިވާކުރަނިވި ހެދުމެއްގައި ހުރުމަށެވެ. 

އެކަމަކު ހުޅަނގުން އީރާނަށް ފާޑުކިޔާތީ އީރާނުގެ އަމުރުތައް ކަމަކު ނުދެއެވެ. ހަގީގަތަށް ބުރަވެ ހުރެ ވާހަކަ ދައްކާނަމަ ގަލްފް ސަރަހައްދުގެ ބައެއް މުސްލިމް ގައުމުތަކުގައި އަންހެނުން އެކަހެރިކޮށްފައިވާ މިންވަރާ ކައިރިއަށްވެސް އީރާނުން އަންހެނުން އެކަހެރި ކޮށްފައެއް ނެތެވެ. ކޮންމެ އަންހެނަކީވެސް ބޭނުން ފެންވަރަކަށް ކިޔެވުމާއި ވަޒީފާ އަދާކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބިފައިވާ މީހެކެވެ. ވަކި ވަޒީފާއެއް މަނާކޮށްފައެއް ނޯވެއެވެ. އެހެންނަމަވެސް ފައިސލާ ކުރަނިވި ބައެއް މަގާމުތަކުގައި ފިރިހެނުންނަށް އިސްކަން ދީފައި ވެއެވެ.                                 

ކުރީ ޒަމާނުގައިވެސް އަދި މިހާރުވެސް އީރާނުގެމައްސަލައަކީ އެގައުމުގެ މުއްސަނދިކަމާއި ޖިއޯގްރަފީގޮތުން އެ ގައުމުއޮތް މަގާމުގެ މުހިންމުކަން ފޭރިގަނެގެންތިބި އިނގިރޭސީން ބޭލުމާއެކު އަލުން އެ މުއްސަނދިކަން އަތުލުމަށްޓަކައި އިނގިރޭސި ވިލާތުން އެމެރިކާގެ އެހީއަށް އެދުމުން އެދުވަސްވަރު މެދުއިރުމަތީގެ މުއްސަނދިކަމަށް ލޯހުޅުވިފާނެތް އެމެރިކާއަށް މެދުއިރުމަތީގެ މުއްސަނދިކަން ބޭނުންވުމެވެ. އަރަބި ގައުމުތަކުން އެމެރިކާގެ ގީދަޅު ވިސްނުމުގެ ޝިކާރައަކަށްވެގެން ދިޔައިރު އީރާނުން އިޚްތިޔާރުކުރީ އެގައުމުގެ މުއްސަދި ކަން އެ ގައުމުގެ ރައްޔިތުންގެ މިލްކިއްޔާތެއްގެ ގޮތުގައި އޮތުމެވެ.                              

މި މައުޟޫއަށް ވާހަކަ ދައްކާއިރު ޑިމޮކްރެސީ އާއި އަމިއްލަ ނަފުސުގެ މިނިވަންކަމަށް އެންމެ ބާރަށް އަޑުއުފުލާ ދައުވާކުރަމުން ގެންދާ ގައުމުތަކުގެ އަފްރާދުންގެ ވިސްނުމަށް އަންނަ ބަދަލުތައްވެސް ފާހަގަ ކުރަން ޖެހެއެވެ. ފިރިހެނުން ވަޒީފާއަދާކޮށް މަސައްކަތް ކުރަމުން ގެންދަނީ އަނބިދަރިންނަށް ޓަކައެވެ. އާއިލާއަށް ތަނަވަސްކަން ލިބި ދިނުމުގެ މަގްސަދުގައެވެ. އެކަމަކު އަނބިމީހާ ވަޒީފާއަދާކޮށް އާމްދަނީ ހޯދުމުގެ ބޭނުމަކީ އޭނާގެ އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. 

އިންސާނީ މުޖުތަމާގެ ވިސްނުމަށް މިއަންނަ ބަދަލުތައް ސިފަކޮށް އެ ވިސްނުމުގައި އެންމެ ކުރީ ސަފުން ފެންނަ ޖަމާއަތްތަކުން ބުނަންފަށައިފިއެވެ. ގޭގައި ގެންގުޅޭ ކުއްތާ އެ ސޮރަށް ކާންދީ ބަލަހައްޓާ މީހާއަށް އިހްތިރާމް ކުރާ މިންވަރާ ގާތަށްވެސް މިއަދުގެ ބައެއް އަނބިން އޭނާގެ ފިރިމީހާއަށް އިހްތިރާމްކުރާތަނެއް ނުފެނެއެވެ. އެފަދަ ވެއްޓެއްގައި ގައުމުގެ ދަރިން ބޮޑުވަމުން ދިއުމަކީ ވިސްނާ ފިކުރުކޮށް އިސްލާޙު ކުރަން ޖެހިފައިވާ ބޮޑު ޙަގީގަތެކެވެ.            

Loading

Leave a Reply

ފަހުގެ އަޕްޑޭޓް